ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ވިޔަފާރީގެ އަޑީގައި ސިޔާސީ މީހުން ތިބޭ، ނަން ހާމަނުކުރިޔަސް އާންމުންނަށް އެނގޭނެ: އިމްރާން

ދޫނިދޫގައި މިއަދު ކުރިއަށްދިޔަ ހަފްލާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިގައި އަޑީގައި ތިބެނީ ސިޔާސީ މީހުންނާއި ވިޔަފާރިވެރިން ކަމަށާއި އެއީ ކޮންބައެއްކަން ހާމަނުކުރިޔަސް ރައްޔިތުންނަށް އެނގޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރެއިން ނައްތާލުމުގެ ހުއްދަ ލިބިފައިވާ މަސްތުވާތަކެތީގެ ބާވަތްތައް ވަނީ ނައްތާލާފައެވެ. މިތަކެތީގެ ޖުމްލަ ބަރުދަނުގައި 314 ކިލޯ ހުރިއިރު މަގުމަތީ އަގު ގާތްގަނޑަކަށް 320 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ.

މިކަމަށް އިޝާރާތްކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ މިހާ ބޮޑެތި އަދަދުތަކުން މިކަން ކުރާއިރު އަދި މިހާ ބޮޑު އަދަދެއްގެ ފައިސާ މިކަމުގައި ޝާމިލްވާއިރު މިއީ ހަމައެކަނި މަގުމަތީގައި އުޅޭ ކުޑަކުދިންތަކަކަށް ކުރެވޭނެކަމެއް ނޫންކަން ހާމަވާކަމަށެވެ. އެހެންކަމުން، މިކަމުގެ އަޑީގައި ކިހާ ގިނަ ބަޔަކު ތިބިކަން އަންދާޒާކޮށްލެވޭނެ ކަމަށް ވިދާޅުވިއެވެ. މިކަމުގެ އަޑީގައި ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ތިބޭ ކަމަށާއި އެއީ ކޮންބައެއްކަން، އެމީހުންގެ ނަންތައް ހާމަނުކުރިކަމުގައިވިޔަސް އާންމުންނަށްވެސް އެއީ ކޮން ބައެއްކަން އެނގޭނެކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެމީހުންގެ ނަންތައް ހާމަކުރުމަށް އިމްރާން ވަނީ ދެކޮޅު ހައްދަވާފައެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަތުމަކީ އަދި މިކަމަށް ހައްލު ގެނައުމަށް ކުރަމުން މިދާ މަސައްކަތަކީ ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާ ކޮންމެ މުއައްސަސާއަށްވެސް، ނޫސްވެރިއަކަށްވެސް އަދި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތުން ވެރިންނަށްވެސް އެކަމުގެ ނުރައްކާތަކާއި ކުރިމަތިލާންޖެހޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

 

މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރެއިން

 

އެކަމަކީ އެމިނުފާނުގެ އަމިއްލަ ނަފްސަށްވެސް އޮތް ރިސްކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ޑްރަގްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާއި ސިޔާސީ ބޭފުޅުން އެބަތިއްބެވިކަން އެކި ރިޕޯޓުތަކަށް ބަލައިލުމުންވެސް ހާމަވާކަމަށް ވިދާޅުވިއެވެ. އަދި އެ ބަޔަކީ ކޮބައިކަންވެސް އެންމެންނަށްވެސް އެނގޭކަމަށް ވިދާޅުވި ނަމަވެސް، އެއްވެސް ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ހަރަކާތެއްގެ ނަންވެސް އަދި އެފަދަކަމެއް ދޭހަވާ ފަދަ ގޮތަކަށްވެސް މިނިސްޓަރ ވާހަކަފުޅު ދައްކަވާފައިނުވެއެވެ.

މިނިސްޓަރުގެ ވާހަކަފުޅު މިފަދަ ގޮތަކަށް ހުރިއިރު، އިދިކޮޅުން ކުރިއަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިނަކީ މަސްތުވާތަކެތީގެ ނެޓްވޯކްތަކަށް އެކަން ކުރުމަށް މަގުފަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީ މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ބޭރު ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ނުރުހެނީ ޓެރަރިޒްމް ފަދަ ކްރޮސްބޯޑަރ ކްރައިމްތަކަށް ވާގިވެރިވާ ފަރާތްތަކުންކަމަށް ވިދާޅުވެފައެވެ.

ސިޔާސީ ބޭފުޅުންނާއި މަސްތުވާތަކެއްޗާއި ގުޅުވައި ވާހަކަފުޅު ދެއްކުވުމުން ނޫސްވެރިން ވަނީ މިސަރުކާރުގައި އެފަދަ ބޭފުޅުންތަކެއް ތިބިކަމަށް ތުހުމަތުކުރެވޭތޯ ސުވާލުކޮށްފައެވެ. ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެފަދަ ބޭފުޅަކު ހުރިކަމަށް ސާބިތުވެއްޖެނަމަ، ސަރުކާރުގެ މަގާމަކުން އެބޭފުޅާ ދުރުކުރެވޭނެކަމަށެވެ. އަދި މިނިސްޓަރ ނިސްބަތްވާ އަދާލަތު ޕާޓީ ތެރޭގައި އެފަދަ މީހަކު ހުރިކަމުގައިވިޔަސް ދުރުކުރެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ތެރެއިން ގިނަ ބާވަތްތަކެއް މިއަދުވެސް ނައްތާލެވުނުއިރު، އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދަނީ އާންމުންނަށް ހުޅުވާލައިގެންނެވެ. މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ދާދި ފަހުން އަތުލައިގަނެފައިވާ 215 ކިލޯގެ މަސްތުވާތަކެއްޗާއި 107 ކިލޯގެ މަސްތުވާތަކެތީގެ ތެރެއިން އަތުލައިގަނެވުނު ތަކެއްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢާމުންނަށް އިގެޔޭ. ޢެކަމަކު ފުލުހުންނަށް ނޭގޭތީއޭ މައްސަލައަކީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: