ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު އޮތީ ވެންޓިލޭޓަރަށް ލާންޖެހޭ ހިސާބުގައި: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށައަޅާފައިވާ ބަޖެޓު އޮތީ ވެންޓިލޭޓަރަށް ލާންޖެހޭ ހިސާބުގައިކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ބަޖެޓު ބަހުސް މަރުހަލާގައި މިއަދުގެ މަޖިލީހުގެ ތަޅުމުގައި މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށައަޅާ ބަޖެޓުގެ މަސައްކަތް ކުރަން ޖެހިފައިމިވަނީ ގައުމު ވަރަށް ނިކަމެތި ހާލަތެއްގައި އޮއްވާ ކަމަށެވެ. ގައުމުގެ އިގްތިސާދީ ހާލަތު ދަށްކަން ހާމަވާ ބައެއް ކަންކަން ފާހަގަކުރައްވަމުން، އާދަމް ޝަރީފް ވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވާ ކަމަށާއި، ދިވެހި ރުފިޔާގެ އަދު ދަށަށް ދާކަން ފާހަގަކުރައްވާފައެވެ. އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ އަގު މައްޗަށްދާ ކަމަށާއި، އާންމު ރައްޔިތުން ލޯނު ނެގުމަށް ރަހުނުކޮށްފައި ހުރި ތަކެތި ބޭންކަށް ނަގާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށްރަށުގައި ފައިސާ ދައުރުވާނެ ގޮތެއް ނެތުމުން ރަށްރަށުގައި ދިރިއުޅެމުންދާ މީހުންނަށް ފަގީރުކަމުގެ އިހުސާސް ކުރެވެމުންދާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތަކީ މިހާރު އޮތް އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އެންމެ ކަމުދާ ސިޔާސަތުތަކެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކައިގައި މިއަދު އިއުލާންކޮށްފައިވާ މިނިމަމް ވޭޖަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން މިނިމަމް ވޭޖް ކަނޑައަޅާފައިވާއިރު ސަރުކާރުން އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަންކަމަށް ވިސްނާފައިނުވާކަމަށާއި މުހިންމު ކަންކަމަށް ރިއާޔަތްކޮށްފައިނުވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިނިމަމް ވޭޖް އިއުލާންކޮށްފައިވާއިރު، މިނިމަމް ވޭޖްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކާއިމެދު ވިސްނާފައިނުވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިއާއެކު ވަޒީފާގެ ބާޒަރަށް އަންނާނެ ބަދަލުތަކާއި ވަޒީފާތަކަށް އޮންނާނެ ރިސްކަށް ވިސްނާފައިވާކަން ބަޖެޓުން ފެންނަން ނެތްކަމަށްވެސް ވިދާޅުވިއެވެ.

“ބެލެންސް އޮފް ޕޭމަަންޓް އަދި ބަޖެޓް ބެލެންސް ހުރީ އިދިކީލަކޮށް. ދައުލަތުގެ ރިޒާވް ހުރީ ނުކިއްސަރުކޮށް.” އާދަމް ޝަރީފް އުމަރު

އާދަމް ޝަރީފް ވިދާޅުވީ، ވަޒީފާގެ ފުރުސަތުތައް މަދުކަމަށާއި ޖީޑީޕީ ނިސްބަތުން ބަލާއިރު ސަރުކާރުގެ ހަރަދު ބޮޑުކަމަށެވެ. އަދި ދައުލަތުގެ ރެވެނިއުވެސް އިތުރުވަމުންނުދާކަން ފާހަގަކުރެއްވިއެވެ. ޖުމްލަކޮށް ބަލާއިރު މުޅި ބަޖެޓު އޮތީ ވެންޓިލޭޓަރަށް ލާންޖެހޭ ހިސާބުގައިކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. އަދި ހަގީގީ މަންޒަރު ބަޖެޓު ފޮތުން ފެންނަން ނެތްކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވަނީ އިގްތިސާދު ފުޅާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއްކޮށް، އަޅަންޖެހޭ ހަރުދަނާ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތެއްވެސް ބަޖެޓު ފޮތުގައި ނެތްކަމަށް ވިދާޅުވެފައެވެ. ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ކުޑަވެފައިކަން ފާހަގަކުރައްވާފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދުވާލަކު ހައެއްކަ އަށެއްކަ އިންވެސްޓަރުން ރާއްޖޭގެ މާލީ ދޮރުގައި ޓަކިޖަހަމުންދިޔަކަމަށާއި މިހާރު ރާއްޖެއަށް އިންވެސްޓަރުން ގެނެވެފިއިވާތަން ނުފެންނަކަމަށްވެސް ވިދާޅުވިއެވެ. އަދި މިކަމުން ދައްކައިދެނީ ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނާއި އޮންނަ ގުޅުން ހީނަރުވެފައިވާ މިންވަރުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: