ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައަކީ ޖޭއެސްސީގެ މެމްބަރެއް، ދައުވާ އަނބުރާ ގެންދަން ގޮވާލުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ޒަކީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަކީ ދޭތެރެއަކުން ގިނަ މައްސަލަތަކެއް ފެންމަތިވާތަނެކެވެ. ދައުލަތުގެ ބެލުމުގެ ދަށުން، ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ފަރާތުން ނޭދެވޭ ކަންތަކެއް ފެނި، ތަނުގެ ކޮންޓްރޯލް ގެއްލިދާ ފަހަރުތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހިފައި އެބަހުއްޓެވެ. ދާދި ފަހުން ވެސް ހަމަ މިފަދަ މައްސަލައެއް ފެންމަތިވެ، މުޅި ސޯޝަލް މީޑިއާ ކެކިގެން ދިޔަ އެވެ.

2017 ވަނަ އަހަރުގެ ތެރޭގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ނުވަތަ ފިޔަވަތީގައި މިފަދަ ކަމެއް ހިނގައިދިޔަ އެވެ. ތަނުގެ ކޮންޓްރޯލް ނެއްޓުމުން، ތަން ހަމަޔަކަށް އެޅުވުމަށްޓަކައި ފުލުހުންގެ އެހީ ބޭނުން ކުރީ އެވެ. ތުހުމަތުތައް ކުރެވޭ ގޮތުން، އެފަހަރު އެތަނުން ކުދިން ނެރެގެން ގެންދިޔައީ ބިޑި އެޅުވުމަށް ފަހު އެވެ. އެހެން ނަމަވެސް މިއީ ތުންތުންމަތީން އައިސް މީޑިއާތަކުގައި ދެކެވޭ ވާހަކައެކެވެ.

އޭރު އެ ހިނގައިދިޔަ ހަމަނުޖެހުން ސާފު ކުރުމަށް “ސަންގު” އިން މަސައްކަތް ކުރުމުން އެނގުނީ، ބައެއް ކުދިން ތަނުން ނެރެގެން ގެންދިއުމުގައި އުސޫލާއި ހިލާފަށް އަމަލު ކުރި ކަމެވެ. އެބުނާ އުސޫލާއި ހިލާފުވި ހިސާބަކީ ކުދިން ނެރެގެން ގެންދިއުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ބައެއް މުވައްޒަފުން އެ ކުދިންނާއި ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި، ޔުނިފޯމުގައި ފުލުހުން ވަނުމެވެ.

ބިޑި އަޅުވައިގެން ކުދިން ނެރުނު ވާހަކަ ސާފެއް ނޫނެވެ. ކޮންމެއަކަސް އެ ދުވަހު އެ ހިނގި ކަންތަކުގެ ސަބަބުން ބައެއް ކުދިންނަށް އަނިޔާތައް ލިބިފައި ވެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ. މައްސަލަ ސީރިއަސް ވާ ހިސާބަކީ މިއީ، އެވެ. އެދުވަހުގެ މައްސަލަ ބެލުން ދައުލަތެއްގެ މައްޗަށް ލާޒިމްވެގެން ވެއެވެ.

ހަމަ އެ އަހަރު ހިނގި އެހެން ހާދިސާއެއްގައި، ހިޔާގެ މުވައްޒަފުންތަކެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވީ ރިޔާސީ ކޮމިޝަނުންނެވެ. އަދި 06 މީހަކަށް ދައުވާ ވެސް އުފުލި އެވެ.

ފަސް އަހަރު ފަހުން ހިއުމަން ރައިޓްސް ކޮމިޝަނުން މައްސަލައިގެ ތަހުގީގު ނިންމައި، ރިޕޯޓު އެކުލަވާލިއިރު ޖުމްލަ 30 މީހަކު ކުށްވެރި ވެއެވެ. އޭގެ ތެރޭގައި އޭރުގެ ޖެންޑާރ މިނިސްޓަރަކަށް ހުންނެވި، ޒެނީޝާ ޝަހީދު ޒަކީ އާއި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ހިމެނެ އެވެ.

މިއީ ހިޔާ އާއި ގުޅުން ހުރި މައްސަލައެއްގައި ދައުވާކޮށްދޭން އެދި ފޮނުވި ފުރަތަމަ ފަހަރު ނޫން ނަމަވެސް، އެންމެންގެ ސަމާލުކަން ދަމައިގަތީ ލިސްޓުގައި ޒެނީޝާ އާއި ބަޝީރު ހިމެނޭތީ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ، މައްސަލައިގައި އެޗްއާރުސީއެމުން ބޮޑު ރިޕޯޓެއް ފޮނުވާފައިވާ ކަމަށެވެ. އަދި މިއީ ގިނަ މީހުން ހިމެނޭ މައްސަލައެއްކަމަށާއި، މިވަގުތު ކުރިޔަށް ދަނީ މަޝްވަރާކޮށް ދިރާސާ ކުރުން ކަމަށެވެ. އިތުރު ތަފްސީލެއް ޕީޖީން ނުދެ އެވެ.

މި މައްސަލައިގައި މިހާތަނަށް އެޗްއާރުސީއެމްއިން މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ދީފައިނުވާއިރު، ޕީޖީގެ އަމާޒަކީ ހަފްތާއެއްގެ ތެރޭގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމެވެ. ނަމަވެސް މައްސަލައިގައި ގޮތެއް ނުނިންމި އެއަށް ވުރެ ދިގުލައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މިހާ ދިގުކޮށް، މިވާހަކަ މި ދައްކަނީ ޖިނާއީ ތުހުމަތުތަކެއްކޮށް ޕީޖީއަށް ހުށަހަޅާފައިވާ މައްސަލައެއްގެ ވާނުވާ އަދި މިހާތަނަށް ސާފުނުވެ އޮއްވައި، އެކަމާއި ގުޅޭގޮތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހުންނަވާ މުހައްމަދު ނަޝީދު ޓްވީޓެއް ކުރެއްވި އެވެ. ރައީސް ނަޝީދު ޒެނީޝާގެ ދިފާއުގައި ނިކުންނެވުމުގެ މާ ކުރިން، އެހެން މީހުން ޒެނީޝާގެ ދިފާއަށް ނިކުމެ ވާހަކަތައް ދެއްކެވި އެވެ.

ޖޭއެސްސީގެ މެމްބަރަކަށް ހުންނަވައި، ރާއްޖޭގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ އަދި އެންމެ ނުފޫޒު ގަދަ ލީޑަރު ވިދާޅުވީ ޒެނީޝާއަށް ދައުވާ އުފުލައިފި ނަމަ އޭގެ ސަބަބުން މުޖްތަމައުއަށް ގެއްލުންތަކެއް ވާނެ ކަމަށެވެ. ރައީސް ނަޝީދަކީ މީގެ ކުރިން ވެސް އެކި މީހުންނަށް ކުރެވުނު ތުހުމަތުތަކުގެ ތެރެއިން އެބޭފުޅުންގެ ދިފާއުގައި ނިކުންނެވި، ބޭފުޅެއް ނަމަވެސް މައްސަލަ ގޯސްވާ ހިސާބަކީ، ޖުޑިޝަރީއާއި ގުޅުން ހުރި ގޮނޑިއެއްގައި ހުންނަވާ ބޭފުޅަކު މިނިވަން މުވައްސަސާއެއްގެ ތަހުގީގުގެ ތެރެއަށް ބަސް ބުނުމެވެ.

ދައުވާތައް އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމަށް ބުނެ، ރައީސް ނަޝީދު ވާހަކަ ދެއްކެވިއިރު ޒެނީޝާ އަކީ އެއްވެސް ސިފައެއްގައި ސިޔާސީ ކަންކަމާއި ގުޅުން ހުރި ފަރާތެއް ނޫނެވެ.

ރައީސް ނަޝީދުގެ ޓްވީޓާއި އެކު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ހިތްހަމަނުޖެހުނެވެ. އެމަނިކުފާނާއި ގާތް އަރިސް ބޭފުޅުން ވެސް އެއީ ރައީސް ނަޝީދު ހެއްދެވި ގޯހެއްގެ ގޮތުގައި ވިދާޅުވި އެވެ. މިނިވަން މުވައްސަސާއެއްގެ ތަހުގީގަށް، ރައީސް ނަޝީދު ބަސް ވިދާޅުވީ އެންމެ މީހަކަށްޓަކަ އެވެ.

ކުޑަކުދިންގެ ހިޔާގައި “އަސްލު” ވީ ކިހިނެއްކަން ބަލާނެ މީހެއް ނެތެވެ.

އޮކްޓޯބަރު މަހުގެ 29 ގައި ރައީސް ނަޝީދު އެ ކުރެއްވި ޓްވީޓަށް ގިނަ ބަޔަކު ރައްދު ދިނެވެ. އެމަނިކުފާނުގެ ސަރުކާރުގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދު، ރައީސް ނަޝީދުގެ އެ ޓްވީޓު ރީޓުވީޓުކޮށް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ނުފޫޒުން ޖޭއެސްސީ މިނިވަން ވާން ޖެހޭ ކަމަށެވެ. ކޯޓުތަކަށް ނުސީދާ ގޮތުގައި ނުފޫޒު ފޯރުވުމަށް ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބުން ދިޔާނާ ގޯސް ކުރެއްވި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅިވީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ މަތި ކުރެވިފައިވާ ފަރާތްތަކުން އިހުމާލުވާނަމަ ދައުވާ ކުރެވޭނެ ކަމަށެވެ. އެ މީހުން ޒިންމާއަދާ ކުރުވުމަށް ދައުލަތަކުން، ކޮންމެހެން ވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް ހައިލަމް ވިދާޅުވި އެވެ.

މިނިވަން މުވައްސަސާތަކުގެ ނިންމުންތަކަށް “މަޖިލީހުގެ ރައީސް” ނުފޫޒު ފޯރުވުން ބަލައި ނުގަނެވޭނެކަން ހައިލަމް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިރު ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ގާނޫނުގެ ކުރިމަތީ އެންމެނަކީ ހަމަހަމަ ބައެއް ކަމަށާއި، އެއްވެސް މީހަކު އޭގެ ތެރެއިން އިސްތިސްނާ ނުވާނެ ކަމަށެވެ. އެހެން ނަމަވެސް މީހުން ފްރޭމްކޮށް، ދައުވާ އުފައްދައިގެން ކުރާ އުންސުރު ހަމަނުވާ ސިޔާސީ ކޮންމެ ދައުވާއަކީ މުޖްތަމައު ބަލައިގަންނާނެ ދައުވާއެއް ނޫންކަމަށް ޑރ. ދީދީ ވިދާޅުވި އެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ޖެހޭ ވާހަކަ ދައްކަނީ މި ސަބަބާއި ހުރެ އެވެ. ޖޭއެސްސީގައި ހުންނަވާ ބޭފުޅަކު ވަކި މީހަކަށް ކުރި ދައުވާއެއް ނުވަތަ ހުކުމެއް ރަނގަޅު ނޫންކަމަށް ބުނެ ވާހަކަ ދެއްކުން އެއީ މައްސަލަ އެކެވެ.

ޖިނާއީ ކުށެއްގައި އެންމެ މީހަކަށް ދައުވާ ކުރުން ގޯހަސް، އެކަން ސީދާ ޖޭއެސްސީގެ ގޮނޑީގައި އިން ބޭފުޅަކު ދެއްކެވުން ވެސް މައްސަލަ އެކެވެ. އެއީ އެއްގޮތަކަށް ވެސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައެއް ގޯސްވުމެއް ނޫނެވެ. ޖޭއެސްސީގެ މެމްބަރަކު މިނިވަން މުވައްސަސާއެއްގެ މަސައްކަތަށް ފާޑުވިދާޅުވުން، އެއީ މައްސަލަ އެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: