ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި މެނޭޖްކުރުމުގެ އިތުރުން ކުނި މަދުކުރުމަކީވެސް މުހިންމު ސިޔާސަތެއް: ރައީސް

މިއަދު ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރުމުގެ އިތުރުން ގެއްލުންދޭ ބާވަތުގެ ކުނި މަދުކުރުމަކީވެސް ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިމަސައްކަތާއެކު ކުނި ނައްތާލައި އެކުނިން ހަކަތަ އުފެއްދޭނެ ކަމަށެވެ.  އަދި މިކަމަކީ އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހަމައެކަނި މާލެ ސަރަހައްދަށް ނޫން ކަމަށެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކޮށް ރައްކާތެރި މާހައުލެއް އަލުން އިއާދަކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ދިރިއުޅުމުގެ ހާލަތާއި ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވާ ރައިސް ވިދާޅުވީ އުމްރާނީ މަސައްކަތްތައް ކުރަމުންދާ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިއިން ކޮންމެ ކަމަކާއެކު ކުނި އުފެދޭ މިންވަރު އިތުރުވެގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ފުޅާވަމުންދާއިރު ފަތުރުވެރިކަމުގެ ދާއިރާވެސް ކުރިއަށްވުރެ ފުޅާވަމުންދާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރަށު ފަތުރުވެރިކަން ފުޅާކޮށް ސްޓޭ ހޯމް ޓުއަރިޒްމް ތައާރަފްވުމާއެކު މިހާރަށްވުރެ ރަށްަށުގެ ސާފުތާހިރުކަން އިތުރުވާންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މިހާރުން ފެށިގެން އެކަންކަމަށް ތައްޔާރުވެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތައް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. މިމަރުކަޒުތަކަށް ފަނާވާ ޒާތުގެ ކުނި ފިޔަވައި އެހެން ވައްތަރުގެ ކުނި ގެންގޮސް، ރައްކާތެރިގޮތުގައި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މުހިންމުކަމުގެ މައްްޗަށް އަލިއަޅުވާލެއްވިއެވެ. އެއާއެކު ރަށްރަށުގައި ކުނި އެންދުން ހުއްޓޭލެވޭނެ ކަމަށާއި އިތުރު އުނދަގުލަކާއި ނުރައްކަލަކާއި ނުލައި ކުނި ނައްތާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

“ތިލަފުށި އޮތީ ކުރިންވާ އުނދަގޫތައް ނުވާނެ ގޮތަށް ހައްލު ގެނެވިފައި. ތިލަފުށީގައި ހުރި މައްސަލަތަކަށް މިދިޔަ ސެޕްޓެމްބަރު މަހު ހައްލު ގެނެވިއްޖެ. މިހާރު ތިލަފުށިން ދުމެއް ނާރާނެ.” ރައީސް

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި ކުނި މެނޭޖްކޮށްގެން ތިމާވެށި ރައްކާތެރިކުރުން ނޫންކަމަށެވެ. އަދި ތިމާވެއްޓަށް ގެއްލުން ދޭ ބާވަތުގެ ކުނި މަދުކުރުމަކީވެސް މުހިންމު ސިޔާސަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ މިސިޔާސަތުގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތު ޖޫން މަހު ތަންފީޒްކުރެވިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރުމަކީ ހަމައެކަނި މާލެ ސަރަހައްދަށް ގެންގުޅޭ ސިޔާސަތެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިސަރަހައްދުގެ ރަށްތަކާއި ރިޒޯޓްތަކުގެ ކުނި ރައްކާތެރިކަމާއެކު ނައްތާލުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު އިފްތިތާހުކުރެވުނު މަޝްރޫއަކީ ކުނި ނައްތާލުމަށް ފަށާ މިފަދަ އެންމެ ބޮޑު މަޝްރޫއުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: