ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްވެހި ފަތިހަކުން ލިބުނީ ނާއުންމީދެއް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ އަނިޔާވެރި ވެރިއެއްގެ ގޮތުގައި ސިފަކޮށް، އެ ވެރިކަން ބަދަލު ކުރުމަށް އެމްޑީޕީން ކުރި މަސައްކަތް ކާމިޔާބު ކުރީ 2018 ސެޕްޓެމްބަރު 23 ގައި އޮތް ރިޔާސީ އިންތިހާބުގެ ތެރެއިންނެވެ. އުންމީދީ ފަސް އަހަރަކަށް ރައްޔިތުން ގައުމުގެ ވަލިއްޔުލްއަމްރުކަން އިބްރާހިމް މުހައްމަދު ސޯލިހާއި ހަވާލު ކުރީ، އިންސާފާއި ހަމަހަމަކަމަށް އެދި އެވެ.

ނޮވެމްބަރު 17 ގައި މި ސަރުކާރަށް ތިން އަހަރު ވީ އެވެ. ދިވެހިރާއްޖޭގެ އިގްތިސޯދަށް އައި ހީނަރުކަމަށް މިބޭފުޅުން ބޭނުން ކުރައްވާ ހަމައެކަނި ބަހަނާއަކީ ކޮވިޑު-19 އެވެ. ނަމަވެސް ކޮވިޑުގެ މާ ކުރިން ރާއްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހި، ގައުމުގެ މާލީ ހާލަތު ދަށްވާން ފެށިކަން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިތަރީ ފަންޑުގެ ތަފާސްހިސާބުތަކާއި ރީސާޗް ރިޕޯޓުތަކުން ދައްކަ އެވެ. އެ ހާލަތު އިތުރަށް ގޯސްވާން ފެށީ ކޮވިޑުގެ ސަބަބުންކަމަށް ވުމާއި އެކު ބަލިމަޑުކަމެއް ބަހަނާއަކަަށް ހަދައި ސަރުކާރުން އިހުތިޔާރު ކުރީ ފައިސާ ޗާޕު ކުރުމަށެވެ.

ފައިސާ ޗާޕު ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރު ކުރުމާ ގުޅޭގޮތުން ދިރާސާ ކުރަން ވަގުތީ ގޮތުން އުފެއްދި ކޮމިޓީގެ މެމްބަރުން ވޯޓު ނަގަނީ– ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއީ އެއްވެސް ހާލެއްގައި އިގްތިސާދީ އުފެއްދުންތެރިކަން އިތުރު ކުރުމެއް ނޫނެވެ. މަރުކަޒީ ބޭންކުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި ސަރުކާރުން 04 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕް ކުރުމަށް ނިންމީ އެ ނޫން ގޮތެއް ނެތްކަމަށް ރައްޔިތުންނަށް ދެއްކުމަށް ފަހު އެވެ. ނަމަވެސް ހަގީގަތީ އެއީއެއް ނޫނެވެ. އެއްވެސް ޕްލޭނެއް ނެތި ފައިސާ ޗާޕު ކުރުމުގެ ނަތީޖާއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ލިބޭނެކަމަށް ބުނި ބޭރު ފައިސާ ނުލިބި އަނެއްކާވެސް ފައިސާ ޗާޕު ކުރުމުގެ ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށެވެ. މަޖިލީހުން އެ މީހުން އެދުނު ގޮތަށް ހުއްދަ ދީފައިވަނިކޮށް އަނެއްކާވެސް މަޖިލީހަށް ހުށަހެޅީ ފައިސާ ޗާޕު ކުރުމުގެ ހުއްދައަށް އެދި އެވެ.

ދެން އޮތީ ދައުލަތުގެ ދަރަނީގެ ވާހަކަ އެވެ. ދިވެހި ދައުލަތުގެ ދަރަނި 95 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު މިއީ އަންނަން އޮތް އެތައް ޖީލެއްގެ ބޮލުގައި އެޅިފައިވާ ދަރަނިތަކެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނާއި ދެކޮޅަށް އެންމެ ބޮޑަށް ބޭނުން ކުރަމުން ދިޔައީ ދަރަނީގެ ދަންދުރައިގެ ވާހަކަތަކެކެވެ.

ރައީސް ޔާމީންގެ ސަރުކާރުން 5 އަހަރު ތެރޭގައި ސީދާ ދަރަންޏާއި، އަދި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ޖުމްލަ 39.6 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާކަމަށް ވިދާޅުވަނީ މި ސަރުކާރުންނެވެ. ރައީސް ސޯލިހްގެ ސަރުކާރުން މި އަހަރުގެ މިހާތަނަށް ޖުމްލަ 34 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެ އެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހެނީ 34 ބިލިއަން ރުފިޔާ އަކީ މިއީ 3 އަހަރުގެ ދަރަންޏެވެ.

މިއީ ތަރައްގީގެ އެއްވެސް މަޝްރޫއެއް، އަދި އުމްރަނީ ތަރައްގީގެ މާ ބޮޑެތި މަސައްކަތްތަކެއް ނުކޮށް ނެގި ލޯނުގެ އަދަދެވެ. މި ސަރުކާރު ނިމޭއިރު، އެމްޑީޕީގެ މި ވެރިކަމުގެ ދަރަނި 50 ބިލިއަނަށް އަރާނެކަމަށް ލަފާ ކުރެވެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު – ފޮޓޯ: މަޖިލިސް

ސަރުކާރުގެ ބޭކާރު ބޮޑެތި އެތައް ހަރަދެއް!

ސަރުކާރުގައި އުފައްދާފައިވާ ސިޔާސީ މަގާމުތައް އިތުރުކޮށް، އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ހާއްސަކޮށް 402 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. ސިޔާސީ މަގާމުތައް އަހަރުން އަހަރަށް އިތުރުވެފައިވާއިރު، 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރާއި އަޅާ ބަލައި މަދު ވާނެ ކަމަށެވެ. އޭރު ރައީސް ވިދާޅުވީ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބެވީ، 337 ފަރާކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ އެކި މަގާމުތަކާއި، މިނިސްޓްރީގެ މަގާމުތައް ހިމަނައިގެން 465 ފަރާތެއް މަގާމުތަކުގައި ތިއްބެވިއިރު، ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރަށް އެ އަދަދުތައް “ހިފެހެއްޓޭ” ކަމަށެވެ.

އޭގެ ކުރިން ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ ސަރުކަރު އުފެދިގެން އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވީ މިއީ ކޯލިޝަން ވެރިކަމެއްކަމުން ޕާޓީތަކުން ބޭނުންވާ ގޮތަށް ސިޔާސީ މަގާމުތައް ދިނުން ކަމަށެވެ. 2019 އަކީ ރައީސް ސޯލިހު އެންމެ ގިނަ އަދަދެއްގެ ސިޔާސީ މަގާމުތައް އުފެއްދެވި އަހަރެވެ. އެކަމަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އޭގެ ޖެހިގެން އައި އަހަރު 2020 ގެ ބަޖެޓުގައި ޖުމްލަ 785 ސިޔާސީ މަގާމު ކަނޑައަޅަށް ބަޖެޓުގައި 331 މިލިއަން މިލިއަން ހިމެނި އެވެ. އެހެން ނަމަވެސް އަހަރު ނިމުނުއިރު އެ އަދަދު 967 އަށް އަރަ އެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ބަޖެޓު 2022 ގައި ވާ ގޮތުން އަންނަ އަހަރު ސިޔާސީ މަގާމުތަކުގެ އަދަދު 1039 އަށް އަރާނެ އެވެ. އަލަށް އުފައްދާ މަގާމުތަކާއި، އަދި މިހާރުގެ ސިޔާސީ ވަޒީފާތަކަށް ދައުލަތުން 402 މިލިއަން ރުފިޔާ އަހަރުގެ ތެރޭގައި ހޭދަ ކުރާނެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި “ކޯޑިނޭޓަރުން” ތިއްބެވުމުން އެކަމަށް އެންމެ ބޮޑަށް ފާޑުކިޔައި އުޅުނު ބޭފުޅުންކަކީ މިއަދު މި ސަރުކާރުގެ ކޮންމެ ވެސް ޑިރެކްޓަރެކެވެ. ސީނިއާ ޑިރެކްޓަރުން ފެށިގެން އެތައް ސިޔާސީ މަގާމުތަކެއް އުފައްދަވާފައިވާއިރު، ޕްރައިމަރީތަކުންނާއި އިންތިހާބުތަކުން ނާކާމިޔާބު ވާ މީހުންނަށް ބަލަދު އަރާފައިވާ އުސޫލުން މަގާމުތައް ދަނީ ބަހަމުންނެވެ. ރާއްޖޭގައި ތައުލީމީ ބޮޑެތި ސެޓްފިކެޓުތައް ނަގައިގެން ތިބި ޒުވާނުން ހުސްއަތާ އެވެ.

Dhiyares
މި ސަރުކާރުން އެކްޓިވިސްޓުންގެ ތެރެއިން ސިޔާސީ މަގާމުތައް ދީފައިވާ ބައެއް ޒުވާނުން/ ފޮޓޯ: ސޯޝަލް މީޑިއާ

ފެށުނު ބޮޑު މަޝްރޫއުއެއް ނެތް، ބަހަނާއަކަށް ކޮވިޑު!

ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންގޮސް، އިމާރާތްތަކާއި ބްރިޖުގެ މަސައްކަތް ފެށުމުން އިދިކޮޅުގައި އޮވެ އެމްޑީޕީން ބުނީ އެއީ ކޮންކްރީޓު ތަރައްގީކަމަށެވެ. ބޭނުންވަނީ އިޖްތިމާއީ މައްސަލަތައް ހައްލުކޮށް، ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. އެންމެ މުހިންމީ ބޯހިޔާވިކަން ހައްލު ކުރުންކަމަށް ބުނެ ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ ފްލެޓުތަކަށް ގިނަ ފާޑުކިއުންތައް އަމާޒު ކުރި އެވެ.

ވެރިކަމަށް އައުމަށް އެމްޑީޕީން ވީ ވައުދުތަކުގެ ތެރޭގައި މާލޭގެ މި ސަރަހައްދު ގުޅުވާލަދޭ ކަނެކްޓިވިޓީ ބްރިޖާއި، ގުޅީފަޅު ޕޯޓު ހިމެނެ އެވެ. މީގެެއިން އެއްވެސް މަަސައްކަތެއް ލޯމައްޗަށް ފެންނާން ނެތްއިރު މީޑިއާތަކަށް އަރާވަޑައިގެން އެމްޑީޕީން ބުނަނީ މި ސަރުކާރުން ތަރައްގީ ގެނައީ އިންސާނާގެ ސިކުނޑިއަށް ކަމަށެވެ. ގެނައީ ލޮލަށް ނުފެންނަ ތަރައްގީތަކެއްކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ވިދާޅުވާ ތަރައްގީ އައީ ކާކުގެ ސިކުނޑިއަށްކަން ސާފެއް ނޫނެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ބިޔަ ޕްރޮޖެކްޓުގެ ގޮތުގައި ބުނާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި ސޮއި ކުރި ދުވަހެކޭ، ރަށެއްގެ މަގުބައްތި ޖެހުމުގެ އެއްބަސްވުމުގައި ސޮއި ކުރުމެކޭ ތަފާތެއް ނެތެވެ. ބޮޑު ރަަސްމިއްޔާތެއް ނުބާއްވާތާގައި، ސަރުކާރުގެ އިސްވެރިއެއް ވެސް އެ ޖަލްސާގައި ބައިވެރި ނުވެ އެވެ. އެ ރަސްމިއްޔާތު އޮންނަކަން އެނގި ނޫސްވެރިން އެންމެ ބޮޑަށް އުންމީދު ކުރީ ރައީސުލްޖުމްހޫރިއްޔާ ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހިލަމެއް ވެސް ނުވި އެވެ. އެކަމަށް ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ބޮޑު ޖަލްސާ ބާއްވާނީ ފަހުން ކަމަށެވެ. ބްރިޖު ނިމެނޭ ތާރީހެއް ބުނާކަށް ސަރުކާރަށް ނޭނގޭއިރު، މިހާތަނަށް ދިން ހަމައެކަނި މައުލޫމާތަކީ 2023 ގެ ނިޔަލަށް މަސައްކަތް ނިމެނޭ ކަމަށެވެ.

ތިލަމާލެ ބްރިޖު އަޅަން އިންޑިއާގެ އެފްކޮންސްއާ އެކު ސޮއިކޮށްފި – Hathaavees
ތިލަމާލެ ބްރިޖުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ނިމޭވަރަކުން ހުޅުވަމުން ގެންދާނެކަމަށް ބުނެފައިވާ ބްރިޖާއި މެދު ރައީސް ސޯލިހުގެ ވެސް މާބޮޑެތި އުންމީދުތަކެއް ނެތެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، ހުރިހާ ރުޅިއެއް ހިޔާ ފްލެޓަށް!

ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގެ ތެރެއިން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، 20،000 ހައުސިން ޔުނިޓު ގާއިމު ކުރައްވާނެ އެވެ. މިހާތަނަށް މިއިން އެއްވެސް މަޝްރޫއެއްގެ ފައިނޭންސިން ހަމަޖެހިފައިނުވާއިރު، ހުޅުމާލޭގައި ކުރިޔަށްދާ 1000 ޔުނިޓުގެ މަސައްކަތަށް ފައިނޭންސިން ހޯއްދެވީ ރައީސް ޔާމީނެވެ. އޭގެ ފަހުން އިއުލާނު ކުރި 4000 ޔުނިޓުގެ މަސައްކަތް އަދިވެސް ނުފެށެ އެވެ.

ހިޔާ ފްލެޓުތަކަކީ އާއްމުން ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ވެސް ވާހަކަ ދެއްކެވި އެވެ. މި ސަރުކާރަށް ތިން އަހަރުވެ ނިމިގެން ދިޔައިރު ހުޅުމާލޭގެ ފޭސް ދޭއްގައި ފެށުނު އެއްވެސް އަސާސީ ހިދުމަތެއް ނެތެވެ. ބޯހިޔާވަހިކަމުގެ ވާހަކަތަކާއި ހަމައިން ހައުސިން މިނިސްޓަރު އަސްލަމް ވެސް ވިދާޅުވީ، އޭނާގެ އަތް މަތީގައި އޮތް ނިންމުމެއް ނަމަ ތަން ތަޅާލީސް ކަމަށެވެ.

އަދިވެސް ރިބަންފަތް ކެނޑުމުގެ އުސޫލެއްގެ ތެރޭގައި!

ރައީސް ޔާމީންގެ ސަރުކާރުގައި ފެށި ގިނަ މަޝްރޫއުތަކެއް، މި ސަރުކާރުގައި ނިމިފައި އެބަހުއްޓެވެ. ކުރައްވާ ހަމައެކަނި މަސައްކަތަކީ ރައީސް ނުވަތަ ނައިބު ރައީސް ވަޑައިގެން ރިބަންފަތް ކަނޑާލުމެވެ. ނަމަވެސް މަސައްކަތް ނިމި ސަރުކާރުން މާ އަހަމިއްޔަތުކަމެއް ނުދޭ ދެ އިމާރާތެއް އެބަހުއްޓެވެ. އެއީ ކިންގް ސަލްމާން މިސްކިތާއި، ދަރުމަވަންތަ ހޮސްޕިޓަލެވެ. ވެރިރަށް މާލޭގައި ދިވެހީންގެ މައި ހޮސްޕިޓަލެއް 25 ބުރިއަށް ނަގާފައިވާއިރު، ތަން ބޭނުން ކުރަން ފެށީ އެއްވެސް ރަސްމިއްޔާތެއް ނުބާއްވަ އެވެ. އެމްޑީޕީން ގަބޫލު ކުރާ ގޮތުން ދަރުމަވަންތަ އެއީ “ހޮހޮޅަ” އެކެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވާނާކަމަށް ބުނެ ދިން އެތައް ތާރީހުތަކެއް ފަހަނަޅައި ދިޔަ އިރު ވެސް، ހުޅުވޭ ވަރެއް ނުވި އެވެ. ސައުދީން އަންނާން ބުނި ވަފުދެއްގެ އިންތިޒާރުގައި ތިން އަހަރު ހޭދަ ވީ އެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހު މިސްކިތް ހުޅުވާނެކަމަށް ބުނެ، ކޮންމެވެސް ސަބަބުތަކާއި ހުރެ ފަސް ކުރަނީ އެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ނޫސްވެރިންނަށް މިސްކިތް ދައްކާލުމަށް ބޭއްވި ޓުއާއެއްގައި އަޅުގަނޑު ވެސް ބައިވެރިވީމެވެ. މަސައްކަތް އޮތީ އޭރު ވެސް ނިމިފަ އެވެ. ފިނިޝިން ވެސް އޮތީ ނިމިފަ އެވެ. އެހެން ކަމުން ސަރުކާރުން ތަނުގެ 100 އިންސައްތަ މަސައްކަތް ނުނިމޭކަމަށް ބުނެ ދައްކާ ވާހަކަތައް ދެކޮޅު ނުޖެހެ އެވެ.

ފަތުރުވެރިން އިތުރުވަނީ، އެއާޕޯޓު އޮތީ ބޭނުން ކުރެވޭ ހާލަތެއްގައި ނޫން!

ކޮވިޑު-19 ގެ ހާލަތުގެ ސަބަބުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ގެ އުސޫލުތަކަށް ވަނީ ބަދަލު ގެނެވިފަ އެވެ. ހިދުމަތް ދިނުމުގައި އަމަލު ކުރާ ބައެއް އުސޫލުތަކުގެ ސަބަބުން ތަންއެއްކޮށް ފުރި އޮތީ ބާރުވެފަ އެވެ. މިދިޔަ ސަރުކާރުގައި ގާތްގަނޑަކަށް ބިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކުރި ވީއައިއޭގެ އެއްވެސް މަންފާއެއް ނެގޭތަން ނުފެނެ އެވެ. އާ ރަންވޭ ހުޅުވިތާ ހަތަރު އަހަރު ވީއިރު ވެސް އެތަން އޭގެ ފަހުން ބޭނުމެއް ނުކުރެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ރަނގަޅުވާއިރު، އެއާޕޯޓުގެ މަތީގައި ދުވާލަކު އެތައް ފްލައިޓެއް ގަޑި ދެގަޑިއިރު ވަންދެން ބުރު އަޅާލަ އަޅާލައި އޮންނަން ޖެހެ އެވެ. ވީއައިއޭއަށް ޖައްސަން އޮތް ފްލައިޓުތައް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ޓޫރިިޒަމް މިނިސްޓަރު ވިދާޅުވިޔަސް އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ރިސޯޓެއް ނެތި ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

އާ ރަންވޭ އެކަންޏެއް ނޫނެވެ. އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް އާއި ވީއައިޕީ ޓާމިނަލް، އައި ވީވީއައިޕީ ޓާމިނަލް ވެސް އޮތީ ފަޅަށެވެ. އެތަން ބޭނުން ކުރާނެ ދުވަހެއް ވެސް ނޭނގެ އެވެ. ނުވަތަ ބޭނުން ކުރާނެކަމެއް ވެސް ނޭނގެ އެވެ.

ސިއްރު އެއްބަސްވުންތަކުގެ މައްސަލަ، އަދިވެސް ކޮޅެއްގައި ނުޖެހޭ!

ދިވެހިރާއްޖޭގެ މިނިވަންކަމަށް ލޯ އަޅާ ބަޔަކު ތިބޭނެކަމާއި ތިބޭކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. 1900 ގެ އަހަރުތަކުގައި ކަނޑިބަޑި ހިފައިގެން އަރައި ގައުމެއް ހިސޯރު ކުރުމަށް މަސައްކަތް ކުރިޔަސް 21 ވަނަ ގަރުނުގައި ގައުމެއްގެ މިނިވަންކަމާއި ގައުމެއް އަޅުވެތި ކުރަނީ އެ އުސޫލުންނެއް ނޫނެވެ. މި ގައުމާއި ކިތަންމެ އަވައްޓެރިކޮށް އޮތް އިންޑިއާ އަކަސް މި ދިވެހި ގައުމަށް ނަޒަރު ހިންގާލާނީ ދަހިވެތިކަމުގެ ނަޒަރަކުންނެވެ. ޗައިނާ ވިޔަސް މެ އެވެ.

ދުނިޔޭގެ ބޮޑެތި ޕްލެޓްފޯމުތަކުގައި ރާއްޖެއަށް އިނގިލި އަމާޒުކޮށް މިއީ އިންޑިއާގެ ޕަޕެޓުންގެ ގޮތުގައި ސިފަ ކުރި އެވެ.ކަޝްމީރުގެ މައްސަލާގައި އޯއައިސީއަށް ޕާކިސްތާނުން ހުށަހެޅި މައްސަލާގައި އެހެން ހުރިހާ ގައުމުތަކާ ހިލާފަށް ރާއްޖެއިން ދިފާއު ކުރީ އިންޑިއާ އެވެ. އެ ދުވަހު ޕާކިސްތާނުން ބުނީ ރާއްޖެ އޮތީ އިންޑިއާގެ ޕަޕެޓެއްގެ ގޮތުގައި، ޖަހާހާ ބެރަކަށް ނެށުމުގައި އަވަދިނެތި ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ސަރަހައްދުގެ ޗާޓުތައް ކުރަހައި ދެނެގަނެ ދިރާސާކުރުމަށް އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުން އެ ގައުމަށް މާލީ ބޮޑު ފައިދާއެއް ލިބޭކަން ވަނީ ހާމަވެފަ އެވެ. ހައިޑްރޯގްރަފީ އެއްބަސްވުމާއި ގުޅޭގޮތުން ސުވާލުތަކެއް އުފެދިފައިވަނިކޮށް އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވީ އެއްބަސްވީ ދެ ގައުމަށް ހަމަހަމަ އުސޫލުން ފައިދާވާނެ ގޮތަށް، އަދި ގާނޫނީ އިމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ފަހު، ޗާޓަރު މެދުވެރިކޮށް އާމްދަނީއެއް ހޯދުމަށެވެ. އާމިރު ވިދާޅުވީ ބޭރު ބަޔަކަށް އެ ވިއްކުމުން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ރޯޔަލްޓީއެއްގެ ގޮތުގައި 25 އިންސައްތަ ދައްކާނެ ކަމަށެވެ. އަދި އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކު ޗާޓަރު އެކުލަވާލައި އެ ވިއްކައިގެން ކެޓަލޮގް ފީއެއްގެ ގޮތުގައި މިހާރު 35 އިންސައްތަ ލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް ކެމްޕެއިނެއް ކުރިޔަށް ގެންދާ އެންމެ ބޮޑު ސަބަބަކީ، ދިވެހި ޕައިލެޓުންނަށް ޑޯނިއާ ދުއްވުމުގެ ފުރުސަތު ނުދިނުމާއި ރަނގަޅު ތަމްރީނެއް ނުދިނުމެވެ. އެ ބަހުސްތައް ކުރެވުމުން މީގެ ކުރިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ސިފައިންގެ ތެރޭގައި ސީދާ ޑޯނިއާ ދުއްވުމަށް ޓްރެއިނިން ހަދާފައި ތިބި ޕައިލެޓުން ނެތް ކަމަށެވެ. ޝަމާލް ވިދާޅުވީ ގޮތުންނަމަ އެއީ ވަރަށް ބޮޑު މުސާރައެކެވެ.

ސިފައިންގެ ޖުމްލަ އަދަދު ހާމަކޮށްދޭން އެދި މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ހުށަހެޅި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ލިބިފައި ނުވެ އެވެ. އަދި އެއީ ގައުމީ ސަލާމަތަށް ނުރައްކާހުރި މައުލޫމާތުތަކެއްކަމަށް ބުނެ، އެކަމަށް އެމްއެންޑީއެފްއިން އިންކާރު ކުރެ އެވެ. އެ ސުވާލު އަމާޒުވާން ފެށުމުން ދާދިފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޑޯނިއާ ބަލަހައްޓަން ތިބޭ 25 މީހުންގެ އިިތުރަށް ބައެއް އެހެން ސަރަހައްދުތަކުގައި ވެސް އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ.

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު

ފުރަތަމަ ފަހަރަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށް، މާރިޔާ ވިދާޅުވީ ލ. ކައްދޫގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ބަލަހައްޓަން 25 މީހުން އަދި އައްޑޫގައި އޮންނަ ހެލިކޮޕްޓަރަށް ވެސް 25 މީހުން ތިބޭ ކަމަށެވެ. އޭގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް ތިބެނީ ތިން ޕައިލެޓުންނާއި އޮބްޒާވަރަކެވެ. ދެން ތިބެނީ ސިވިލް އިންޖީނިއަރުންނާއި، ޓެކްނީޝިއަނުންކަމަށް މާރިޔާ ވިދާޅުވެ އެވެ.

މި އަދަދުތަކާއި އެކު ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ 75 މީހުން ތިބިކަން ޔަގީންވީ އެވެ.

ލަދުވެއްޗެވެ. ދިވެހި ގައުމުގެ ދިފާއީ ވަޒީރު ބޭރު ގައުމެއްގެ މީޑިއާއަކަށް އަރައި، ދިވެހި ސިފައިންނަކީ އާރެއް ބާރެއް ނެތް ބައެއްގެ ގޮތުގައި ސިފަ ކުރި އެވެ. އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން، އިންޑިއާ ބޭނުން ނަމަ ދިވެހި ގައުމު ހިފުނީސްކަމަށް އަދި ހިފޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ގާނޫނުއަސާސީގެ މައްޗަށް ފައިން އެރުއްވި ބޭފުޅާ ނޮވެމްބަރު 03 ގެ ދިވެހި ސިފައިން ސިފަ ކުރީ ފިނދަނަތަކެއްގެ ގޮތުގަ އެވެ. އޭގެ އިނާމެއްގެ ގޮތުގައި އެ ހުންނެވީ ވަޒީރަކަށެވެ. މިއީ ހަގީގަތެވެ.

ކޮރަޕްޝަން ނުހުއްޓުވޭ، ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ނެތް!

ރައީސް ޔާމީނަކީ ކޮރަޕްޝަންގެ އެންމެ އިސް މީހާގެ ގޮތުގައި ސިފަކޮށް، އެމްޑީޕީން ބުނަމުން ދިޔައީ އެ ޕާޓީގެ ވެރިކަމެއްގައި އެހެން ނުވާނެ ކަމަށެވެ. އޮޑިޓު ރިޕޯޓު އާއްމު ކުރާ އޮޑިޓަރ ޖެނެރަލް މަގާމުން ވައްކެއް ވެސް ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި އޭނާއަށް ބަޔަކު ދީފާނެ ގެއްލުމަކުން ފުރިހަމައަށް ހިމާޔަތް ދޭނެ ކަމަށް ވިދާޅުވި އެވެ.

ގައުމަށް ދިމާވި ބޮޑު ބަލިމަޑުކަމަކުން އަދިވެސް އަރައިގަނެވިފައި ނުވާއިރު، ބޮޑު އާލަމީވަބާއަކުން ވައްކަން ކުރާނީ ވަރަށް ވެސް ލަދުހަޔާތް ކުޑަވީމަ އެވެ. ޓޫރިޒަމް މިނިސްޓްރީއެއް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓެއް، ސަރުކާރުގެ ކުންފުންޏެއް، ހެލްތް މިނިސްޓްރީއެއް، ފިނޭންސް މިނިސްޓްރީއެއް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ އެއްޗެއް ފެންނާން އޮތީ އޮޑިޓު ރިޕޯޓުންނެވެ. އެޅި ހަމަ އެންމެ ފިޔަވަޅެއް ވެސް ނެތެވެ. ސާބިތުވީ އެންމެ މައްސަލައެއް ވެސް ނެތެވެ.

އެކި ބޭފުޅުން މަގާމުން ވަކިކޮށް، ނުވަތަ ބިލެއް ފާސްކޮށް “ޑަން” ޖަހައި ޓްވީޓެއް ކުރެވުނީމައި އެމްޑީޕީއަށް ނިމުނީ އެވެ. ނަތީޖާއެއް ނުފެނުނަސް ހެޔޮ އެވެ. ވެރިކަމަށް އަންނަން 100 އިން ވައުދުން ފުއްދުނު މާބޮޑު ކަމެއް ނެތެވެ. އެޖެންޑާ 19 އަކުން، ރަށްވެހި ފަތިހަކުން ވީ ފައިދާއެއް ވެސް ނެތެވެ. ވީ ނާ އުންމީދެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: