ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު ވެސް ފިލި ގޮތަށް ރައީސް ޔާމީން ފިލުމުގެ ފުރުސަތު އެބައޮތް: ދައުލަތް

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގައި ބޮޑެތު ތުހުމަތުތަކެއް ކުރެވި ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ މައްސަލަ ކުރިޔަށް ދަނިކޮށް ރާއްޖެ ދޫކޮށް ފިލަން މަސައްކަތް ކުރި މީހަކަށް ވާތީ ރައީސް ޔާމީން ވެސް އެފަދަ ގޮތަކަށް ރާއްޖެ ދޫކޮށް ފިލާފާނެކަމުގެ ހެކި އެބަހުރިކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ވަދެ އެ ފައިސާއިން މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލު ކުރައްވާފަ އެވެ. މިދިޔަ އަންގާރަ ދުވަހު ރައީސް ޔާމީންގެ އެ ހުކުމް ބާތިލު ކުރުމުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އެދިގެން ފުލުހުން ވަނީ ކްރިމިނަލް ކޯޓަށް ރައީސް ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމަށް އެދިފަ އެވެ.

ދައުލަތުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ނެރެދެއްވި ހަތް ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާއިރު ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރު އަމުރަކަށް ދައުލަތުން އެދުނީ އެވެ. އެހެންވެ ގާޒީ ނިންމެވީ ދެ ފަރާތުގެ ވެސް ވާހަކަ އަޑުއެހުމަށް ފަހު މައްސަލައިގެ ގޮތެއް ނިންމާށެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މިއަދުގެ އަޑުއެހުން ކުރިޔަށް ގެންދަނީ ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ހޯދުމަށް ހުށަހަޅާފައިވާތީ، އެ އަމުރާއި މެދު ގޮތެއް ނިންމުމަށް ކަމަށެވެ. އަދި ކޯޓު އަމުރާއި މެދު ޝަރީއަތުން ގޮތެއް ނިންމަވާނީ ދެ ފަރާތުގެ ވެސް ވަހާކަ އަޑުއެހުމަށް ފަހުކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ދައުލަތަށް ދިން ފުރުސަތުގައި ޕަބްލިކް ޕްރޮސެކިއުޓާރ އާމިނަތު ޝާމާ ނަސީމް ވިދާޅުވީ ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާކަންކަން ފުރިހަމަ ވާކަމަށް ދެކޭތީ ކަމަށެވެ. އޭގެ ތެރޭގައި ކުށެއްކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައި ހުރުމާއި ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭކަމުގެ ހެކި ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީން ފިލައިގެން ގޮސްފާނެކަމަށް ބެލެވޭ ބައެއް ސަބަބުތައް ފާހަގަކޮށް ދައުލަތުން ބުނީ، ހިޔަނާތުގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވި ދައުވާ އުފުލާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ވެސް ރާއްޖެ ދޫކޮށް ފިލަން މަސައްކަތް ކުރި ކަމަށެވެ.

މިފަދަ ނިންމުމެއް ފަނޑިޔާރު ނިންމަވާއިރު، ބަލައި ވަޒަން ކުރަންޖެހޭ ކަންތަކުގެ ތެރޭގައި އެ ތުހުމަތު ކުރެވޭ މީހާއަކީ ރާއްޖެ ދޫކޮށް ކޮންމެ ތަނަކަށް ވެސް ފިލައިގެން ދެވިދާނެ ވަސީލަތްތަކާއި އަދި މާލީ ތަނަވަސްކަން ހުރި މީހެއްތޯ ބަލަން ޖެހޭއިރު، އެކަން ސާބިތު ކުރުމަށް ދައުލަތުން ރައީސް ޔާމީންގެ އެކައުންޓު ސްޓޭޓްމެންޓުތައް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުން ބުނީ މިފަދަ ތުހުމަތުތަކެއް ކުރެވޭ މީހުން ރާއްޖެ ދޫކޮށް ފިލައިގެން ދާ ހާލަތްތަކުގައި އެ މީހުން އަލުން އަނބުރާ ގެނައުމުގައި ގޮންޖެހުންތައް ދިމާވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ދައުލަތުން ނެންގެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގެ ގަޒިއްޔާ އެވެ.

އެހެން ކަމުން މިކަންކަމަށް ރިއާޔަތްކޮށް ދައުލަތުން ހުށަހެޅީ ރައީސް ޔާމީން ފުރުން މަނާކޮށް، ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށެވެ.

ދައުލަތުގެ ވާހަކަތަކައް ރައްދު ދެއްވައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ދައުލަތުން ހުށަހެޅި ލިޔުމަށް ތަކުރާރުކޮށް އެދުމުން ވެސް ލިޔުން ލިބުނީ އަޑުއެހުމަށް ހާޒިރުވި ފަހުން ކަމަށެވެ. ބައެއް ދިރާސާތަކެއް ކުރަން ބޭނުންވާތީ ރައީސް ޔާމީންގެ ފަރާތުން އެދުނީ އިތުރު ވަގުތަށެވެ.

ރައްދުގައި ދައުލަތުން ބުނީ މައްސަލައިގައި ހުށަހަޅާފައިވާ ފޯމުގައި އިތުރު އެއްވެސް ވާހަކަތަކެއް ހިމަނާފައި ނެތް ކަމަށެވެ. ޕާސްޕޯޓު ހިފެހެއްޓުމުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެކަން ވަކީލުންނަށް އެނގިވަޑައިގަންވާނެކަމަށް ބުނެ ދައުލަތުން ވަނީ، ޖަވާބުދާރީ ނުވެވޭނެ އެއްވެސް ސަބަބެއް ވެސް ނެތްކަމަށް ބުނެފަ އެވެ.

ދައުލަތުގެ ވާހަކަތަކަށް ފަހު ގާޒީ ޝަކީލް ވިދާޅުވީ، މިއީ ދެ ގަނޑުގެ ލިޔުމެއް ކަމަށެވެ. އެހެން ކަމުން ދިރާސާއަށް ބޭނުންވާ ވަގުތަކީ ކޮބައިތޯ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ވިދާޅުވީ ވަގުތު ބޭނުންވާ ސަބަބަކީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުމުގައި ދައުލަތުން ސުޕްރީމް ކޯޓުގެ ބައެއް ގަޒިއްޔާތަކާއި ހަވާލާދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން ގަނޫނު އަސާސީގައި ބުނާ ހައްގުތައް ކަށަވަރުކޮށް ދީ ދެ ހަފްތާއެއްގެ މުއްދަތު ދެއްވުމަށް ޖަމީލް އެދިވަޑައިގެތެވެ.

ދެ ހަފްތާއެއްގެ މުއްދަތަކީ މިފަދަ މަޝްވަރާއަކަށް މާ ގިނަ ވަގުތުކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ އެ މުއްދަތު ދެވެން ނެތް ކަމަށެވެ.

ދައުލަތުން ބުނީ، ރައީސް ޔާމީންގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން އެދުނު މިއީ ފުރަތަމަ ފަހަރު ނޫންކަމަށާއި މީގެ ކުރިން ވެސް ފޯމު ހުށަހަޅައިގެން މިފަދަ އަމުރެއް ނެރެދެއްވާފައިވާ ކަމަށެވެ. އަދި މިއަދުގެ އަޑުއެހުން ކުރިޔަށް ގެންދާ ސަބަބަކީ، ކްރިމިނަލް ކޯޓުން ނެރެދީފައިވާ ހަތް ދުވަހުގެ މުއްދަތު އަންގާރަ ދުވަހަށް ހަމަވާތީކަމަށް ވެސް ދައުލަތުން ބުންޏެވެ.

ހަވާލާދެއްވި ގަޒިއްޔާތައް ބަލައި ދިރާސާ ކުރުމަށް ބޭނުންވާކަމަށް ބުނެ ޑރ. ޖަމީލް ދެއްކެވި ވާހަކައިގެ ރައްދުގައި ދައުލަތުން ބުނީ، ކޯޓަށް ހާޒިރުވާން ވާނީ އެފަދަ ނުކުތާތަކުގެ ދިފާއަށް ތައްޔާރުވެގެންކަމަށް ގަބޫލު ކުރާ ކަމަށެވެ. އާދައިގެ ގާނޫނީ މައްސަލައެއްގައި ދެ ހަފްތާއެއީ ވަރަށް ދިގު މުއްދަތެއްކަން ފާހަގަކޮށް، ދައުލަތުން ވަނީ ރައީސް ޔާމީންގެ ހުށަހެޅުމަށް އިއުތިރާޒު ކުރައްވާފަ އެވެ.

މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ބުނަމުން ދިޔައީ، މައްސަލައެއްގައި ދިފާއު ވެވޭނީ އެކަމުގެ ލިޔެކިއުންތައް ވަގުތު އޮއްވައި ލިބިގެން ކަމަށެވެ. އަދި މައްސަލައެއްގައި ދައުލަތުން ދައްކާ ވާހަކައިގެ ރައްދު ތައްޔާރުކޮށް، ދިރާސާ ކުރުމަކީ އެއީ އަސާސީ ކަމެއްގެ ގޮތުގައި ވަކީލު ވިދާޅުވި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ނެރުނު ޕާސްޕޯޓު ހިފެހެއްޓުމުގެ ހަތް ދުވަހުގެ އަމުރާއި ގުޅޭގޮތުން ޝިޔާޒް ވިދާޅުވީ ދައުލަތުން ދައްކަވާ އެ ނުކުތާއަކީ ހުއްޖަތެއް ނޫން ކަމަށެވެ. އަދި ފޯމުގައި ހިމަނާފައި ނެތް ބައެއް ގަޒިއްޔާތަކެއްގެ ވާހަކަ ވެސް ދައުލަތުން ފާހަގަ ކުރައްވާފައިވާކަމަށް ޝިޔާޒް ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވީ ފޯމުގެ ކޮޕީއަށް އެދުމުން ވެސް އެ ލިޔުން ލިބިފައިނުވާއިރު، ދައުލަތުން ވަކި ވާހަކައެއް ދައްކަވާފާނެކަމަށް ބަލާ އެހެން ތައްޔާރެއް ނުވެވޭނެ ކަމަށެވެ. އަދި ޖިނާއީ ޝަރީއަތްތަކަކީ އެއް ފަރާތުގެ ހުށަހެޅުމަށް، ދިފާއުން ދިރާސާކޮށް ދޭ ޖަވާބުތަކެއްކަން ޝިޔާޒް ފާހަފަ ކުރެއްވި އެވެ.

ޝަރީއަތުގައި ފުރުސަތަކަށް އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދައުލަތުން އެ ކުރެއްވީ ވަރަށް ބޮޑު ތުހުމަތެއް ކަމަށެވެ. އަދި ފިލައިގެން ގޮސްދާނެކަމުގެ ހެކި އެބަހުރިކަމަށް ދައުލަތުން ބުނާއިރު، ވަކީލުންގެ ޓީމާއި އެކު އެ ހެކިތަކަކީ ކޮބައިތޯ ބަލަން ބޭނުންވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ފިލައިގެން ދާން އެމަނިކުފާނު ކުރެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. އަދި އެކަމާއި ބެހޭ އެއްވެސް ވާހަކައެއް ފޯމުގައި ނެތްއިރު ފުލުހުންނަށް ލިބިފައި ހުރި ހެކިތައް އެނގެން ބޭނުންވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ހެކިތައް ނުލިބި ދިފާއު ނުވެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ދައުލަތުން މި މައްސަލައިގައި ސީދާ ވަކި ހެއްކެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާއި ހަވާލާދެއްވައި ދައުލަތުން ބުނީ ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެކަށީގެންވާ ހެކި ހުރެ، އަދި އޭނާ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފާނެކަމުގެ ހެކި ހުރެ އެފަދަ އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަދި ކުރީގެ ނައިބް ރައީސް ޖިހާދުގެ މައްސަލައިގެ ގަޒިއްޔާގައި ވާ ގޮތުން ގާޒީ ބައްލަވަން ޖެހޭނީ ފިލައިގެން ގޮސްދާނެ ސަބަބެއް އޮތްތޯ ނުވަތަ ނޫންތޯ ކަމަށް ދައުލަތުން ފާހަގަ ކުރި އެވެ.

ދެ ފަރާތުން ވެސް ދެއްކެވި ވާހަކައަށް ރިއާޔަތްކޮށް، ގާޒީ ވިދާޅުވީ މިއަދުގެ މެންދުރު ފަހު 04:00 ގައި އިތުރު މަޖިލީހެއް ބާއްވައި މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: