”މޯލްޑިވްސް ސިމެންތި“ މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރުމަށް އެސްޓީއޯއާއި އެޕޯލޯ ކުންފުނިން ސްޓްރެޓެޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯ އެނާރޖީ އެންޑް ކޮންސްޓުރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާންއެވެ. އެޕޯލޯ ހޯލްޑިންސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ މުހައްމަދު ވަހީދުއެވެ.
ރާއްޖޭގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް ސަޕްލައިކުރުމުގައި އެންމެ ކުރީ ސަފުގައި ހިމެނޭ ދެކުންފުނި ކަމަށްވާ އެސްޓީއޯ އަދި އެޕޯލޯ ހޯލްޑިންގްސްއިން ސޮއި ކުރި މިއެއްބަސްވުމަކީ ސިމެންތީގެ ވިޔަފާރީގައި ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު އެއް އެއްބަސްވުމެވެ. އަދި މިއީ ދެކުންފުނީގެ ކޮންސްޓްރަކްޝަން ސަޕްލައި ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި އެސްޓީއޯއިން ބުނެއެވެ.

މިއެއްބަސްވުމުގެ ދަށުން އެސްޓީއޯ އަދި އެފޯލޯ ކުންފުނި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޯލްޑިވްސް ސިމެންތި ހެޔޮ އަގުގައި ފޯރު ކޮށްދެވޭނެއެވެ. އަދި ރާއްޖޭގައި ރިއަލް އެސްޓޭޓްގެ ބޮޑެތި ޕްރޮޖެކްޓް ތަކެއް ހިންގުމުގެ އިތުރުން، އަތޮޅުތެރޭގައި ކޮންސްޓްރަކްޝަން ސާމާނު އެންމެ ފުޅާކޮށް ސަޕްލައިކުރާ އެއް ކުންފުންޏަކީ އެޕޯލޯ ހޯލްޑިންގްސް ކަމަށްވާއިރު، އެކުންފުންޏާއެކު މިހެދުނު ޕާޓްނާޝިޕް އެއްބަސްވުމުގެ ސަބަބުން ”މޯލްޑިވްސް ސިމެންތި“އަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުވެގެން ދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ފަންނީ ތަޖުރިބާކާރުންނާއި، މުޅި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އިތުބާރު ހޯދާފައިވާ ”މޯލްޑިވްސް ސިމެންތި“ އަކީ މާކެޓްގައި މިހާރު ލިބެންހުރި އެންމެ ކޮލިޓީ ރަނގަޅު ސިމެންތިއަށްވެފައި، ކަސްޓަމަރުންނަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނުގެ އަގާއި ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަބަދުވެސްމަސައްކަތް ކުރާ ކަމަށެވެ.
”މޯލްޑިވްސް ސިމެންތި“އަކީ އެސްޓީއޯ އަދި އޮމާންގެ ރޭސޫޓް ސިމެންޓް ކޮމްޕެނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި، ރޭސޫޓް މޯލްޑިވްސް ސިމެންޓް ޕްރައިވެޓް ލިމިޓެޑްއިން ތިލަފުށީގައި ގާއިމްކޮށްފައިވާ ފެކްޓްރީއިން އުފައްދަމުން އަންނަ ސިމެންތިއެކެވެ. އަދި އެސްޓީއޯއިން ޖޮއިންޓް ވެންޗާ ހަދާފައިވާ އޮމާންގެ މިކުންފުންޏަކީ ގަލްފް ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި މިމަސައްކަތްކަތް ކުރަމުން އަންނަ ކުންފުނިކަން ވެސް ފާހަގަކޮށްލެވެއެވެ.

