ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ނަތީޖާ ފޯރުކޮށްދިނީ، ރައްޔިތުން ވޯޓުލީ ގޮތަށް: އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ރިޔާސީ އިންތިހާބުގައި އެއްވެސް އޮޅުވާލުންތަކެއް ނެތްކަމަށާއި، ނަތީޖާ ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނީ އަމާނާތްތެރިކަމާއި އެކުކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއެޖެ އެވެ.

2018 ގެ ރިޔާސީ އިންތިހާބު އޮޅުވާލައިވާކަމަށް ބުނެ، އިދިކޮޅުން ވަނީ ނަތީޖާ ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ. އަދި އިންތިހާބު ވަގަށް ނަގާފައިވާކަމަށް ބުނެ ހުށަހެޅި ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ އިންތިހާބު ބާތިލުކޮށް، ވޯޓުލުން އަލުން ކުރިޔަށް ގެންދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިންތިހާބާއި މެދު ވާހަކަ ނުދެކެވޭތާ ދުވަސްތަކެއް ވުމަށް ފަހު، މި މައުޟޫ ފެންމަތިވީ މިދިޔަ ހުކުރު ދުވަހު ކާނިވާގައި ބޭއްވި ޖަލްސާގައި އީސީގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނެއްކަމަށާއި އިންތިހާބު އޮތީ އޮޅުވާލައިކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް ވާހަކަ ދެއްކެވެމުންނެވެ. އެ މައްސަލައިގައި ޝަރީފް ވެސް ރައީސް ޔާމީނަށް އަމާޒުކޮށް ޓްވީޓުތަކެއް ކުރެއްވި އެވެ.

އޭގެ ފަހުން ރޭގެ ވަގުތެއްގައި ރިޔާސީ އިންތިހާބުގެ މައްސަލައިގެ ތެރެއިން ޝަރީފް ދިންކަމަށް ބުނާ ބަޔާނާއި، ވޯޓުގެ ބައެއް ކަރުދާސްތަކުގެ ސެކިއުރިޓީ ފީޗާތަކެއް ނެތްކަމަށް ބުނެ ފުލުހުން ދިން ބަޔާނެއް ވަނީ ލީކުކޮށްލާފަ އެވެ. އެހެން ވެސް އިދިކޮޅުން ވަނީ ޕްރެސްއެއް ބާއްވައި އިންތިހާބު ވަގަށް ނެގިކަން ޔަގީންވާކަމަށް ބުނެ އެ މައްސަލަ ބެލުމަށް ކަމާއި ބެހޭ އިދާރާތްތަކަށް ގޮވާލާފަ އެވެ.

ލީކުކޮށްލާފައިވާ ބަޔާންތަކުގައި ވާ ގޮތުގައި ވޯޓު ލުމުގެ ކުރިން ބަޔަކު މީހުންނާއި ބައްދަލުކޮށް ޝަރީފް ވަނީ ވޯޓު އޮޅުވާލުމަށްޓަކައި ކުރާނެ ކަންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ވޯޓު ފޮށި ކައިރީގައި ތިބި އޮބްޒާވަރުންނަށް އީސީގެ އޮފިސަރުން އިންޒާރުދީ ބިރުދައްކާފައިވާ ކަމަށް ރިޕޯޓްގައި ވެ އެވެ.

އީސީގެ މެމްބަރުންނަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ އެއްވެސް އުނިއިތުރެއް ނުވަތަ ބަދަލު ކުރުމަކާ ނުލައި ރައްޔިތުން ވޯޓުލީ ގޮތަށް ކަމަށެވެ.

“ﷲ ގަންދީ ބުނަމެވެ. އެ އިންތިހާބުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނީ ބަދަލު ކުރުމަކާ ނުލައި ރައްޔިތުން ވޯޓުލީ ގޮތަށެވެ. ދުލާއި ގަލަމުގެ ބޭނުން ތެދު ގޮތުގައި ނޫނީ ނުހިފާށެވެ. ﷲ ގެ އަޒާބަށް ބިރުވެތިވާށެވެ.” އަކްރަމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި “ކޮތަރު ކޮށި” ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިޚާބުގައި އޮޅުވާލިކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަން ފެށީ އިންތިހާބަކުން އެމަނިކުފާނު ބަލި ނުކުރެވޭނެކަން ޔަގީންވި ހިސާބުން ކަމަށާއި، މިއީ ހުރިހާ ދިމާލަކުން ކުޅުނު ޗަރުކޭހެއްގެ ގޮތުގައި ރައީސް ޔާމީން ސިފަ ކުރެއްވި އެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 130،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔަމީނަށް 90،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: