ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ސަރުކާރަށް: ނަގަންވީ ނިޒާމުގެ ވޯޓެއް ނޫން، އިންޑިއާ ސިފައިން ބޭރު ކުރަން ފެނޭތޯ!

ކ. ގުރައިދޫގައި އިދިކޮޅުން ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންޑިއާ މިލިޓަރީ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށާއި، ސަރުކާރަށް ސާފު މަންޒަރު ދެއްކުމަށް ރައްޔިތުންގެ މެދުގައި ވޯޓަކަށް ދާންޖެހޭ ހާލަތަށް ގޮސްފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަނީލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމާއި ގުޅިގެން، މިވަގުތު މިނިވަނެއްގެ ގޮތުގައި ހުންނެވި ރައީސް ޔާމީން ގެންދަވަނީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބިކަމަށާއި، އެ ގައުމާއި އެކު ސިއްރު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލަމުން ދާކަމަށް ބުނެ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ.

އިގްތިސާދީ ގޮތުންނާއި، އަދި އެހެނިހެން ގޮތް ގޮތުން އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަކަމަށް ބުނެ، އިދިކޮޅުން ވަނީ ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށް ބުނެފަ އެވެ.

ރައީސް ޔާމީން ޖަލުގައި ދުވަސްތައް ހޭދަ ކުރެއްވިއިރު، އިދިކޮޅުން ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ހަރަކާތަކީ އިންޑިއާ އައުޓަށްވާއިރު، މިނިވަންވެވަޑައިގެން ބައިވެރިވި އެންމެ ފުރަތަމަ ޖަލްސާގައި ވެސް ރައީސް ޔާމީން ގޮވާލީ ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ދުވަސްވަރު ވެސް އިންޑިއާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ބަސް ބުނެ، ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒު ކުރުމަށް ތިން ފަހަރެއްގެ މަތީން ސިޓީ ފޮނުވިކަމަށް ވިދާޅުވި އެވެ.

މާލޭގައި ބޭއްވި ބޮޑު ދެ ޖަލްސާއަށް ފަހު، ކ. ތުލުސްދޫއަށް ރައީސް ޔާމީން ވަޑައިގަތީ “އިންޑިއާ އައުޓް” ޖަހާފައިވާ ރަތް ކުލައިގެ ޓީޝާޓެއްގަ އެވެ. އަދި އެ ރަށުގައި ރައްޔިތުންނާއި މުހާތަބު ކުރައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގެ ތިބެން ގިނަ ދިވަހިން ދެކޮޅު ކަމަށާއި އެކަން މިއަދު ރާއްޖޭގެ ގިނަ ރަށްތަކުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

މި ސަރުކާރު ދެމެހެއްޓުމަށް އެމްޑީޕީއަށް އިންޑިއާގެ އެހީ ބޭނުންވިޔަސް، ގައުމުގެ މުހިންމު މަސައްކަތްތަކާއި ގައުމުގެ މިނިވަންކަން ގެއްލުވާލުމުގެ އެއްވެސް ފުރުސަތެއް އިންޑިއާއަށް ނުދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ފައިބަން ޖެހޭކަން ކޮންމެ ދިވެހި ރައްޔިތަކު ވެސް ގަބޫލު ކުރާކަން ފާހަގަކޮށް، ރައީސް ޔާމީން ގޮވާލީ ވޯޓަކަށް ދިއުމަށެވެ. ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމާއި މެދު ވޯޓެއް ނެގުމަށް ބަޔަކު ކުރާ މަސައްކަތެއްގެ ބަދަލުގައި، ނަގަން ޖެހޭ ވޯޓަކީ އެއީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މިއީ ރައްޔިތުންގެ ތާއީދުގެ ސަރުކާރަށް އޮތް މިންވަރު ފެނިގެން ދާނެ ވޯޓެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް ތާއީދެއް ނެތްކަމަށާއި، އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރަނީ “ހަޖަމު ކުރުމުގައި” މައްސަލައެއް އުޅޭތީކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އިންޑިއާ އައުޓްގެ ހަރަކާތް މުޅި ރާއްޖެއަަށް ފުޅާ ކުރުމަށް ވެސް ގޮވާލާފަ އެވެ. އިންޑިއާއަކަށް މި ގައުމުން އެއްވެސް ޖާގައެއް ނެތްކަމަށާއި، އިންޑިއާގެ އަސްކަރިއްޔާއަށް ދިވެހި ބިމުން ފޭބުން ނޫން އިތުރު ގޮތެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: