ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރަނީ ހަގީގަތާއި ހިލާފު ތުހުމަތެއް، އެއްވެސް ކުށެއްގައި ބައިވެރި ނުވަން: ޒެނީޝާ

ކުރީގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ޒަކީ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާގައި ހިނގައިދިޔަ ހަމަނުޖެހުމެއް ކޮންޓްރޯލް ކުރީ ގާނޫނާއި އުސޫލުތަކާއި ހިލާފަށްކަމަށް ބުނެ ދައުވާކޮށްދޭން އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފޮނުވާފައިވަނީ ހަގީގަތާއި ހިލާފު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަމަށް މިދިޔަ ސަރުކާރުގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުޑަކުދިންގައި ހިނގައިދިޔަ ހަމަނުޖެހުމެއް ކޮންޓްރޯލު ކުރުމަށް ތަނުން ކުދިން ނެރެގެން ދިޔައީ ގާނޫނާއި އުސޫލުތަކާއި ހިލާފަށްކަމަށް ބުނެ ޒެނީޝާ އާއި ތަނުގެ މުވައްޒަފުންނާއި ބައެއް އިސްވެރިންގެ މައްޗަށް ދައުވާކޮށްދޭން އެދި އެޗްއާރުސީއެމްއިން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިއަދު އެވެ.

އެނގިފައިވާ ގޮތުން މިއީ ތަނުގެ ކޮންޓްރޯލް ނެއްޓި، ފުލުހުންގެ އެހީ ވެސް ހޯދައިގެން ތަނުގެ ބައެއް ކުދިން ބޭރަށް ނެރުނު މައްސަލައެކެވެ. ނަމަވެސް އިތުރު ތަފްސީލެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ޖުމްލަ 30 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ހުށަހަޅާފައިވާ އެ މައްސަލައިގައި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ހިމެނެ އެވެ.

މައްސަލައިގައި ޕީޖީގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ޝަފީއު ވިދާޅުވީ، ހަފްތާއެއްގެ ތެރޭގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނެކަމަށާއި މިވަގުތު ކުރިޔަށް ގެންދަނީ މަޝްވަރާގެ މަރުހަލާ ކަމަށެވެ. ޝަފީއު ވެސް ވިދާޅުވީ މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ދައުވާކޮށްދޭން އެދިފައިވާކަމަށެވެ. އިތުރު ތަފްސީލުތައް މީޑިއާތަކާއި ކުރިޔަށް އޮތް ތަނުގައި ހިއްސާ ކުރާނެކަމަށް ޝަފީއު ވިދާޅުވި އެވެ.

ހިޔާގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލައިގައި ޒެނީޝާއަށް ދައުވާކޮށްދޭން އެދިއްޖެ

މި މައްސަލައިގައި މިހާތަނަށް އެޗްއާރުސީއެމްއިން މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ނުދެ އެވެ. އަދި މީޑިއާތަކުން ހަބަރުތައް ކަވަރު ކުރުމުން، ޒެނީޝާ ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތާއި ހިލާފު ތުހުމަތުތަކެއް ކަމަށެވެ. ޖިނާއީ އެއްވެސް ކުށެއްގައި ބައިވެރިވެފައި ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ޒެނީޝާ ވިދާޅުވީ، އެޗްއާރުސީއެމްއިން ކުރާ ތުހުމަތުތަކަކީ ޒާތީ ތަޢައްސުބުން އުފަންވެފައިވާ، ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައެއް ކަމަށެވެ.

ޒެނީޝާ ވިދާޅުވީ މިއީ ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުންހިފައި ހިންގުވާފައިވާ، ގާނޫނީ ހަމަތަކާއި ކަނޑައެޅިގެން ހިލާފު ހަރަކާތެއްކަން ސާބިތުވެގެން ދާނެކަމާއި މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

ޖިނާއީ އެއްވެސް ކުށެއްގެ ތުހުމަތުން ބަރީއަވެ، މިވަގުތު އެޗްއާރުސީއެމްއިން ފޮނުވާފައިވާ މައްސަލައިގައި އޭނާގެ ފަރާތުން މައުލޫމާތުތައް ހިއްސާ ކުރަމުން ދާނީ ގާނޫނީ ވަކީލުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ޕްރިމިއާރ ޗެމްބާޒް އެލްއެލްޕީ މެދުވެރިކޮށްކަމަށް ޒެނީޝާ ވިދާޅުވި އެވެ.

ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާތީ އެކަމުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާކޮށް ތަންފީޒު ކުރުމުގައި އެންމެ ބުރަ މަސައްކަތް ކުރި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް މެމްބަރުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާރ މިނިސްޓަރުކަން ކުރި ޒެނީޝާއަކީ ހިޔާގެ މަސައްކަތްތައް އެންމެ ގާތުން ބެލެހެއްޓި މިނިސްޓަރެވެ. އެގޮތުން ހަފްތާ ބަންދުތަކުގައި ހިޔާގެ ކުދިންނާއި އެކު ވަގުތު ހޭދަ ކުރުމާއި، އެ ކުދިންނަށް އަމާޒުކޮށް ތަފާތު އެކި ޕްރޮގްރާމްތަކެއް ޒެނީޝާ ހިންގެވި އެވެ. އަދި އޭނާއަކީ މިދިޔަ ސަރުކާރުގައި ޕީޕީއެމް ނުވަތަ ރައީސް ޔާމީން ޕްރޮމޯޓު ކުރުމުގެ އެއްވެސް ޖަލްސާއަކު ފެނިފައި ނުވާ ހަމައެކަނި މިނިސްޓަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: