ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ޑެފިސިޓްގެ މިންވަރު ދަށްކުރެވެމުންދާ ދިޔުމަކީ ހެޔޮ ބަދަލެއް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޑެފިސިޓްގެ މިންވަރު ދަށްކުރެވެމުންދާ ދިޔުމަކީ ހެޔޮ ބަދަލެއް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ބަޖެޓުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މެމްބަރު ވައްޑެ ވަނީ ދައުލަތުގެ ދަރަނި ބޮޑުވަމުންދާ ދިޔުމަކީ ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. ރައްޔޮތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލުކުރުން ވަރަށް މުހިންމުކަމަށާއި ކަނޑައަޅާފައިވާ އިންތައް ފަހަނައަޅައި ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. ދައުލަތުގެ ޑެފިސިޓްގެ މިންވަރު ދަށްކުރެވެމުންދާ ދިޔުމަކީ ހެޔޮ ބަދަލެއްކަމަށާއި މިފަހަރުގެ ބަޖެޓުގައި އާމްދަނީއާއި ރިކަރަންޓް ހަރަދު އެއްވަރެއްގައި ހިފެހެއްޓިފައިވުމަކީވެސް ރަނގަޅު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އަންދާޒާކުރިވަރަށްވުރެ ފަތުރުވެރިކަމުގެ ދާއިރާއާއި އެހެނިހެން ދާއިރާތައް ކުރިއަރައި ދިޔަމިންވަރު ރަނގަޅުކަމަށްވެސް ވައްޑެ ވިދާޅުވިއެވެ

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށައަޅާފައިވަނީ ގާތްގަނޑަކަށް 37 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓު ގާތްގަނޑަކަށް 9 ބިލިޔަން ރުފިޔާއިން ޑެފިސިޓްވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، އިދިކޮޅު ޕާލިމަންޓްރީ ގްރޫޕުން ވަނީ ބަޖެޓު ޑެފިސިޓް އަންނަ އަހަރު 14 ނުވަތަ 15 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފައެވެ. އަދި މިސަރުކާރުން ނަގަމުންދާ ލޯނުތަކުގެ ސަބަބުން ދައުލަތުގެ ޖުމްލަ ދަރަނި އިތުރުވަމުންދާއިރު ދައުރު ނިމެންވާއިރު ޖުމްލަ ދަރަނި 100 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް އިދިކޮޅުން ލަފާކުރެއެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި މެމްބަރު ވައްޑެ ވިދާޅުވީ އިސްރާފުގެ ގޮތުގައި ހޭދަވެގެންދާ ފައިސާ ހިފަހައްޓަންވީ ހަމައެކަނި އާސަންދައިގެ ތެރެއިން ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި އެހެނިހެން ދާއިރާތަކުންވެސް އިސްރާފުކުރުމުގެ ބައިތައް ކުޑަކުރަންޖެހޭކަމަށް ވައްޑެ ވިދާޅުވިއެވެ.

މެމްބަރު ވައްޑެ ވިދާޅުވީ ރައްޔިތުންގެ ލޮލުން ނުވަތަ ރައްޔިތުންގެ ވިސްނުމުން ބަޖެޓު ބަލަންޖެހޭކަމަށެވެ. ހަމައެކަނި ސަރުކާރުގެ ނުވަތަ ވަޒީރުންގެ ނަޒަރުން ބަޖެޓަށް ބެލުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ. ބަޖެޓުގައި އުންމީދީ ރަނގަޅު ކަންތަައްތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރިކަމަށް ވައްޑެ ވިދާޅުވިއެވެ.

ބަޖެޓުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަމުގެ ތެރޭގައި ލާމަރުކަޒީ ނިޒާމް އިތުރަށް ފުރިހަމަކުރަންޖެހޭކަމަށް ވައްޑެ ވިދާޅުވިއެވެ. ވައްޑެ ވިދާޅުވީ ކުރީ ސަރުކާރުގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް އެއްވެސްކަމެއް ކުރެވިފައި ނެތް ކަމަށެވެ. މިސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލާމަރުކަޒީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށްޓަކައި މުހިންމު ގިނަ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކައުންސިލްގައި 3 މެމްބްރުން ތިބެންޖެހޭ ގޮތަށް އޮތް އުސޫލު ބަދަލުކުރެވިފައިވާ ކަމަށާއި ކައުންސިލްތަކުގައި ސެކްރެޓަރީ ޖެނެރަލުން ބޭއްތިއްބުމަށް ފާސްކުރެވުނީ މިސަރުކާރުގެ ތެރެއިންކަން ވައްޑެ ފާހަގަކުރެއްވިއެވެ. އަދި ސެކްރެޓަރީ ޖެނެރަލުންނަށް ދޭންޖެހޭ އުޖޫރަވެސް ކަނޑައެޅުނީ މިސަރުކާރުގައިކަމަށް ވިދާޅުވިއެވެ. އަދި އަތޮޅު ކައުންސިލް އެކުލަވާލާ ގޮތާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އެކުލަވާލާ ގޮތްވެސް ބަދަލުކުރީ މިސަރުކާރުގައިކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ބަދަލުގެނައީ ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ފާސްކޮށްފައިވާކަން ފާހަގަކުރައްވައި ވައްޑެ ވިދާޅުވީ ކައުންސިލްތަކަށް ކަނޑައަޅާފައިވާ ބަޖެޓާއިމެދު ކައުންސިލްތަކުގެ ގިނަ ޝަކުވާތަކެއް އެބަހުރިކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާ ފަސް އިންސައްތައިން ރިކަރަންޓް ހަރަދުތައް އެކަނިވެސް ދެކޮޅުނުޖެއްސޭކަމަށް ވިދާޅުވިއެވެ. ކައުންސިލްތަކުގެ ރިކަރަންޓް ހަރަދުތަކަށް އެކަނިވެސް ބަޖެޓުގެ އަށް އިންސައްތަ ބޭނުންވާނެކަމަށާއި އެމިންވަރު ދިނުމަށް ވައްޑެ ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: