އާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް މީހަ އަތުން އަމިއްލަ ދަރިފުޅު ހޯދުމަށް މަންމައަކު ކުރި މަސައްކަތް 15 އަހަރު ފަހުން ކާމިޔާބުވެއްޖެ އެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ދަރިފުޅު, މަންމައާ ހަވާލުކުރުމަށް އަންގާފައިވާއިރު އެކަން ކާމިޔާބުވީ ދައުލަތުގެ އެތައް މުއައްސަސާތަކަކާއި ކޯޓުތަކަށް ހިނގައި, އެތައް ދުވަސްތަކެއް ވަން ދެން މަސައްކަތަށް ފަހު އެވެ.
މިއީ އައިޝަތު (އަސްލު ނަމެއް ނޫން) ގެ އުފަންދަރިއެއް 2004 ގެ މޭއި މަހުން ފެށިގެން ބަލަމުން ދިޔަ އަހުމަދު (އަސްލު ނަމެއް ނޫން) އަތުން ދަރިފުޅު ނަގައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. ދެވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ކުއްޖާގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުން އޭނާ ޖެހުނީ އެ ދަރިފުޅަށް ފަރުވާ ކުރުމަށް އެހެން ރަށަކަށް ބަދަލުވާށެވެ. އެހެންވެ، ރަށުގައި ދިރިއުޅެމުން ދިޔަ އަހުމަދުގެ އެދުމުގެ މަތީން އޭނާއާއި ދަރިފުޅު ހަވާލު ކުރުމުން ފަރުވާ ފުރިހަމަކޮށް އައިޝަތު އެނބުރި ނާންނަނީސް އަހުމަދު ދަރިފުޅު ގޮވައިގެން އޭނާގެ އާއިލާއާއި އެކު ލ. އަތޮޅުގެ އެހެން ރަށަކަށް ބަދަލުވި އެވެ.
އަހުމަދު އެހެން ރަށަކަށް ބަދަލުވާން އުޅޭކަން އެނގުނު ހިސާބުން ދަރިފުޅު ހަވާލުކުރުމަށް އެދުމުން، ވެސް ދަރިފުޅު ގޮވައިގެން ދިރިއުޅުން ބަދަލު ކުރި އެވެ.
އައިޝަތުގެ ދަރިފުޅާއި ހަވާލުވާން އަހުމަދު ބޭނުންވީ އޭނާގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިފައި ނުވާތީ އެވެ. އެހެންވެ، އަހުމަދާއި އޭނާގެ އަނބިމީހާ އައިޝަތުގެ ދަރިފުޅު ބަލަމުން ދިޔައީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
މައްސަލަ ކޯޓަށް ހުށަހަޅައި އައިޝަތު ވަނީ، ދަރިފުޅާއި ބައްދަލު ކުރުމުގެ އެއްވެސް ފުރުސަތެއް އަހުމަދު ނުދޭކަން ފާހަގަކޮށްފަ އެވެ. އަދި ކުއްޖާ ހޯދަން އެކި ފަހަރު މަތީން މުވައްސަސާތަކަށް މައްސަލަ ހުށަހެޅި ނަމަވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ކުއްޖާ ހޯދައިދޭން އެދި ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ޖެންޑާރ މިނިސްޓްރީއަށް ހުށަހެޅި މައްސަލަ ހިމެނެ އެވެ.
ދަރިފުޅު ހޯދުމުގެ މަސައްކަތް ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް އެޗްއާރުސީއެމްއިން އެންގުމުން 2018 ގައި ނައިފަރު މެޖިސްޓްރޭޓު ކޯޓަށް އައިޝަތު މައްސަލަ ހުށަހެޅި އެވެ.
ނައިފަރު މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި މައްސަލައިގައި އައިޝަތު ބުނީ، ކުއްޖާ ހަވާލު ކުރުމަށް އެކި ފަހަރު މަތީން ވެސް ބުނުމުން އަހުމަދު އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އަދި ކުއްޖާއާއި އެއްވެސް ވަރަކަށް ބައްދަލު ކުރުމުގެ ފުރުސަތެއް ވެސް ނުދޭކަމަށާއި އޭނާއަކީ ދަރިފުޅުގެ މަންމަކަމުން ކުއްޖާ ހަވާލު ކުރުމުގެ އަމުރަކަށް އެދޭ ކަމަށެވެ.
މައްސަލައިގައި ނައިފަރު މެޖިސްޓްރޭޓު ކޯޓުގެ ނިންމުން
އާއިލާއާއި ބެހޭ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގައި ކުއްޖެއްގެ ބެލެނިވެރިކަން ހަވާލު ކުރުން އެންމެ އެކަށީގެންވަނީ އެ ކުއްޖެއްގެ މަންމައާއި ކަމަށް ބަޔާން ކުރެ އެވެ. އަދި އެ މާއްދާގެ (ބ) ގައި ކުއްޖާގެ ބެލެނިވެރިކަން ހަވާލު ކުރުމުގައި އަމަލު ކުރަންވާނީ އެންމެ މަސްލަހަތު ހުރި ގޮތަށް ބަލައިކަމަށް ވެއެވެ. އެހެންކަމުން ކުއްޖައަކީ ކަންތަކުގައި ރަނގަޅު ގޮތް ނިންމޭނެ ވަރުގެ ކުއްޖަކަށް ވާތީ ދަރިފުޅުގެ މަންމަ ދަރިފުޅު ބަލައި ދިއުމުން ކުއްޖާގެ އަމިއްލަ އިހުތިޔާރުގައި އައިޝަތާއި އެކު ދާން ހުރި ނަމަ އެކަމަށް އެއްވެސް ހުރަހެއް އަހުމަދަށް ނޭޅޭނެކަމަށް ނައިފަރު މެޖިސްޓްރޭޓު ކޯޓުގެ ހުކުމުގައި ބުންޏެވެ. އެފަދަ ހާލެއްގައި ދަރިފުޅަށް އައިޝަތުގެ ގާތަށް އާދެވޭނެ މާހައުލެއް ގާއިމު ކުރުމަށް މެޖިސްޓްރްރޭޓު ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކުރި އެވެ.
މި މައްސަލައިގައި އައިޝަތުގެ ބަހަކީ، ކުޑަކުދިންނަކީ އަމިއްލަ މަސްލަހަތުގައި ކަމެއް ނިންމޭނެ ކުދިންނެއް ނޫން ކަމަށެވެ.
އާއިލާއާއި ބެހެ ގާނޫނު ބުނާ ގޮތުގައި، ކުއްޖާގެ އިތުރު ބަލަދުވެރިއެއް ނެތްނަމަ ކުއްޖާހެ ބަލަދުވެރިކަން އިތުރު މީހަކާއި ހަވާލު ކުރެވޭނީ ކޯޓުންކަމަށް ބަޔާން ކުރެ އެވެ. އަދި އެ ފަރާތަކީ ކޮންމެހެން އާއިލީ ގޮތުން ގުޅުން އޮންނަ މީހަކަށް ވުން ގާނޫނުން ލާޒިމް ނުކުރެ އެވެ. އެކަމަށް ގާނޫނުގައި ބަޔާން ކުރަނީ ހަތަރު ޝަރުތެކެވެ.
އެއީ މުސްލިމެއްކަމުގައިވުމާއި، ބާލުޣުވެފައިވުން އަދި ބުއްދި ސަލާމަތުން ހުރުމުގެ އިތުރުން އަމާނާތެރިއަކުކަމުގައި ވުމެވެ. މިގޮތަށް ބަޔާން ކުރަނީ އާއިލާ އާއި ބެހޭ ގާނޫނުގެ 49 ވަނަ މާއްދާގަ އެވެ.
ކުއްޖާގެ ގާނޫނީ ބެލެނިވެރިއަކު ކަނޑައެޅުމުގައި ކުއްޖާގެ މަސްލަހަތަށް ރިއާޔަތް ކުރުމުގެ ގޮތުން ރިއާޔަތް ކުރެވިދާނެ ކަންތައްތައް އާއިލާއާއި ބެހޭ ގަވައިދުގައި ބަޔާން ކުރުމާއި އެކު ކުއްޖާގެ ޝަރުއީ ބަލަދުވެރިއެއް ނެތް ހާލަތެއްގައި ކުއްޖާގެ ބަލަދުވެރިއަކަށް ކުއްޖާގެ މަންމަ އައްޔަނު ކުރެވިދާނެކަމަށް އެ ގަވައިދުގެ 77 ވަނަ މާއްދާގައި ވެއެވެ.
ކުއްޖާ ހުންނާނެތަން އަމިއްލައަށް އިހުތިޔާރު ކުރުން
ކުޑަކުދިންނަކީ އެހެންފަރާތެއްގެ އަޅާލުމަށް ބޭނުންޖެހިފައިވާ އަދި އެކުދިން ރައްކާތެރިކޮށްދީ، އެކުދިންގެ ބޭނުންތައް ފުއްދައިދީ، އެކުދިންގެ އެންމެހައި ކަންތައްތައް ކުރުމުގައި ޤާއިމުވެ ހުންނާނެ މީހަކު ބޭނުންވާނެ ބައެކެވެ.
އެގޮތުން އަމިއްލައަށް ކުއްޖާގެ ކަންކަން ކުރެވޭ އުމުރަށް ދިއުމުން ނުވަތަ ވަކި އުމުރަކަށް ދިއުމުން ކުއްޖާ ދިރިއުޅޭނެ ފަރާތެއް އިހުތިޔާރު ކުރުމުގެ ހައްގު ކުއްޖާއަށް އޮވެ އެވެ. ކުއްޖާގެ އުމުރުން ހަތް އަހަރު ފުރި ހެޔޮ ނުބައި ވަކިކޮށް ދެނެގަންނަން އެނގޭ ވަރުވުމުން އެކުދިން އުޅޭނީ މަންމައާއި އެކުގައިތޯ ނުވަތަ ބައްޕައާއި އެކުގައިތޯ ބެލުމަށް އިހުތިޔާރު ދީ އެ ކުދިން އިހުތިޔާރު ކުރި މީހަކު ގާތު އުޅުމުގެ ހައްގު އެކުދިންނަށް ލިބިގެންވެއެވެ.
އެހެންކަމުން، ކުއްޖާއަށް ކުއްޖާ ދިރިއުޅޭނީ ކޮން ފަރާތަކާއިއެކުކަން ކަނޑައެޅުމުގައި އުސޫލެއްގެ ގޮތުން ކުއްޖާއަށް އިހުތިޔާރު ދޫކޮށްލެވިފައި ވަނީ އޭނާގެ މައިންބަފައިންގެ ތެރެއިން ފަރާތެއް އިހުތިޔާރު ކުރުމަށްކަން އެނގޭކަމަށް ހުކުމުގައި ވެއެވެ.
މައްސަލައިގައި ހައިކޯޓުގެ ހުކުމް
ކޯޓުގެ ހުކުމުގައި ބުނީ، ކުއްޖާގެ އުމުރުން އެއް އަހަރުން ފެށިގެން ކުއްޖާ ބަލައި ބޮޑު ކުރަމުން އައި އަހުމަދާއި އޭނާގެ އަންހެނުން ވީ ނަމަވެސް އެ ދެ މީހުންނަކީ އާއިލާއާއި ބެހޭ ގާނޫނުގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ގާނޫނީ ބެލެނިވެރިކަން ހަވާލު ކުރެވިފައިވާ މީހަކަށް ނުވާއިރު އޭނާގެ ފަރާތުން ކުއްޖާ ހޯދަން ކޯޓަށް މައްސަލައެއް ވައްދާފައި ވެސް ނެތް ކަމަށެވެ.
މައްސަލައެއް ނިންމުމުގައި ކުއްޖާގެ މަސްލަހަތަށް ވަރަށް ބޮޑަށް ބަލަން ޖެހޭކަން ހުކުމުގައި ފާހަގަ ކުރި އެވެ. ކުއްޖާއަކީ 18 އަހަރު ފުރިފައި ނުވާ ކުއްޖެއްކަމަށްވުމާއި އެކު ކުޑަކުދިން އާއިލާއާއި ދުރުގައި އެހެން މީހަކާއި ހަވާލުވެ ހުރުން އެއީ ކުޑަކުދިންނާއި މުޖްތަމައުގެ ހައްގުގައި ވެސް ރަނގަޅު ގޮތަކަށް ނުވެފައި ނުރަނގަޅު އެތައް ނަތީޖާއެއް ނިކުމެދާނެކަމަށް ވާތީ ހައިކޯޓުން ހުކުމް ކުރީ ކުއްޖާ އިހުތިޔާރު ކުރާ މީހާކައި ހުރުމަށް ދީފައިވާ އިހުތިޔާރު ބާތިލުކޮށް ކުއްޖާ އައިޝަތާއި ހަވާލު ކުރުމަށް އެންގުމަށެވެ.
މި މައްސަލަ ހައިކޯޓުގައި ބައްލަވާފައި ވަނީ ފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.

