ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫރުގެ ގާތިލަަށް ކުށް ސާބިތުވޭ، ކުށް ކުރިއިރު 18 ނުފުރޭތީ މަރުގެ އަދަބު ނުދެވޭނެ: ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ، ނޫރު އާދަމް މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލިއިރު 18 އަހަރު ނުފުރޭތީ ކުށް ސާބިތުވިނަމަވެސް އޭނާއަށް މަރުގެ އަދަބު ނުދެވޭނެކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

މިއީ 2015، މާޗު 29 ގައި ސައިކަލުތަކެއްގައި ދިޔަ ގުރޫޕަކުން އައިޖީއެމްއެޗު ކައިރީގައި ހުރި ނޫރުއަށް ހަމަލާދީ އޭނާ މަރާލި މައްސަލައެވެ. އެ މައްސަލައިގައި ދައުލަތުން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު، އޭގެތެރޭގައި އޭރު 18 އަހަރު ނުފުރޭ ދެ ކުއްޖަކު ހިމެނެ އެވެ. މީގެތެރެއިން އެކެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ކުށްކުރި އިރު 18 އަހަރު ނުފުރޭތީ، މި މައްސަލައިގައި އޭނާގެ މައްޗަށް ޝަރީއަތް ވެސް ކުރިޔަށް ގެންދިޔައީ ޖުނެނައިލް ކޯޓުގަ އެވެ. އަދި އެ ކޯޓުން މައްސަލަ ސާބިތުވެ މަރުގެ އަދަބު ދިނުމަށް ކުރި ހުކުމް ދައުލަތުން ހައިކޯޓުގަ އިސްތިއުނާފު ކުރީ މަރުގެ އަދަބު ކަނޑައެޅޭ ހުކުމްތަކަށް ޝަރީއަތުގެ ތިން މަރުހަލާ ހިންގަން ޖެހޭނެކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ އެވެ.

އެއީ ދަށު ކޯޓުން ގޮތް ނިންމައި، ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް އެގޮތަށް ނިންމުމެވެ.

ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބަލަހައްޓަވައި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ސަލީމް ބެއްލެވި މި މައްސަލައިގައި ކުރި ހުކުމުުގައި ވަނީ ގަސްތުގައި މީހަރު މަރާލައިފި ނަމަ އިސްލާމީ ޝަރީއަތުން ދެވޭ އަދަބަކީ ވާރިސުން ބޭނުންވާ ނަމަ މަރުގެ އަދަބު ދިނުން ކަމަށެވެ. އެކަމަކު މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ވަނީ 18 އަހަރު ނުފުރެނީސް ކުރާ ކުށަކަށް އެއީ މަރުގެ އަދަބު ލިބޭ ކުށެއް ނަމަވެސް 18 އަހަރު ފުރުމަށް ފަހު ވެސް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ.

ކުށް ސާބިތުވާކަމަށް ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުގެ ހުކުމުގައި ވަނީ އަދަބުގެ ބައި އަލުން ޖުވެނައިލް ކޯޓުގައި ކުރިޔަށް ގެންދިއުމަށް އަންގާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހާ ނޫރުއަށް ހަމަލާ ދިންތަން ފެނުނުކަމަށް ތިން މީހެއްގެ ހެކިބަހުން އެނގެން އޮތްއިރު ނޫރު މަރުވީ އެ ހަމަލާތަކުގައި ލިބުނު ޒަހަމްތަކުންކަމަށް ހުކުމުގައި ވެއެވެ. ހުކުމުގައި ވަނީ ނޫރުއަށް ހަމަލާ ދީފައި ވަނީ އަށް އިންޗި ހުންނަވަރުގެ ވަޅިއަކުންކަމަށާއި، އެ ޒަހަމްތަކުގެ ތަފްސީލު މެޑިކޯ ލީގަލް ރިޕޯޓުން އެނގެން އޮތުމާއި އެކު ގަސްތުގައި މީހަރު މެރިކަން ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ހުކުމުގައި އަންގާފައި ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މަރުގެ އަދަބު ދެވެން ނެތުމާއި އެކު، ދެވެނޭގެ އަދަބާއި މެދު ޖުނެވަނައިލް ކޯޓުން ގޮތެއް ނިންމުމަށެވެ.

ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ މީހަކު މެރިކަން ސާބިތުވުމުން ދިރިހުރުމުގެ ހައްގެއް ގާނޫނީ ގޮތުން އޮވެގެން ނުވާނެ ކަމަށެވެ. ދިރިހުރުމުގެ ހައްގަކީ އެއީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ނަމަވެސް އެއްވެސް ހައްގަކާ ނުލައި މީހަކު މަރާލުމުން މަރުގެ އަދަބު ދިނުމަށް ހުރަސް އެޅޭނެ ސަބަބެއް ނޫންކަމަށް ވެސް ރައުޔުގައި ފަނޑިޔާރު ލިޔުއްވާފައި ވެއެވެ. އަދި ވިދާޅުވީ މިއީ ގާނޫނު ހިނގާތަނެއްގައި ކަން ވެގެންވާނެ ގޮތެއް ނޫންކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) ގައި ވަނީ އުމުރުން 18 އަހަރުވުމަށް ފަހު ވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކުކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ނޫރުގެ ވާރިސުންގެ ބަސް ނެގިއިރު، ހުރިހާ ވާރިސުން ވެސް ބުނީ ބޭނުން ވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: