ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ވަނަ އަހަރުގެ ބަޖެޓުން ގައުމު ބަނގުރޫޓުވާނެ: އިދިކޮޅު

އިދިކޮޅުން ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން 2022 ވަނަ އަހަރަށް ލަފާކޮށް ކަނޑައަޅާފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން ދިވެހި ރާއްޖޭގެ އިގްތިސޯދު ބަނގުރޫޓުވެ ދަރަނިވެރި ވާނެ ކަމަށް އިދިކޮޅު ކޯލިޝަން ކަމަށް ވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ބަޖެޓު ފާސްކުރުމާއި ގުޅިގެން ޕީޕީއެމް އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ 36.9 ބިލިއަން ރުފިޔާގެ މި ބަޖެޓަކީ އަންނަން އޮތް ޖީލުތަކުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއް ކަމަށެވެ.

އެގޮތުން މިއީ ޒިންމާޑާރުކަން ކުޑަ ބަޖެޓެއް ކަމަށް ފާހަގަކުރަމުން އިދިކޮޅުން ބުނެފައިވަނީ 9.7 ބިލިއަން ރުފިޔާއިން ދަރަނިވާ، މިހާތަނަށް ހުށައެޅުނު އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށެވެ. އިދިކޮޅުން ބުނާ ގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު، ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއެއް ވުރެ މައްޗަށް އަރާނެއެވެ.

މިހާރު ފެންނަން އޮތް ހިސާބުތަކަށް ބަލާއިރު، ރައީސް ސޯލިހުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު ދައުލަތުގެ ދަރަނި 50 ބިލިއަނަށް އަރާނެ ކަމަށް އިދިކޮޅުން ލަފާކުރެއެވެ. އަދި ދައުރު ނިމިގެން ދާއިރު ޖީޑީޕީގެ ނިސްބަތުން ދިވެހި ދައުލަތުގެ ދަރަނި ހުންނާނީ 105 އިންސައްތަ އަށް ވުރެ މަތީގައި ކަމަށް ވެސް އިދިކޮޅުން ލަފާކޮށްފައިވެއެވެ.

ދައުލަތަށް ބޭނުންކުރުމަށް ބުނެ ފައިސާ ޗާޕުނުކުރުމަށް އިދިކޮޅުން ގޮވާލި ނަމަވެސް ގާނޫނު އަސާސީ ގެ 32 ވަނަ މާއްދަގެ (ހ)، (ރ) އަދި (ބ) ސަސްޕެްނޑް ކުރުމަށްފަހު މިދިޔަ އަހަރު ސަރުކާރުން ވަނީ 4.4 ބިލިއަން ރުފިޔާ ޗާޕްކޮށްފައެވެ. ފައިސާ ޗާޕްކުރި އިރު، އެއް އަހަރު ދުވަހުގެ އެތެރޭގައި ފައިސާ އަނބުރާ ދެއްކޭނެ ކަމަށް ބުނިނަމަވެސް އަދިވެސް އެ ފައިސާ ދެއްކިފައި ނުވާ އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅުން ބުނާ ގޮތުގައި ސަރުކާރުގެ ހަރަދުތައް ފޫބެއްދުމުގެ ގޮތުން މިގޮތަށް ފައިސާ ނެގުމަކީ ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް މަރުކަޒީ ބޭންކުންނާއި ގިނަ މާލީ މާހިރުން ވިދާޅުވުމުންވެސް، މިދިޔަ އަހަރު ޗާޕްކުރި 4.4 ބިލިއަން ރުފިޔާގެ އިތުރަށް، ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ޗާޕްކުރުމުގެ ހުއްދަ ހޯދާފައެވެ. ޖުމްލަ 6.9 ބިލިއަން ރުފިޔާ ޗާޕުކުރާ ފައިސާގެ ގޮތުގައި ހިމެނިގެންދެއެވެ.

ކުރިން ދައްކަން ހުރި 4.4 ބިލިއަން ރުފިޔާގެ އަދަދު، ފައިސާ ބޮންޑަކަށް ބަދަލު ނުކުރާނެ ކަމަށް މަޖިލީހުގައި ފިނޭންސް މިނިސްޓަރ ބާރުލައި ވިދާޅުވި ނަމަވެސް، މިހާރު އެފައިސާ އަކީ 50 އަހަރުން ދައްކަންޖެހޭ ލޯނަކަށް ބަދަލުކޮށްފައިވާ ކަމަށް އިދިކޮޅުގެ ނޫސް ބަޔާނުގައި ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން މިހާރުވެސް ގޯސްވެފައިވާ އެކްސްޗޭންޖް މާކެޓުގައި ޑޮލަރު އަގު މަތިވެ، ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވެ، ވިޔަފާރިތަކަށް ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ހިމަނާފައިވެއެވެ.

އިދިކޮޅުން ބުނާ ގޮތުގައި ބަޖެޓު މިގޮތަށް ފާސްކުރެވިގެން ދިއުމަކީ އާއްމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެކެވެ. އިދިކޮޅުގެ އަށް މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ބަޖެޓު ފާސްނުކުރުމަށް ވޯޓު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: