ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށި އެއާޕޯޓުގައި ޑިމާންޑާއި އެއްވަރަށް ފްލައިޓް އޮޕަރޭޓްނުކުރެވޭކަމުގެ ޝަކުވާ ލިބޭ: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯރަފުށި އެއާޕޯޓުގައި ޑިމާންޑާއި އެއްވަރަށް ފްލައިޓް އޮޕަރޭޓް ނުކުރެވޭކަމުގެ ޝަކުވާ ލިބެމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ހޯރަފުށީ އެއާޕޯޓު ބޭނުންކުރުމުގައި އާންމުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރ ނަހުލާ ވިދާޅުވީ އާންމުންގެ ބައެއް ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. އަދި އެޝަކުވާތަކާއި ގުޅިގެން މޯލްޑިވިއަންއާއި މަޝްވަރާކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފްލައިޓްތައް ޝެޑިޔުލްކުރާނީ އެއެއާޕޯޓަކަށް އޮންނަ ޑިމާންޑަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެޑިމާންޑަށް ބެލުމަށްފަހު ފްލައިޓްތައް މިހާރުވެސް ޝެޑިޔުލްކުރަމުންދާކަމަށް މޯލްޑިވިއަންއިން މައުލޫމާތުދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ޑިމާންޑާއި އެއްވަރަށް ފްލައިޓްތައް އޮޕަރޭޓްނުކުރެވޭކަމުގެ ޝަކުވާތައް މިހާރުވެސް މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށާއި އެކަމާއި ގުޅިގެން މޯލްޑިވިއަންއާއި މަޝްވަރާކޮށްފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް ނެތުމާއި ގުޅިގެން އަންނަމުންދާ ޝަކުވަތަކާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ ހޯރަފުށީ އެއާޕޯޓްސްގެ މަސައްކަތްކުރަމުންދަނީ ރީޖަނަލް އެއާޕޯޓްސްގެ ދަށުން ކަމަށްވާތީ ނޮވެމްބަރު ދެވަނަ ދުވަހު އެސަރަހައްދުގައި ޖެޓީއެއްގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީއިން އަންގާފައިވާ ކަމަށެވެ. އަދި ނޮވެމްބަރު 8 ގައި ޖެޓީގެ މަސައްކަތް ކުރިއަށްގެންދިޔުމުގެ ހުއްދައާއި ބަޖެޓަށް އެދި ފިނޭންސް މިނިސްޓްރީގައި އެދުނު ކަމަށާއި އަދި 10 ނޮވެމްބަރުގައި އެމްޓީސީސީއިން ޑިޒައިންކޮށްފައިވާ ޖެޓީގެ ކުރެހުމާއި ބީއޯކިޔު އަދި ކޮންޓްރެކްޓް އެގްރީމަންޓްގެ ޑްރާފްޓް ފޮނުވުމަށް އެމްޓީސީސީގައި އެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

28 ނޮވެމްބަރުގައި ފިނޭންސް މިނިސްޓްރީއިން މަޝްރޫއު ކުރިއަށްގެންދިޔުމަށް ހުއްދަދިން ކަމަށާއި 13 ޑިސެމްބަރުގައި އެމްޓީސީސީއިން ހުށައެޅި ބީއޯކިޔު، ވޯކްޝެޑިޔުލް އަދި މެތޮޑޮލޮޖީ ބަލައިގަންނަކަން މިނިސްޓްރީއިން އެންގިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  އަދި 28 ޑިސެމްބަރުުގައި އެގްރީމަންޓް ޑްރާފްޓާއި ޑީޓެއިލް ޑްރޯވިން މިނިސްޓްރީއަށް ލިބުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު 28 އޭޕްރިލްގައި ޓެންޑަރ ބޯޑުން އެމްޓީސީސީއާއި މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަވާލުކުރުމަށް ނިންމިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“19 އޭޕްރިލް 2021 ގައި ރީޖަނަލް އެއާޕޯޓްސްއަށް ބަޖެޓު ލިބިފައިނުވާތީއާއި އެމަޝްރޫއު ކުރިއަށްގެންދެވޭނީ ބަޖެޓު ލިބިގެންކަމުން އެކަން ފިނޭންސް މިނިސްޓްރީއަށް އެންގުނު.  10 މެއިގައި އެމަޝްރޫއު ކުރިއަށްގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީއިންކަން އެންގި.” މިނިސްޓަރ ނަހުލާ

އެތައް މަރުހަލާއަކަށްފަހު ޖެޓީ ހެދުމުގެ މަޝްރޫއުގައި އެމްޓީސީސީއާއެކު ސޮއިކުރެވުނީ 5 އޮގަސްޓްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 150 ދުވަސްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި 19 ނޮވެމްބަރުގައި މަސައްކަތުގެ ޕްރޮގްރެސް ރިޕޯޓެއް ލިބިފައިނުވާތީ އެރިޕޯޓު ފޮނުވައިދިނުމަށް އެދުނު ކަމަށާއި އެމްޓީސީސީގެ ފަރާތުން ޕްރޮގްރެސް ރިޕޯޓެއް ލިބުނީ އެތައް ފަހަރަކު ދަންނަވައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކުންފުނިން ފޮނުވި ޕްރޮގްރެސް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން އެސަރަހައްދަކީ ހޯރަފުށި ކައުންސިލުން މީގެ ކުރިން ޗެނަލްއެއް ކެނޑުމަށް ކަނޑައަޅާފައިވާ ސަރަހައްދެކެވެ. އެހެންކަމުން ޗެނަލް ކެނޑުމަށް ހަދާފައިވާ އީއައިއޭ ރިޕޯޓަށް ބެލުމަށްފަހު އިތުރު އީއައިއޭއެއް ހަދަން ނުފެންނަކަމަށް އެމްޓީސީސިއިން ނިންމިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އޮކްޓޫބަރު މަހު އީޕީއޭއިން އަލުން އީއައިއޭ ރިޕޯޓެއް ހެދުމަށް އެންގިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިވަގުތު އެމަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ކުންފުނިން  މިނިސްޓްރީއަށް ވޯކްޝެޑިޔުލް ފޮނުވިއިރުވެސް ބައެއް ތާރީހުތައް ފަހަނައަޅައި ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯރަފުށި އެއާޕޯޓަކީ މިސަރުކާރުން ތަރައްގީކޮށް ހުޅުވި ފުރަތަމަ އެއާޕޯޓެވެ. އެއާޕޯޓް ހުޅުވާފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއާޕޯޓު ހުޅުވުމަށްފަހު މާގިނަ ދުވަސްތަކެއް ނުުވަނީސް އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ. އެއާއެކު އެސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޖެޓީއެއް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެހެންނަމަވެސް، ހޯރަފުށި އެއާޕޯޓާއިމެދު ޝަކުވާތަކެއް މިހާރުވެސް އަންނަމުންދާކަން މިނިސްޓްރީއިންވެސް ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: