ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ހިޔަނިއެޅޭ ފަދަކަމެއް ބޭނުމެއްނުވޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ހިޔަނިއެޅޭ ފަދަކަމެއް ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ކުރިއަށްގެންދާ އިންޑިޔާ އައުޓް ކެމްޕެއިންގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވާ ކުރިއަށްގެންދާ “އިންޑިޔާ އައުޓް” ކެމްޕެއިންގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި އާންމުން ލަދުގަންނަކަމަށް ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.”އިންޑިޔާ އައުޓް” ކެމްޕެއިނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ގައުމެއް އަނެއް ގައުމާއި ޖެހިގެން އުޅުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ސިޔާސަތެއް ނޫންކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ އިންޑިޔާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި ޒަމާންވީ އެކުވެރިޔަކަށް ތެދުވެރިވެ ހެޔޮއެދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންޑިޔާއަކީ ރާއްޖެއާއި އެންމެ އަވަށްޓެރި ގައުމުކަމަށާއި ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުަރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އިންޑިޔާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އިންޑިޔާއިން ފޯރުކޮށްދޭ އެހީތެރިކަމަށް އެހެން ކަމަކުން ހިޔަނި އެޅެންޖެހޭނެކަމަށް ގަބޫލެއް ނުކުރަން!” ރައީސް ނަޝީދު

“އިންޑިޔާ އައުޓް” ކެމްޕެއިން މިވަގުތު މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ރައީސް ޔާމީން އިސްވެހުންނަވާ ކުރައްވަމުން ގެންދަވާއިރު، ރައީސް ޔާމީން މިކެމްޕެއިން ހިންގެވުމުގައި އަމަލީގޮތުން އެންމެ އިސްކޮށް ހަރަކާތްތެރިވާތީ ސަރުކާރަށް ވަނީ ފިއްތުންތަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން މިކެމްޕެއިންގެ ސަބަބުން އިންޑިޔާގެ އިތުރުން އެހެން ގައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުން ހީނަރުވެދާނެ ނުވަތަ ރާއްޖެއަށް ލިބޭ އެހީތައް ލިބުމުގައި ދަތިތައް ދިމާވެދާނެކަމަށް ސަރުކާރުން ގަބާުލުކުރެއެވެ. އެހެންކަމުން ސަރުކާރާއި އެމްޑީޕީ މެމްބަރުން ވަނީ ފާޅުކަން ބޮޑުގޮތެއްގައި “އިންޑިޔާ އައުޓް” ހުއްޓުވުމަށް މަސައްކަތް ފަށާފައެވެ. އެމްޑީޕީއަށް ނިސްބަތްވަ މެމްބަރުން ވަނީ މިކެމްޕެއިނަކީ އަދަބުދީގެންވިޔަސް ހުއްޓުވަންޖެހޭ ކެމްޕެއިނެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން “އިންޑިޔާ އައުޓް” ކެމްޕެއިން ފެށި މައިގަނޑު ސަބަބަކީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުވުމަށެވެ. ރާއްޖޭގައި އިންޑިޔާގެ ސިފައިން ތިބިކަމަށް ސަރުކާރަށް ދެކޮޅު ހެދިނަމަވެސް މިވަގުތު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިޔާގެ ސިފައިން ތިބިކަން ވަނީ ހާމަވެފައެވެ. މިމީހުންގެ އަދަދު ގާތްގަނޑަކަށް 75އަށް އަރައެވެ. ހަމައެއާއެކު، ފާއިތުވި އަހަރެއް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިޔާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކާއި ހިލޭ އެހީތަކުގެ ސަބަބުންވެސް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ބާރުލިބޭކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ. އެގޮތުން އިގްތިސާދީގޮތުން ނިކަމެތި ހާލެއްގައި ގައުމު އޮއްވައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމުގެ ފަހަތުގައި ބޭނުމެއް އޮންނާނެކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި މިއީ ކަނޑި އާއި ބަޑި ހިފައިގެން ގައުމު އަޅުވެތިކުރަން އަންނާނެ ޒަމާނެއް ނޫންކަމަށާއި މިޒަމާނުގައި ގައުމެއް އަޅުވެތިކުރާނީ އިގްތިސާދީގޮތުންކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ރާއްޖޭގައި މިވަގުތު އިގްތިސާދީ މިނިވަންކަމެއް ނެތް ކަމަށާއި އަމިއްލަ ބާރުގައި އެއްވެސް ކަމެއްގައި ގޮތް ނިންމުމުގެ ބާރު ރާއްޖެއަށް ނެތްކަމަށް އިދިކޮޅުން ބުނެއެވެ.

ގައުމުތަކާއި ޖެހިގެން މަސައްކަތްކުރެއްވުމަކީ ގަބޫލުކުރައްވާ ސިޔާސަތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް، ރައީސް ނަޝީދަކީ ފާޅުކަންބޮޑުގޮތެއްގައި ޗައިނާއަށް ބަސް ވިދާޅުވާ ބޭފުޅެކެވެ. އެގޮތުން ރާއްޖެ މިވަގުތު އިގްތިސާދީ ގޮތުން މިހާލަތަށް ދާންޖެހުނީ ޗައިނާއަށް ދައްކަންޖެހިފައިވާ ލޯނުތަކުގެ ސަބަބުންކަމަށް ރައީސް ނަޝީދު އަބަދުވެސް ވިދާޅުވެއެވެ. އެގޮތުން ފައްޓަރުބައި ވިއްކާލާފައިވިޔަސް ދަރަނި ދެއްކުމަށް ޗައިނާއިން އަންގަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކަކީ ދަރަނި ދަންތޫރަތަކެއްގެ ގޮތުގައި ރައީސް ނަޝީދު އަބަދުވެސް ސިފަކުރައްވައެވެ. ރައީސް ނަޝީދުގެ މިފާޑުކިޔުންތަކަށް ޗައިނާގެ ސަފީރު ރައްދުވެސް ދެއްވައެވެ.

ސަރުކާރުންނާއި އަދި އެމްޑީޕީގެ މެމްބަރުން ވިދާޅުވާގޮތުންނަމަ، މަސައްކަތްކުރަނީ ހުރިހާ ގައުމުތަކާއިވެސް ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ވަކިވެގަނެގެން ރާއްޖެއަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށާއި އެއީ ގަބޫލުކުރާ ސިޔާސަތެއް ނޫންކަމަށް އެމްޑީޕިއިންނާއި ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: