ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތް ހިނގާކަން އެނގިހުރެ، ފޮރުވި މައްސަލައިގައި އާތިފަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާ!

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ އިބްރާހިމް އާތިފް ޝަކޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އާތިފްގެ މައްޗަށް ކުރީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގެ ދައުވާއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތައް ދައުރުވަމުން ދިޔައިރު އެކަން އެނގިހުރެ ފިޔަވަޅު ނޭޅުމުގެ ތުހުމަތު އާތިފްގެ މައްޗަށް ކުރެވެއެވެ.

މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނު 09:30 އަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ ހެކި ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި އާތިފްގެ ވަކީލު އައިޝަތު ފަޒްނާ އަހުމަދު ވިދާޅުވީ ދައުލަތުން އެދިގެން ހެކި ރައްކާ ކުރުމުގެ އަމުރެއް ކޯޓުން ނެރެދީފައިވާތީ އެއީ ކޮން ހެކިތަކެއްކަމާއި، އަދި ސިއްރު ކުރަނީ ކިހާ މިންވަރަކަށްކަން ނޭނގޭތީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެހެންވެ، ދިފާއަށް ހެކި ހުށަހެޅުމުގައި ވެސް ދަތިތައް ދިމާވާނެކަމަށް ވަކީލު ވިދާޅުވި އެވެ.

މާދަމާ ކުރިޔަށް ގެންދާނީ ހެކިތައް ތަފްސީލު ކުރުމެވެ. އެއަށް ފަހު ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދާނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެފްއައިޔޫއަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު 27 ގައި ފޮނުވާފައިވާ އެސްޓީއާރު އެނެލައިޒް ކުރުމަށްފަހު، އެފްއައިޔޫއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު 31 ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކޮށްފައިވާ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުގައި ވަނީ އެ ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެ ދިޔައިރު، އެ ކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބިފައިވާ ކަމަށެވެ. ރިޕޯޓުގައި ބުނީ އެފްއައިޔޫއިން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާ ވާން ޖެހޭނީ އެ ޔުނިޓުގެ ވެރިއެއްގެ ގޮތުގައި ހުންނެވި އާތިފް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް އާތިފް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގެން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރު އައިޝަތު އަޒީމާ އަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެކަން ތަހުގީގުކުރަން ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށް ތަހުގީގަށް ދެއްވި ބަޔާނުގައި އާތިފް ވިދާޅުވެފައި ވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: