ޖުމްހޫރީ މައިދާން ފެހިކޮށް މަރާމާތު ކުރުމަށް ކުރަމުންދާ މަަސައްކަތް އެއްކޮށް ނިންމާ ނުލެވެނީސް އެ ސަރަހައްދުގައި މިރޭ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރާ ޖަލްސާ ބާއްވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ޖުމްހޫރީ މައިދާނުގެ ވިނަ އެއްކޮށް ހަލާކުވެފައިވާތީ، ސިޓީ ކައުންސިލުން ތަނުގެ މަރާމާތުގެ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަސައްކަތުގެ ތެރެެއިން ވިނަ ބަދަލުކުރުމުގެ މަސައްކަތް ނިންމައި، މިވަގުތަށް ތަނުގައި އެއްވެސް ހަރަކާތްތަކެއް ކުރިޔަށް ނުގެންދިއުމަށް އެދިފައިވާނެ ކަަމަށް މުއިއްޒު ވިދާޅުވެ އެވެ. ހާއްސަކޮށް ވިނަގަނޑުގައި ބަރު ތަކެތި ބެހެއްޓުމުގެ ސަބަބުން ވިނަގަނޑަށް ގެއްލުންތަކެއް ވާނެކަން ބައްދަލުވުންތަކުގައި ތަކުރާރުކޮށް ބުނެފައިވާނެ ކަމަށް މުއިއްޒު ވިދާޅުވެ އެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޑިސެމްބަރު 26 ޖަލްސާ ކުރިޔަށް ގެންދަނީ ޖުމްހޫރީ މައިދާނުގަ އެވެ. އަދި ޖަލްސާއަށް ވާ ތައްޔާރީތަކަށް ވިނަގަނޑު މަތީ ބޮޑެތި ފޮށިތަކާއި، ކަރަންޓު ސާމާނުތައް ބަހައްޓާފައިވާތީ، އެތަނުގެ ފޮޓޯއެއް ހިއްސާ ކުރައްވައި މުއިއްޒު ވިދާޅުވީ ވިނަގަނޑު ހެދުމަށް ވަގުތު ބޭނުންވާނެކަން މީގެ ކުރިން ފާހަގަ ކުރި ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ޖަލްސާތަކުގައި ފާހަގަ ކުރި ކަންތަކަށް ބެލުމެއް ނެތި ޖުމްހޫރީ މައިދާނުގައި ޖަލްސާ ބޭއްވުމަކީ ކަންބޮޑުވުމެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.
ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް މީޓިންގ ގައި ތަކުރާރުކޮށް ދެންނެވުމުންވެސް، އެއްވެސް ބެލުމެއްނެތި މިކަން ކޮށްފައިވާތީ ހިތާމަކުރަން. @ShimranAb @HomeMinistrymv pic.twitter.com/0Sl63TXti2
— Dr Mohamed Muizzu (@MMuizzu) December 26, 2021
އެެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުުމުގެ ގޮތުން ބާއްވާ ޖަލްސާއަށް ތައްޔާރު ވުމުގެ ގޮތުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އިރު، ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅު ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޭޔަރ ވިދާޅުވީ މީގެ 2 ހަފްތާއެއްހާ ކުރިންނެވެ. ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރަން ފެށުނު މި މަސައްކަތުގެ ނަތީޖާ ހަލާކު ވިޔަ ނުދިނުމަކީ މޭޔަރުގެ އެދުމެކެވެ.

