ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓު ލިބި އެއްބަސްވުން ހެދި ފަހުން ފްލެޓު އަތުލުމުން، މީހަކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރި މައްސަަލައެއްގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މި މައްސަލައަކީ މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ޝަރުތު ހަމަވެ، ފްލެޓު ލިބި، އެއްބަސްވުމުގައި ސޮއިކުރި ފަހުން ފްލެޓު ނުލިބޭނެ ކަމަށް މި ސަރުކާރުގައި ޖުލައި 5، 2025 ގައި ހައުސިން މިނިސްޓްރީން ކަނޑައެޅި މީހަކު ހައުސިން މިނިސްޓްރީއާއި އެފްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަންގައި ދައުވާކުރި މައްސަލައެކެވެ. ދައުވާކުރި ފަރާތުން ބުނާ ގޮތުން އޭނާއަށް ލިބިފައިވަނީ އުރަދެސް ޓަވަަރުގެ 13 ވަނަ ފަންގިފިލާގެ ތިން ވަނަ އެޕާޓްމެންޓެވެ.
މި މައްސަލައިގައި ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް ހުށަހަޅާފައިވާ މައުޟޫއީ ދައުވާގައި އެދިފައިވަނީ، ދައުވާކުރި ފަރާތާއެކު ހެދި ފްލެޓު އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން، އޭނާއަށް ލިބުނު ކަމަށް އެއްބަސްވުމުގައިވާ އުރަދެސް ޓަވަަރުގެ 13 ވަނަ ފަންގިފިލާގެ ތިން ވަނަ އެޕާޓްމެންޓް އޭނާއާ ހަވާލުކުރުމަށް އެފްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. އަދި އެއީ އޭނާގެ ތަނެއް ކަމަށް ކަނޑައަޅައި، އެއްބަސްވުން ތަންފީޒުކުރުމަށް އެއްވެސް ގޮތަކުން ހުރަހެއް ނޭޅުމަށް ހައުސިން މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
އެ މައްސަލައިގެ ތެރެއިން ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައި މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ބުނެފައެވެ. ދައުލަތުގެ އެ ނުކުތާއާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ، މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާ ކަމަށް ކަނޑައަޅަންޖެހޭ ގާނޫނީ ނުވަތަ ޝަރުއީ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރެވޭތީ ދައުލަތުގެ އިއުތިރާޟު ބަލައިގަނެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް ހުށަހެޅި މައުޟޫއީ މައްސަލަ އަދިވެސް އެ ކޯޓުގައި އޮތް އިރު، ސިވިލް ކޯޓުން އިހްތިސާސާ މެދު ނިންމި ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އެ އިސްތިއުނާފީ މައްސަލައިގެ ތެރެއިން ދައުލަތުން ވަނީ، ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފު ނިމެންދެން ދަށު ކޯޓުގައި އޮތް މައުޟޫއީ މައްސަލަ މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ.
ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފި މައްސަލަ ހައިކޯޓުގައި ހިނގަހިނގައި އޮއްވާ ދަށު ކޯޓުގައި މައުޟޫއީ މައްސަލަ ކުރިއަށް ގެންގޮސް ހުކުމްކޮށްފިނަމަ، އެ ހުކުމް ވެސް ދައުލަތުން އިސްތިއުނާފުކުރަން ޖެހި، ޝަރީއަތުގެ ނިޒާމު ދިގުލައިގެން ގޮސް، ކޯޓުގެ ވަގުތާއި ދައުލަތުގެ ވަގުތާއި ވަސީލަތްތައް ބޭކާރުވެގެންދިޔުމުގެ އިތުރުން އިސްތިއުނާފުކުރުމުގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ.
އޭގެ އިތުރުން ފްލެޓުތަކާ ގުޅޭ ގިނަ މައްސަލަތައް ކުރިއަށްދާއިރު، އެއްވެސް ފްލެޓަކާ ގުޅޭގޮތުން ވަކި ގޮތަކަށް އަމަލުކުރަން ކޯޓުން އަންގާފައިނުވާއިރު، ކޯޓުގެ އިހްތިސާސާ މެދު ވަކި ގޮތެއް ކަނޑައެޅުމާ ހަމައަށް ސިވިލް ކޯޓުގައި އޮތް މައުޟޫއީ މައްސަލަ މަޑުޖައްސާލުމަކުން ދަށު ކޯޓުގައި ދައުވާކުރި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުން މި މައްސަލައިގައި ހޯދަން އެދުނު ވަގުތީ އަމުރާ ގުޅިގެން ދަށު ކޯޓުގައި ދައުވާކުރި ފަރާތަށް އަދި އެފްޑީސީއަށް ވެސް ޖަވާބު ދޭން ފުރުސަތު ދިން ނަމަވެސް، އެ ފުރުސަތުގައި ލިޔުމުން ޖަވާބެއް ހުށަހަޅާފައިނުވެއެވެ.
އެހެންކަމުން، އެންމެ އިންސާފުވެރިގޮތަކީ ދައުލަތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރުން ކަމަށް ވާތީ، ހައިކޯޓުގައި ބަލަމުންދާ އިހްތިސާސާ ގުޅޭ އިސްތިއުނާފީ މައްސަލަ ނިމެންދެން ދަށު ކޯޓުގައި އޮތް މައުޟޫއީ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ދީބަނާޒް ފަހުމީ، އަދި ފަނޑިޔާރު އިބްރާހިމް މާހިރުއެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއުއެވެ.

