ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޯނިއާ ޕައިލެޓުންނަށް ދޭން ޖެހެނީ ބޮޑު މުސާރައެއް، މާލީ ގޮތުން އެ ގާބިލުކަން ނެތް: މާރިޔާ

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންތާ ބޯޓު ދުއްވުމުގައި ދިވެހި ޕައިލެޓުންނަށް ފުރުސަތު ދެވެން ނެތީ، ދިވެހި ބަޖެޓުގައި އެކަމަށް ހަރަދު ކުރާ ފައިސާ ނެތުމުގެ ސަބަބުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާއާ އެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. އެހެންވެ ކޮމިޓީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ސިފައިންގެ އިސްވެރިން ރޭ ހާޒިރުކޮށްފައިވެ އެވެ.

އެމްއެންޑީއެފުން ޕްރެެޒެންޓޭޝަނެއް މެދުވެރިކޮށް ހިއްސާކުރި މައުލޫމާތަކުގެ ތެރޭގައި، ހައިޑްރޯގްރަފީ އެގްރިމަންޓް އަދި ޑޯނިއާ އެގްރިމަންޓުގެ އެއްބަސްވުމުގެ ބައެއް ކުރު ތަފްސީލުތައް ހިމެނެ އެވެ. ނަމަވެސް އެއްބަސްވުން ދެއްކުމާއި، އޭގެ ތަފްސީލުތައް ދިޔައީ ސިއްރު ކޮމިޓީއެއްގަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް ކެމްޕެއިނެއް ކުރިޔަށް ގެންދާ އެންމެ ބޮޑު ސަބަބަކީ، ދިވެހި ޕައިލެޓުންނަށް ޑޯނިއާ ދުއްވުމުގެ ފުރުސަތު ނުދިނުމާއި ރަނގަޅު ތަމްރީނެއް ނުދިނުމެވެ. އެ ބަހުސްތައް ކުރެވުމުން މީގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ސިފައިންގެ ތެރޭގައި ސީދާ ޑޯނިއާ ދުއްވުމަށް ޓްރެއިނިން ހަދާފައި ތިބި ޕައިލެޓުން ނެތް ކަމަށެވެ. ޝަމާލް ވިދާޅުވީ ގޮތުންނަމަ އެއީ ވަރަށް ބޮޑު މުސާރައެކެވެ. އަދި ޕައިލެޓުންނަށް 68000 އާއި 80000 އާއި ދެމެދުގެ އަގެއްގައި މުސާރައެއް ދޭން ޖެހޭއިރު ސިފައިންގެ ޕައިލެޓުންނަށް މުސާރައެއް ދޭއިރު އެހެން ދާއިރާތަކުން ވެސް ގޮންޖެހުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން އެހެން ދާއިރާތަކުގެ މުސާރަ ވެސް ބޮޑު ކުރަން ޖެހޭނެ ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.

އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުން މިދިޔަ ހަފްތާގައި ޑޯނިއާ މަތިންދާބޯޓު ދުއްވުމުގައި، ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ވަނީ ފަށާފަ އެވެ. އެހެން ނަމަވެސް އެމްއެންޑީއެފްގެ ދެ އޮފިސަރުން ވެސް ޑޯނިއާ ދުއްވާނީ އިންޑިއާ ސިފައިންނާއެކު އެވެ.

މާރިޔާ ވަނީ މީގެ ކުރިން ވެސް ޑޯނިއާ ދުއްވާ ޕައިލެޓުންނަށް ދޭން ޖެހެނީ ބޮޑު މުސާރައެއްކަމަށް ވިދާޅުވެ، އެ މާލީ ގާބިލުކަމެއް ނެތްކަމުގެ ވާހަކަތައް ޕްރެސް ކޮންފަރެންސްއެއްގައި ވެސް ދައްކަވާފަ އެވެ.

ރޭގެ ކޮމިޓީގެ މެމްބަރުންގެ ސުވާލުތައް އަމާޒުވުމުން އެ ވާހަކަތައް ތަކުރާރު ކުރައްވައި މާރިޔާ ވިދާޅުވީ، މިއީ ބަޖެޓަށް އަންނާނެ ވަރަށް ބޮޑު ބުރައެއްކަމަށާއި، ބޮޑު މުސާރައެއް ދީ ޕައިލެޓުން ގެންގުޅެވޭނެ ގޮތެއް ނެތް ކަމަށެވެ.

ޑޯނިއާ ފްލައިޓުތައް މާރާމާތު ކުރުމަކީ ވެސް ބޮޑު ހަރަދެއްކަމަށާއި، އެކަން ކުރުމުގެ ގާބިލުކަމެއް ވެސް ބަޖެޓުގެ ތެރޭގައި ނެތްކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. މާރިޔާގެ އެ ވާހަކައަށް ބާރު ދެއްވުމަށް މިސާލެއްގެ ގޮތުގައި ނެންގެވީ ރަށްރަށުގެ އެމްބިއުލާންސާއި، ސީ އެމްބިއުލާންސްތަކެވެ. މި އުޅަނދުތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކޮށް ބެލެހެއްޓެނީ ވެސް ކިރިޔާކަމަށާއި ހުރިހާ މަސައްކަތެއް އެއްފަހަރާ ކުރަން ޖެހުމުގެ ސަބަބުން ދައުލަތުން ކުރަން ޖެހޭ ހޭދަތައް އެތައް ގުނައަކުން އިތުރުކަން މާރިޔާގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

އެއަށްފަހު މާރިޔާ ދެން ވިދާޅުވީ މިއީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ނިންމުމެއް ނޫން ކަމަށެވެ. މި ސަރުކާރުގެ ވިސްނުމެކޭ ވެސް އެއްގޮތަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންގުޅުއްވި ސިޔާސަތަކީ ވެސް އެއީކަމަށް މާރިޔާ ވިދާޅުވި އެެވެ. މާރިޔާ ވިދާޅުވި ގޮތުން ރައީސް ނަޝީދާއި ރައީސް ޔާމީން ވަނީ އިންޑިއާއަށް ކުރެއްވި ދަތުރެއްގެ ތެރެއިން އެ ގައުމުގެ ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގައި ސޮއި ކުރައްވާފަ އެވެ.

އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމާއި ހައިޑްރޮގްރަފީ އެއްބަސްވުން ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ދައްކާލުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ ތެރޭގައި، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މާރިޔާ އާއި ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ އަދަދާއި، ޑޮނިއާ ބެލެހެއްޓުމުގައި އެ މީހުންގެ ދައުރާއި މަސައްކަތަކީ ކޮބައިތޯ އާދަމް ޝަރީފު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި މާރިޔާ ވިދާޅުވީ ޑޮނިއާ މަތިންދާ ބޯޓުގެ އެކި އިންތިޒާމުތައް ބެލެހެއްޓުމުގެ މަސައްކަތަށް ތިބީ 25 މީހެއް ކަމަށެވެ. އެއީ ތިން ޕައިލެޓުންނާއި، އޮބްޒާވަރެކެވެ. ދެން ތިއްބެވީ ޓެކްނިޝިއަނުން އަދި ސިވިލް ސިންޖީނިއަރުންކަމަށް މާރިޔާ ވިދާޅުވެ އެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު 2010 ވަނަ އަހަރުގެ ތެރޭގައި ވީ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ގެނައި ހެލިކަޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބިއިރު ގިނަ އާއްމުން ނުރުހުން ފާޅުކުރަމުންދަނީ އެ ފުރުސަތު ދިވެހި އޮފިސަރުންނަށް ނުދޭތީއެވެ. މި އެއްބަސްވުމުގެ މައްސަލައިގައި އެތައް ބައެއްގެ ނުރުހުން އަމާޒުވާން ފެށުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްމްގެ ސަރުކާރުގައި ހެލިކަޕްޓަރު އަނބުރާ ގެންދަން ވެސް އެންގިއެވެ. އަދި އެއާއި އެކު އިންޑިއާ ސިފައިން ވެސް ރާއްޖެއިން ފޭބުމަށް އެނގިއެވެ.

އެ މައްސަލަ ހައްލު ނުވެ ވަނިކޮށް، ވެރިކަން ބަދަލުވެ މި ސަރުކާރުން ވަނީ އެއްބަސްވުން މިދިޔަ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އާކޮށްފައެވެ. އެއާއި އެކު އިންޑިއާއި އެކު އޮތް ގުޅުން ބަދަހިކޮށް މިވީ ދުވަސްތަކުގެ ތެރޭގައި އިންޑިއާގެ ސިފައިންތައް ރާއްޖެ އައިސް އެކިކަންކޮޅުތަކުގައި ތިބި ކަމުގެ ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ސަރުކާރާއި އެކު އެއްބަސްވުމެއްގެ ދަށުން އައްޑޫ ސިޓީގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: