ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމު ބަދަލު ކުރާ ވޯޓެއް ނަގާފާނެކަމަށް ގަބޫލު ކުރެވޭތީ، އީސީން ބޭނުމީ އިތުރު ބަޖެޓެއް!

ބަަޖެޓު ދިރާސާކުރާ ކޮމިޓީއިން 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރުން/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހިއްޖެ ހާލަތެއްގައި މީހުން ހޭލުންތެރިކުރުވުމަށް ބަޖެޓެއް ބޭނުންވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ބަޖެޓު ކޮމިޓީގައި ވާހަކަ ދެއްކެވެމުން މެމްބަރުންގެ ނުރުހުން އަމާޒުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އިދާރާތަކަށް ކަނޑައަޅާފައިވާ އަދަދުތަކާއި ގުޅޭގޮތުން ކޮމިޓީން ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އިލެކްޝަންސް ކޮމިޝަނާއި އެކު ބަޖެޓު ކޮމިޓީން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބުތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރަން ޖެހޭ ކަމަށެވެ. ހަބީބުގެ ކަންބޮޑުވުމަކަށް ވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެހެން އިންތިހާބެއް ބާއްވަން ޖެހުމެވެ. އެކަމަށް އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތަކަށް، އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ބޭނުންވާކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބުގެ ވާހަކަ އެގޮތަށް ފެއްޓެވުމުން، ދާންދޫ ދާއިރާގެ މެމްބަރު ވަނީ އެއީ ކޮން އިންތިހާބެއްތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ހަބީބު ވިދާޅުވީ އަންނަ އަހަރު ނިޒާމާއި ބެހޭ ވޯޓަކަށް ދާން ޖެހުމުގެ ފުރުސަތު އޮތުމެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހުތައް ގެނައުމާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތަކެއް ދެކެވެމުންދާ ކަމަށާއި، ހަބަރުތަކަށް ރިއާޔަތްކޮށް އިންތިހާބެއް އޮވެދާނެކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ވޯޓެއް ނެގިއިރު، ދެ ނިޒާމުގެ މެދުގައި ހުރި ތަފާތުތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މާ ބޮޑު މައުލޫމާތެއް ލިބިފައި ނުވާކަމަށް ހަބީބު ވިދާޅުވި އެވެ. އަދި އޭރު އެއްވެސް ޕްރޮގްރާމެއް އީސީން ކުރިޔަށް ގެންގޮސްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަރުލަމާނީ ނިޒާމާއި އަދި ރިޔާސީ ނިޒާމެއްގެ މެދުގައި ހުރި ތަފާތުތައް ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަކީ ގާނޫނުން އިލެކްޝަންސްއަށް ލާޒިމު ކުރާ މަސައްކަތެއްކަމަށެވެ.

ނިޒާމު ބަދަލު ކުރުމާއި މެދު މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާތީ ހަބީބުގެ ވާހަކައާއި މެދު ޔައުގޫބް ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ. ނިޒާމު ބަދަލު ކުރުމާއި މެދު ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ސީދާ ވަކި ގޮތެއް ފާސްކޮށް ނިންމާފައި ނެތްކަން ފާހަގަކޮށް ޔައުގޫބް ވިދާޅުވީ ބަޔަކު ދައްކާހާ ވާހަކައެއް ހަގީގަތަކަށް ވެދާނެކަމަށް ބަލައި އެކަމަށް ބަޖެޓުކޮށްގެން ތިބެން ޖެހޭކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ.

ޔައުގޫބް ވިދާޅުވީ ހަބީބް އެ ވިސްނުން ގެންގުޅެންވީ ސަބަބެއް ނުވިސްނޭ ކަމަށާއި ނިޒާމު ބަދަލު ކުރުމުގެ މަޝްވަަރާއެއް ކުރާނެކަމަށް ރަސްމީ އިދާރާއަކުން އިއުލާނު ކުރައްވާފައި ވެސް ނުވާ ކަމަށެވެ. ނުވަތަ ހިޔާލު ހޯދުމުގެ ވާހަކައެއް ވެސް ރަސްމީ ސިފައެއްގައި ދެކެވިފައި ނެތް ކަމަށެވެ. ބައެއްގެ ހިޔަލާއި ފިކުރާއި އެއްގޮތަށް، ކޮމިޝަނަކުން ނުވަތަ މުވައްސަސާއަކުން ތައްޔާރުވެ އެކަމަށް ބަހުސް ކުރަން ޖެހޭކަން ގަބޫލެއް ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މެދުގައި އަންނަ އަހަރު ވޯޓެއް ނަގަން ޖެހިދާނެކަމަށް ބުނެ ހަބީބު ދެއްކެވި ވާހަކައަށް، އީސީގެ އެހެން މެމްބަރަކު ވާހަކަ ދައްކަވާފައި ނުވެއެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމާއި މެދު ވާހަކަ ދައްކަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖޭގެ 13 ގާނޫނު އަސާސީ ތަންފީޒު ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު ގަބޫލު ކުރާ ގޮތުން މި ނިޒާމުގައި ހުރި މައްސަލަތަކުންނެވެ. އެހެންވެ، ޕްރެސް ކޮންފަރެންސްތަކާއި ބައްދަލުވުންތައް އަދި ސޯޝަލް މީޑިއާގައި ރައީސް ނަޝީދު އެންމެ ގިނައިން ދައްކަވާ އެއް ވާހަކައަކީ އެވެ. ރައީސް ނަޝީދު ބޭނުންފުޅު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން، ވެރިކަމުގެ ނިޒާމު ބަދަލު ކުރާ ވޯޓެއް ނަގައި 2024 ވަނަ އަހަރު އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުން ކެބިނެޓު އެކުލަވާލުމަށެވެ.

ދާދިފަހުން ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ޕާޓީ ވެސް ހިމެނޭހެން، އެހެން ޕާޓީތަކުން ވެސް ނިޒާމު ބަދަލު ކުރަން ބޭނުން ނުވެ އެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގޮވާލި، ޕެޓިޝަނެއް ތައްޔާރު ކުރާތީ ރައީސް ނަޝީދު އެކަމަށް ތާއީދު ކުރެއްވި އެވެ. އެކަމުގައި އެމްޑީޕީގެ ރައީސް ނަޝީދާއި އަރިސް މެމްބަރުން ވެސް ހިމެނުނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ ގޮތުން އެމަނިކުފާނު ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށެވެ. އަދި މިވަގުތުގެ ފޯކަސް އަކީ ފަސް އަހަރަށް ރައްޔިތުންނަށް ވީ ވައުދު ފުއްދުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އީސީން އިތުރު 08 ލައްކަ ރުފިޔާގެ ބަޖެޓެއް ދޭން އެދުނީ، މި ސަބަބުތަކާއި ހުރެކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: