ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޭން ޖެހޭ މުސާރައެއް ނުދެވޭނެ: ޑޯނިއާއަށް ތަމްރީނު ކުރި އެއް އޮފިސަރު ވަޒީފާއިން ވަކި ވަނީ!

ސިފައިންގެ ދެ ޕައިލެޓުން ޑޯނިއާ ބޯޓުގެ ކޮކްޕިޓުގައި/ ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޯނިއާ ދުއްވަން ތަމްރީނު ކުރި ސިފައިންނަށް ރަނގަޅު މުސާރައެއް ނުދެވޭތީ، އޭގެ ތެރެއިން އެއް އޮފިސަރަކު ޕްރައިވެޓް ސެކްޓާއާއި ގުޅުމަށް ވަޒީފާއިން ވަކިވާން ނިންމާފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އައްވަޓެރި އިންޑިއާ އާއި ރާއްޖެއާއި ގުޅުވައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ، އެ ގައުމުގެ އަސްކަރީ ސިފައިން ދިވެހި ރާއްޖޭގައި އެކި ސަބަބުތަކާއި ހުރެ ތިބުމާއި މެދު އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް ހުރި ނުރަކަލެއްކަމަށް ބުނެ އެކި އިދާރާތަކަށް މައްސަލަތައް ހުށަހެޅި ނަމަވެސް ގިނަ ފަހަރަށް އެ މައްސަލަަތައް ބޭރުކޮށްލަނީ އެއީ ހިއްސާ ކުރެވެން ނެތް މައުލޫމާތުތައްކަމަށް ބުނެ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެނީ މައިގަނޑު ގޮތެއްގައި ޑޯނިއާ މަތިންދާ ބޯޓުގެ އިންތިޒާމުތަކާއި، އެ ގައުމުން ހަދިޔާ ކުރި ހެލިކޮޕްޓަރު ބެލެހެއްޓުމުގެ މަސައްކަތަަށެވެ.

ހައިޑްރޯގްރަފީ ސާވޭ އެއްބަސްވުމާއި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުން އިންޑިއާއާ އެކު ހެދުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ބަލަމުން ގެންދާތީ ކޮމިޓީން ވަނީ ގައުމީ ދިފާއީ ބާރާއި ބައްދަލުކޮށްފަ އެވެ. ކޮމިޓީގައި ކުރީގެ ޑިފެންސް މިނިސްޓަރު، އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންޑިއާއިން ދިން ހެލިކޮޕްޓަރުގެ ބޭނުން ނުހިފޭތީ މީގެ ކުރިން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އާދަމް ޝަރީފް އެދިވަޑައިގަތީ ޑޯނިއާ ދުއްވުމަށް ދިވެހި ޕައިލެޓުން ތަމްރީނު ކުރަމުންގެންދާކަމަށް ބުނެފައިވާއިރު، އެ ޕްރޮގްރާމުތައް ފުރިހަމަވުމަށް ފަހު އިންޑިއާ ސިފައިންގެ ތެރެއިން ރާއްޖޭގައި ތިބޭނެ މީހުންގެ އަދަދާއި ގުޅޭގޮތުންނެވެ. އަދި ދިވެހިން ތަމްރީނު ކުރުމަށް ފަހު ވެސް އިންޑިއާ ސިފައިން ތިބޭނަމަ، އޭގެ ސަބަބު ތަފްސީލުކޮށްދެއްވަން އޭނާ އެދިވަޑައިގެންނެވި އެވެ.

މި ސުވާލުގެ ޖަވާބަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ޑޯނިއާ ދުއްވަން އެކަށީގެންވާ ޕައިލެޓުން ނުލިބޭ ކަމަށެވެ. ޑިފެންސް މިނިސްޓަރު މާރިޔާގެ ވާހަކަތައް ތަކުރާރުކޮށް ޝަމާލް ވިދާޅުވީ، ރާއްޖޭގެ އަމިއްލަ އެއާލައިންގެ ޕައިލެޓުންނަށް ލިބޭ މުސާރައަށް ބަލާއިރު އެމްއެންޑީއެފަށް ޕައިލެޓުން ހޯދުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އޭގެ ސަބަބުން އެމްއެންޑީއެފްގެ ތެރެއިން އޮފިސަރުން ތަމްރީނު ކުރަންޖެހޭއިރު، ޕައިލެޓުންނަށް ދަތުރު ކުރެވޭ ގަޑި ހަމަވެގެން ވެސް ޑޯނިއާ ނުދުއްވި ބާއްވަން ޖެހުނުކަމަށް ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ތެރޭގައި އެހެން ދާއިރާތަކުގެ އޮފިސަރުން ވެސް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ވަކީލުންނާއި ޑޮކްޓަރުންނާއި ނަރުހުން އަދި އިންޖީނިއަރުން ތިބިއިރު ޕައިލެޓުންނަށް އެކަނި ބޮޑު މުސާރައެއް ދެވެން ނެތްކަމަށްއޭނާ ވިދާޅުވި އެވެ. ބައެއް ޕައިލެޓުން ރަނގަޅު މުސާރައަކަށް ވަޒީފާއިން ވަކިވާން ނިންމާފައިވާއިރު، އޭގެ ތެރޭގައި ޑޯނިއާއަށް ތަމްރީނު ކުރި އޮފިސަރެއް ހިމެނޭކަމަށް ޝަމާލް ވިދާޅުވި އެވެ.

ޑޯނިއާ ތަމްރީނު ދިން ފަހުން އޮފިސަރު ވަޒީފާއިން ވަކި ވާތީ ޝަމާލް ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އެ އޮފިސަރު ބޭނުން ވި ހުރިހާ ކަމެއް ފުރިހަމަ ކުރިކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ކޯޕްރަލްއެއްގެ ގޮތުގައި އިން އެ އޮފިސަރު، ވޮރަންޓް އޮފިސަރަކަށް ޕްރޮމޯޓުކޮށް އޭގެ ފަހުން އެ އޮފިސަރު ކޮމިޝަންޑް އޮފިސަރަކަށް ބަަދަލު ކުރެވުނުކަމަށެވެ.

އޮފިސަރުންނަށް ދޭން ޖެހޭނެ މުސާރަ، ގާތްގަނޑަކަށް 100،000 އަށް ވުރެ މައްޗަށް އަރާނެ އެވެ.

ދެ ގައުމު ގުޅިގެން ވެފައިވާ އެއްބަސްވުމުގެ ދަށުން ޑޯނިއާއަށް ހާއްސަކޮށް 25 އިންޑިއާ އޮފިސަރުން ރާއްޖޭގައި ތިބިއިރު ޖުމްލަ 75 އަސްކަރީ އޮފިސަރުން އެބަތިއްބެވެ. ދެ އެގްރިމެންޓާއި ގުޅޭގޮތުން މެމްބަރުންގެ ސުވާލުތައް އެމްއެންޑީއެފާއި އަމާޒުވި އެވެ. ރޭގެ ބައްދަލުވުމުގައި ޕްރެޒެންޓޭޝަންގެ ބައި ކުރިޔަށް ގެންދިޔައީ ސިއްރު ކޮމިޓީއެއްގެ ގޮތުގަ އެވެ.

ޝަމާލް ވިދާޅުވީ ގޮތުން ކުރިޔަށް އޮތް ތަނުގައި ދިވެހި އިތުރު އޮފިސަރުންނަށް ޑޯނިއާގެ ތަމްރީނުތައް ފޯރުކޮށް ދެވޭނެ އެވެ.

ވަރަށް ގަދަ
2%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 84%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: