ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާތަކެއްގެ މައްސަލައިގައި އަމަލު ކުރި ގޮތުން، ހައިކޯޓުގެ ވަރުގަދަ އެންގުމެއް!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަޒާނާއިން ނަހަމަ ގޮތުގައި ފައިސާތަކެއް ގެއްލުވާލާފައިވާ މައްސަލައެއްގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ހައިކޯޓުން އަންގައިފި އެވެ.

މިއީ 2004 ގެ ސުނާމީ ކާރިސާގައި ގއ. ވިލިނގިލީގައި އިމާރާތް ކުރުމަށް ހަމަޖެހުނު ގެތަކުގެ މަސައްކަތް ކުރަމުން ގެންދިޔަ ފިލިޕީންސްގެ ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަންގެ އެދުމުގެ މަތީން ވިމަސް މޯލްޑީވްސްއިން ކުރި މަސައްކަތުގެ އުޖޫރަކަމަށްވާ 75،500 ރުފިޔާ އަދި 2010 ގެ މެއި މަހުން ފެށިގެން ފާއިތުވި ކޮންމެ ދުވަހަކަށް ދެ އިންސައްތައިގެ އިންޓްރެސްޓަށް ވާ ފައިސާ ހޯދުމަށެވެ.

ވިމަސްއިން އެންމެ ފުރަތަމަ މައްސަލަ ހުސަހެޅީ ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށެވެ. އޭރު އެ މައްސަލައިގައި ޕީބީޑީސީގެ މައްޗަށް ކޯޓުން ހުކުމް ކުރީ އެއީ ދައްކަންޖެހޭ ފައިސާއެއްކަމަށެވެ. ކޯޓުގެ ހުކުމާއި އެއްގޮތަށް އެ ކުންފުނިން ފައިސާ ދައްކާފައި ނުވާއިރު މަސައްކަތް އެއްވެސް މިންވަރަކަށް ނުހުއްޓި ކުރިޔަށް ގެންދިއުމުގެ ބޭނުމުގައި ޕީބީޑީސީން ދައްކަން ޖެހޭ ފައިސާއަށް ދައުލަތުން ޒިންމާވުމަށް ނިންމައި، އެ ފައިސާ ދައްކައި ހަލާސް ކުރުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރުނެވެ.

މި ފައިސާއަށް ދިވެހި ދައުލަތުން ޖާމިނުވާކަމަށް ބުނެ ވިމަސްއިން ހައުސިން މިނިސްޓްރީގެ ސިޓީއެއް ހުށަހެޅިއިރު އޭގައި ވަނީ ޕީބީޑީސީއިން ކޮށްފައިވާ މަސައްކަތަށް ނުދެވި ހުރި ފައިސާއެއް ވާނަމަ އެ ކަން އަގުކޮށް، ލިބެންޖެހޭ ފައިސާއެއް ވާނަމަ އެ ފައިސާ މިނިސްޓްރީގެ ފަރާތުން ހަމަޖެހޭ އުސޫލެއްގެ މަތީން ދީ ހަލާސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންވެ ވިލިނގިލި މެޖިސްޓްރޭޓު ކޯޓުން އެންގީ ވިމަސް ކުންފުންޏަށް ދޭން ސާބިތުވެފައިވާ ދަރަނި ވިމަސް ކުންފުންޏަށް ދެއްކުމަށް އެ ކޯޓުގެ އެކައުންޓަށް ޖަމާކުރުމަށެވެ. އެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މެޖިސްޓްރޭޓު ކޯޓުގެ ހުކުމް ބާތިލު ކުރި އެވެ. ހައިކޯޓުން މައްސަލަ އެގޮތަށް ނިންމާފައި ވަނީ މިއީ އަމިއްލަ ދެ ކުންފުންޏެއްގެ މެދުގައި އުފެދިފައިވާ ފައިސާގެ މައްސަލައަކަށްވާއިރު، ދިވެހި ދައުލަތް އެއްވެސް ގޮތަށް އޭގައި ނުހިމެނޭތީ އެވެ.

ހައިކޯޓުން މިގޮތަށް ހުކުމް ކުރިތާ އަހަރެއް ފަހުން ޕީބީޑީސީއިން ވިމަސް ކުންފުންޏަށް ދޭން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ވިލިނގިލި ކޯޓަށް ޖަމާ ކުރި އެވެ. މިއީ އޮޅުމެއްކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އެ ފައިސާ އަނބުރައި އެމްއެމްއޭގެ އެކައުންޓަށް ޖަމާކޮށްދޭން ތަކުރާރުކޮށް އެދިފަ އެވެ.

ފިނޭންސްއަށް ޖަމާކުރެވުނު 1.8 މިލިއަން ރުފިޔާ ހޯދުމަށް ވިމަސްއިން އަނެއްކާވެސް މައްސަލަ ކޯޓަށް ހުށަހެޅުމުން، މެޖިސްޓްރޭޓު ކޯޓުން އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރުގެ އެކައުންޓަށް ފައިސާ ޖަމާ ކުރި އެވެ.

އަލުން އަނެއްކާވެސް ހައިކޯޓަށް ހުށަހެޅީ، މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށެވެ. ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި، ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒު ބެއްލެވި މި މައްސަލައިގައި ފަނޑިޔާރު ޝުއައިބު އަދި ފަނޑިޔާރު ސަމީރުގެ ރައުޔުގައި ވަނީ ވިލިނގިލި މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ގޯސް ކަމަށެވެ.

ދިވެހުރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ވަނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ޖެހޭނެ ކަމަށެވެ.

މައްސަލައިގައި ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދޭން އެދި ޝަރީއަތުން ދައުލަތުގެ ކިބައިން އެދުމުން ވެސް ޝަރީއަތަށް ޖަވާބުދާރީވެފައި ވަނީ ޝަރީއަތުން ސާފު ކުރަން އެދުނު ކަންކަން ސާފުވާ ގޮތަކަށް ނޫން ކަމަށެވެ. ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި ލިޔުމެއްކަމަށް ބުނެ ދައުލަތުން ޝަރީއަތަށް ހުށަހެޅި ލިޔުމަކީ އެއީ އެ މިނިސްޓްރީގެ ސިއްކަ ޖަހާފައި އޮތް ލިޔުމެއް ނަމަވެސް އޭގައި އެއްވެސް ނަމްބަރަކާއި ސޮއެއް އަދި ތާރީހެއް ނެތް ލިޔުމެއް ކަމަށް ފަނޑިޔާރުގެ ރައުޔުގައި ވެއެވެ.

ފަނޑިޔާރު ވިދާޅުވީ ދައުލަތުގެ ހަޒާނާއިން މިހާ ގިނަ އަދަދެއްގެ ފައިސާ މިހާ ދޯހަޅި، ގޮތެއްގައި ހަރަދުވެ ނިމިގެން ދިޔައިރު ދައުލަތުގެ ހަޒާނާގައި ހިމެނޭ ރައްޔިތުންގެ މި ފައިސާ ހޯދުމަށް ދައުލަތުން ކުރި މަސައްކަތާއި މެދު ސުވާލު އުފެދޭ ސަބަބެއް ކަމަށެވެ.

“ހައިކޯޓަށް މިމައްސަލަ އިސްތިއުނާފް ކުރެވުނު އިރުވެސް، މިދެންވި ފައިސާވަނީ ބަޔާންވެ ދިޔަ ގަޟިއްޔާގެ ތެރެއިން ވިމަސް ޕްރައިވެޓް ލިމިޓެޑަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ދީ ނިންމާފައެވެ. ނުވަތަ ތަންފީޒުކޮށް ނިންމާފައެވެ. ވީމާ، ބަޔާންވެދިޔަ ގަޒިއްޔާގެ ހުކުމް ބާތިލު ކުރަން ދައުލަތުން އެދޭއިރު، އަދި އެ ޙުކުމަކީ މި ކޯޓުން ބާޠިލު ކުރަންޖެހޭ ޙުކުމަކަށްވާނަމަ، އެފައިސާ އަނބުރާ ލިބިދިނުމަށް ނޭދެންވީ ސަބަބެއް ނުވިސްނެއެވެ”

1.8 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ވިލިނގިލި މެޖިސްޓްރޭޓު ކޯޓުގެ އެކައުންޓަށް ޖަމާކުރީ، އެ މިނިސްޓްރީގެ ލީގަލް ޓީމުން މި ފައިސާ ޖަމާ ކުރުމަށް، “ގާނޫނީ ގޮތުން އިއުތިރާޒު ކުރާނެ ތަނެއް އޮތްކަމަކަށް ނުފެންނަކަމުގައި” ބުނެ ލަފާ ދިނުމުންކަން ލިޔުމުން އެނގޭއިރު، ފިނޭންސް މިނިސްޓްރީގެ ލީގަލް ޓީމަށް މި ފައިސާ ދޫކުރުމަށް ގާނޫނީ ގޮތުން އިއުތިރާޒު ކުރާނެ ތަނެއް އޮތްކަމަށް ނުފެނުނު ސަބަބެއް ޝަރީޢަތަށް ސާފުކޮށް ބަޔާން ކޮށްދިނުމަށް ދައުލަތުގެ ކިބައިން އެދުމުން ވެސް ޖަވާބެއް ދީފައިނުވާކަން ހުކުމުގައި ވެއެވެ.

“ފެންނާނީވެސް ނުވަތަ ނުފެންނާނީވެސް ކޮންމެވެސް ޤާނޫނެއްގެ މައްޗަށް ނުވަތަ ޤާނޫނީ ހަމައެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ހަމަ ހުރެފަ ނުފެންނަކަމަށް ބުނާ ބުނުމަކަށް ނުވާނެއެވެ.” ފަނޑިޔާރު ނިޔާޒުގެ ރައުޔު

ހައިކޯޓުން ބާތިލުކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް، ދައުލަތުގެ ހަޒާނާއިން މިހާ ގިނަ އަދަދެއްގެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގެ ގާނޫނީ ޓީމުން ގާނޫނީ ލަފާ ދިނީ ކޮން ހަމައަކުންތޯ ބަޔާން ކޮށްދިނުމަކީ ދައުލަތަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފަނޑިޔާރު ވިދާޅުވި އެވެ. އަދި މައްސަލައިގައި ގޮތެއް ނިންމާއިރު، ދައުލަތުގެ އެ ބަސް މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

“އިސްތިއުނާފް ކުރެވިފައިވާ މައްސަލަ، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ބަލައިގަނެ ހިންގި ހިންގުމަކީ އޭގެ ޒާތުގައި، ޣައިރު ގާނޫނީ ގޮތަކަށް ހިންގި ކަމެއްކަން ބަޔާންވެދިޔަ ކަންކަމުން ނުހަނު ސާފެވެ.” ހުކުމް

މި މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ބަލައިގަނެ ހިންގި ހިންގުމަކީ އޭގެ ޒާތުގައި، ޣައިރު ގާނޫނީ ގޮތަކަށް ހިންގި ކަމެއްކަން ފާހަގަކޮށް ހުކުމުގައި ވަނީ ކަނޑައެޅިގެން، ހައިކޯޓުން ބާތިލުކޮށްފައިވާ އަމުރެއްގެ މައްޗަށް ބިނާކޮށް، ފިނޭންސުން ދޫކުރަ ފައިސާއެއްކަން، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އެނގި ހުރެ، އަދި “އެ ފައިސާ ދޫކުރުމަށްޓަކައި” ފިނޭންސްގެ ސިޓީ އިސްލާހު ކުރަން އެ ކޯޓުން އަމިއްލައަށް އެދިފައި އޮތުމުން އަންގައި ދެނީ، މިއީ ނާޖާއިޒު ގޮތެއްގައި ދައުލަތުގެ ފައިސާ ބަޔަކަށް ދިނުމަށްޓަކައި ޖާއިޒު ސޫރައެއް ދެއްކުމަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޝަރީއަތް ކުރުމުގެ މަރުހަލާ ނަހަމައިން ބޭނުންކޮށްފައިވާ މައްސަލައެއް ކަމަށެވެ.

“ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި “ދައުލަތުގެ އޮފީސް” ކަމަށް ބުނެފައި ވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަށްވެސް ހިމޭނޭ ގޮތުންނެވެ. ވީމާ، ދައުލަތުގެ މާލީ ކަންކަމުގައި ކޯޓުތަކުންވެސް ޢަމަލު ކުރަން ޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވައިދުގެ ތެރެއިންނެވެ” ހުކުމް

މިކަމުގެ ތެރޭގައި އިހުމާލުވާ މީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ވެސް، ހުކުމުގައި ވެއެވެ. ހުކުމުން އެނގޭ ގޮތުގައި ޗެކުތައް ހަދާފައި ވަނީ ވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ނަމުގަ އެވެ. އެހެން ކަމުން އޭނާގެ ކިބައިން ވެސް މި ފައިސާ ހޯދުމަށް ހުކުމުގައި ވެއެވެ.

އެހެންވެ, ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ވިލިނގިލީ ކޯޓުގެ ހުކުމް ބާތިލްކޮށް، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް އަމުރުކުރުމަށެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމާއި، އިހުމާލުވި ފަރާތްތަކުގެ ކިބައިން ހޯދުމަށްޓަކައި ގާނޫނުގެ ބާރާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބަންޑާރަ ނައިބަށް އެންގުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: