ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްގެ މައްސަލާގައި އަޅުގަނޑުމެން އެންމެން މިތިބީ ފެއިލްވެފައި: ހައިތަމް

މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގްގެ މައްސަލާގައި މުޖުތަމައުގެ އެންމެން މިތިބީ ފެއިލްވެފައިކަމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

ޗޭންޖް އެންޑީއޭ ޕެޓިޝަން، ޕެޓިޝަން ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު ހައިތަމް ވަނީ އެންޑީއޭގައި މިވަގުތު ހުރި ގިނަ މައްސަލަތަކަކީ އެކަށީގެންވާ ވަސީލަތްތަކާއި މުވައްޒަފުން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން އެންޑީއޭގެ ދަށުން ހިންގާ ގިނަ އިދާރާތަކުގައި ތިބެންޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައިގެ އަދަދަށްވެސް މުވައްޒަފުން ނުތިބޭކަން ހައިތަމް ފާހަގަކުރެއްވިއެވެ. އަދި ޑްރަގްގެ މައްސަލަތައް ހައްލުނުވެ މިހާހިސާބަށް އަންނަން ޖެހުނީ ބަޖެޓު ނެތުމުގެ ސަބަބުން ދިމާވެފައިވާ އެކި މައްސަލަތަކުގެ ސަބަބުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ހައިތަމް ވިދާޅުވީ ޕެޓިޝަން ކޮމެޓީއިން އެކުލަވާލާފައިވާ ރިޕޯޓަށް ބަލައިލުމުން، ޑްރަގްގެ މައްސަލައަށް ހައްލެއް ގެނައުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާކަން ފާހަގަކުރެވޭކަމަށެވެ. އިޖްތިމާއީ މިފަދަ ބޮޑު މައްސަލައަކަށް ސަމާލުކަން ދޭންޖެހޭ މިންވަރަށް ސަމާލުކަން ދީފައިނުވާކަމަށް ހައިތަމް ވިދާޅުވިއެވެ. އަދި މިކަމުގައި އެންމެންވެސް މިތިބީ ފެއިލްވެފައިކަމަށް ހައިތަމް ވިދާޅުވިއެވެ.

“ޕޯސްޓްއިންވެސް އެތެރެވަނީ. ކާގޯއިންވެސް އެތެރެވަނީ. ދެންހުރި ގޮތަކުންވެސް އެތެރެވަނީ. ކަސްޓަމްސްގައި ހުރި މެޝިނަރީޒްއަކީ 1993 ވަނަ އަހަރު އެތެރެކޮށްފައި ހުރި އެއްޗެހި. އެތަކެތި އަޕްގްރޭޑްވެފައި ނެތް” ހައިތަމް

މެމްބަރު ހައިތަމް ވިދާޅުވީ މިމައްސަލަ މިހާހިސާބަށް އައީ މިކަމަށް ގަސްތުގައި ބަޔަކު މީހުން އިހުމާލުވުމުންނެވެ. އަދި މިކަމަކީ މާބޮޑު ކަމަކަށް ނުހަދައި، ކުޑަ ކަމެއްގެ ގޮތުގައި ދެކިގެން އެވާހަކަ ދައްކަމުންދާ ބަޔަކު އުޅޭކަންވެސް ހައިތަމް ފާހަގަކުރެއްވިއެވެ.

ހައިތަމްގެ ވާހަކައިގައި ބަޖެޓު ނެތުމުގެ ސަބަބުން މިމައްސަލަ ދިގުލައިގެން ދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެންޑީއޭގެ ހެޑް އޮފީހުގައި 139 މުވައްޒަފުން ތިބެންޖެހޭއިރު އެތަނުގައި ތިބީ 67 މުވައްޒަފުންކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ހާފްވޭ ހައުސްގައިވެސް ތިބެން ޖެހޭ އަދަދަށްވުރެ 50 އިންސައްތަ މުވައްޒަފުން މަދުކަން ރިޕޯޓުން ހާމަވާކަމަށް ހައިތަމް ފާހަގަކުރެއްވިއެވެ. ކޮމިޔުނިޓީ ސާވިސް ސެންޓަރުގައި 40 މުވައްޒަފުން ތިބޭ ޖެހޭ ތަނެއްގައި ތިބީ 15 މުވައްޒަފުންކަންވެސް ހައިތަމް ފާހަގަކުރެއްވިއެވެ. މިކަން ހައްލުކުރަން ބޭނުންވާ އަދަދަށް ވަސީލަތްތަކާއި ބަޖެޓު ނުހޯދައި މިކަމަށް ހައްލެއް ނުލިބޭނެކަމަށް ހައިތަމް ވިދާޅުވިއެވެ.

އެކަށީގެންވާ ބަޖެޓާއި މުވައްޒަފުން އެންޑީއޭގެ ދަށުން ހިންގާ ތަންތަނުގައި ނެތްކަމަށް ހައިތަމް ވިދާޅުވިއިރު މިކޮމެޓީ ރިޕޯޓުގައިވާ ކަންކަން ފާހަގަކުރައްވާ ޕެޓިޝަން ކޮމެޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އިބްރާހިމް ނަސީރު ވަނީ އެންޑީއޭއަށް އެކި އަހަރުމަތިން ބަޖެޓު ދީފައިވާއިރު ކޮންމެ އަހަރަކުވެސް ދޭ ބަޖެޓުން ބޮޑު ބައެއް ބާކީކުރުމަށްފަހު އަލުން އަނބުރާ ދައުލަތަށް ދޭކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، މިއިން ސެންޓަރެއްގައި ފެންފުޅިއެއްގެ މިންވަރުވެސް ނުހުންނަ ކަމަށާއި ވޮލަންޓިއާކޮށް މަސައްކަތްކުރަންދާ ކުދިންނަށް ކާންދޭނެ ގޮތެއްވެސް ސެންޓަރުތަކުގައި ނުހުންނަކަމަށްވެސް މުގައްރިރު ވިދާޅުވިއެވެ. އެހެންކަމުން މިކަމުގައި އެންޑީއޭ ހިންގަން ތިބި ބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއްބައެއްގެ އިހުމާލު ވަރަށް ބޮޑަށް އެބައޮތްކަން މުގައްރިރު ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: