އިންޑިޔާ ސިފައިންގެ މައްސަލާގައި މަޖިލިސް މެމްބަރުންގެ- ގްރޫޕްތެރޭގައި ”މަންމައާއި ބެހި“ އަވަގުރާނަ ގޮވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ތިބޭ ރަސްމީ ވަޓްސްއެޕް ގްރޫޕްގައި ދެކެވުނު މިވާހަަކަތަކުގެ ސްކްރީންޝޮޓްތައް ސަންގު ޓީވީއަށް ވަނީ ލިބިފައެވެ. ލިބިފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ހަޑިހުތުރު ބަހުރުވައިން މުހާތަބުކޮށްފައިވާކަން ހާމަވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.
މެމްބަރު މޮސްޓާގެ ވާހަކަތައް ހުރިގޮތުން އެހެން މެމްބަރަކު ވަނީ އިންޑިޔާ އައުޓް ކުރުމުގެ މަސައްކަތުގެ ތެރެއިން އަމިއްލަ ނަފްސު އައުޓްވެ ބަސްމޮށުންތެރިކަން ޑީގްރޭޑްއަށް ވެއްޓުމުން ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މަންމައާއި ބެހި ހަޑިހުތުރު ބަސް ބޭނުންކުރަން ފެށުމުން ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށްވެސް ބައެއް މެމްބަރުން ވަނީ މޮސްޓާއަށް ދަންނަވާފައެވެ.

މޮސްޓާ ވަނީ އެއަށްފަހު އެމްޑީޕީއަށް ފާޑުކިޔުން އަމާޒުވާ ގޮތަށް ހަދާފައިވާ ކާޓޫނު ތަކަކާއި ފޮޓޯތަކެއްވެސް ވަޓްސްއެޕް ގްރޫޕަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ބައެއް ބަސްތައް ހިމެނޭ ފޮޓޯތަކަކާއި ކުރެހުންތަކެއް ހިމެނެއެވެ.

މޮސްޓާ ފޮނުވާފައިވާ އެއް ފޮޓޯގައިވަނީ އިންޑިޔާއިން ކާޑު ގަންނާތީ ރާއްޖޭގައި ހިންދޫ ސިފައިންނަށް ތިބެވޭނޭ ބުނުމަކީ ކަންމަތީ ފިހާރަ ސޭޓަށް އަނބިދަރިން ގާތަށް ވަދެވޭނެ ބުނުން ކަހަލަ ކަމެއްކަމަށް ބުނެފައެވެ. އަދި ރައީސް ނަޝީދަކީ އިސްލާމްދީނާއި ދެކޮޅިު ބޭފުޅެއްކަން ދެއްކުމަށްޓަކައި ބައެއް ލިޔުންތައް ހިމަނާފައިވާ ފޮޓޯތަކެއް ވަނީ ގްރޫޕަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ޔަހޫދީންނާއި ސިއްރިއްޔާތުގައި ބައްދަލުކުރި ކަމަށާއި އިސްލާމް އަދި ދިވެހި ކިޔެވަން ނުޖެހޭ ގޮތަށް ހެދިހެދުން ހަނދާން ނުނެތޭނެކަމަށްވެސް ބައެއް ފޮޓޯތަކުގައިވެއެވެ. އަދި ގުރްއާނާއި ހަދީޘް ނޫން ހައްލެއް ބޭނުންވާކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށްވެސް އެފޮޓޯތަކުގައިވެއެވެ.
ސްކްރީންޝޮޓްތަކުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި ރައީސް ޔާމީން ކުރިއަށް ގެންދަވަން މަސައްކަތް ކުރި ޕްރޮޖެކްޓާއި ތަފާތުވަނީ ކީއްވެކަން އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މެމްބަރު ކިޔައިދޭ މެސެޖްތަކެއްވެސް ހިމެނެއެވެ. އެގޮތުން، ގާނޫނު އަސާސީ އިސްލާހުކޮށްގެން ގައުމު ވިއްކާލުމާއި އެހީގެ ދަށުން ހިންގައި، ދިވެހިންނަށް މިލްކުވާނެ ޕްރޮޖެކްޓްތައް ހިންގުމާއި ހާސްބައި ތަފާތުކަމަށް އެމްޕީ ނިހާދު ވަނީ ވަޓްސްއެޕް ގްރޫޕްގައި ލިޔުއްވާފައެވެ.
މީގެކުރިންވެސް މަޖިލިސް މެމްބަރުންގެ މިފަދަ ސްކްރީންޝޮޓްތައް ވަނީ އާންމުވެފައެވެ. އަދި މަޖިލީހުގެ ތެރޭގައި ވެސް ހަޑިހުތުރު ބަސްތައް ބޭނުންކޮށް މީގެ ކުރިންވެސް ވަނީ މެމްބަރުން މުހާތަބުކުރައްވާފައެވެ.

