ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހަކާއި އެކު އަލަށް އިއުތިރާފުގެ އެއްބަސްވުމެއް، އައީ 30 އަހަރުގެ ހުކުމެއް!

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކާއި އެކު އެކުލަވާލި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، އޭގެ ދަށުން ހުކުމެއް އިއްވި ފުރަތަމަ ފަހެރެވެ. 30 އަހަރުގެ ހުކުމެއް އައި ހަސަން އަތޫފާއި އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާނުލި ނަމަ އޭނާގެ މައްޗަށް 76 އަހަރަށް ވުރެ ގިނަ ދުވަހުގެ ހުކުމެއް އަންނާނެ އެވެ.

ދައުލަތުން އަތޫފްގެ މައްޗަށް ފަސް ދައުވާއެއް އުފުލަން ނިންމި އެވެ. އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ އާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން އަދި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ ކުށުގެ ދައުވާގެ އިތުރުން ގްރޫމް ކުރުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންގޮސްފައި ވަނީ ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދެ ދައުވާ އެކަންޏެވެ.

އެއީ އިބްތިދާއީ މަރުހަލާގައި އަތޫފް ކުށަށް އިއުތިރާފުވެ، ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދުމުންނެވެ. އެހެންވެ ދައުލަތުން އެއްބަސްވީ، އުފުލި ދައުވާތަކުން ދެ ދައުވާއަށް އިއުތިރާފުވެ އޭނާގެ ބަސް ދަމަހައްޓައިފި ނަމަ އެ ފަސް ދައުވާގެ ތެރެއިން ތިން ދައުވާ އަނބުރާ ގެންދިއުމަށެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އަތޫފާއި ދެކޮޅަށް ގިނަ އަދަދެއްގެ ހެއްކާއި ގަރީނާ ހޯދާފައިވާނެ ކަމަށެވެ. އަދި ބުނީ މައްސަލައިގައި ދައުވާ ކުރީ ވެސް އެކަށީގެންވާ ހެއްކާއި އެކު ކަމަށެވެ. އަދި ދައުލަތާ އެކު އިއިުތިރާފުގެ އެއްބަސްވުމެއް ހެދުމުގެ ކުރިން އެ އެއްބަސްވުމުގެ ސަބަބުން އޭނާއަށް ހުރި ފައިދާތަކާއި ގެއްލުންތައް ތަފްސީލުކޮށް ބަޔާންކޮށްދިން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޖިނާއީ އެކި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ވުމުގެ ފުރުސަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުޅުވިފައިވާ ދޮރެކެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނާއި ދައުލަތާ ދެމެދު އެއްބަސްވުމަކަށް އައުމުން މައްސަލަތައް އަވަސްވެއެވެ. އަދި އޭގެ ސަބަބުން ދައުވާ ލިބޭ މީހާގެ ހުކުމަށް ބޮޑު ލުޔެއް ލިބެ އެވެ.

އެއްބަސްވުން އެކުލަވާލި ސަބަބެއްކަމަށް ޕީޖީން ބުނީ، އަނިޔާ ލިބުނު ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. އަދި މި މައްސަލައިގެ ޝަރީޢަތެއް ހިނގާނަމަ، އަނިޔާ ލިބުނު ކުދިންގެ ހެކި ބަސް ނަގައި، އެ ކުދިން އަލުން މިކަމުގެ ތެރޭގައި ޝާމިލުވާން ޖެހޭގޮތް މެދުވެރިވާނެކަން ޕީޖީން ފާހަގަ ކުރި އެވެ. އަދި އެކުދިން ރީ ވިކްޓިމައިޒްވުމުގެ ފުރުސަތު އޮތުމުން އެހެން ކުށަށް އިއުތިރާފުވާ މައްސަލަތަކުގައި މި އުސޫލުގެ ދަށުން ޝަރީޢަތުގައި އިއުތިރާފުވާ ނަމަ، ލުއި ދީގެން އަވަހަށް ޝަރީއަތް ނިމުމުން އެ ކަންކަމުން ސަލާމަތްވެފައިވާކަމަށް ޕީޖީން ބުންޏެވެ.

ރާއްޖޭގައި އިންތިހާއަށް ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެފައިވާއިރު، އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބެ ހިންގާ މިފަދަ ގިނަ އަމަލުތަކުގެ ޝަރީއަތަށް ކޯޓުގައި ދަނީ ކުރިޔަށެވެ. ފާއިތުވި ދެ އަހަރެއްގެ ތެރޭގައި މީޑިއާތަކާއި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ފެންމަތިވި ގިނަ މައްސަލަތަކަކީ ނުފޫޒެއްގެ ސަބަބުން ނުބަލައި ދޫކޮށްލާފައި ވާ ނުވަތަ ހެކި ނެތްކަމަށް އެއްވެސް ވަރަކަށް އަޅާލާފައި ނުވާ މައްސަލަތެކެވެ.

އަނިޔާގެ މައްސަލަތަކަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުންތަކެއް އިސްނަގައިގެން ވޭތުވެދި ދެ އަހަރުގެ ތެރޭގައި މާލޭގެ އެކި މަގުތަކުގައި އިހުތިޖާޖުތަކާއި ހިނގާލުންތައް ބާއްވާފައި ވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: