ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރި މައްސަލައިގައި ޔާމީންގެ ދިފާއު: ސިޔާމަށް 17 މިލިއަން ދިނީ ޑޮލަރު ގަތުމަށް!

ރައީސް ޔާމީނާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި އެކު ޑޮލަރު ގަތުމަށް ހިންގި މުއާމަލާތަކީ، ސައްހަ މުއާމަލާތެއްކަން ސާބިތުކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހެކި ހުށަހަޅުއްވައިފި އެވެ.

މި ހެކިތައް ހުށަހަޅާފައިވަނީ ފުއްގިރީގެ މުއާމަލާތުގައި، ނުވަތަ އެ ރަށް ދޫކުރުމުގައި ރައީސް ޔާމީންގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް ސާބިތު ކުރުމަށެވެ.

ކިތާބީ ހެކީގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވަނީ، ފުއްގިރި މުއާމަލާތް ހިނގައިދިޔަ ގޮތެވެ. އަދި އެކަމާއި ބެހޭ ބައެއް ލިޔެކިއުންތަކާއި އެކު، ޑޮލަރު ގަތުމަށް ކުރި މުއާމަލާތްތަކުގެ ތަފްސީލު ހުށަހަޅި އެވެ.

ރައީސް ޔާމީން މިހާރު ދިރިއުޅުއްވަމުން ގެންދަވާ، ހ. ދޫވެއްސާއި ގުޅޭގޮތުން އުފައްދާ ސުވާލުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ސާބިތު ކުރުމަށް ވެސް މިއަދު ހެކި ހުށަހެޅި އެވެ.

ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ގިނަ ހެއްކެއް ހުށަހެޅިއިރު އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. ހިޔާނާތުގެ މައްސަލައިގައި މިހާރު ވެސް ހުކުމް އިއްވާފައިވާ އަދީބާއި ޒިޔަތު މީގެ ކުރިން ވެސް ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދީފައި ވެއެވެ.

ދައުލަތުން ވަނީ، ސިޔާމާއި ގާތް ގުޅުމެއް އޮންނަ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ކުރި އަލީ މައުރޫފްގެ ނަން ވެސް ރައީސް ޔާމީނާއި ދެކޮޅަށް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ ނަން ވެސް ހުށަހަޅާފައި ވެއެވެ. ބޮންޑެއަކީ ފުއްގިރިއަށް އިންވެސްޓަރުން ހޯދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން މައްސަލައިގެ ތަހުގީގު ރިޕޯޓުތައް ތައްޔާރު ކުރި ބައެއް ފުލުސް އޮފިސަރުން ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ.

ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅީ، ފުއްގިރީގެ މުއާމަލާތްތަކުގެ ރިކޯޑެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އޮފީހާއި، އެމްއެމްޕީއާރުސީ އާއި، ޓޫރިޒަމް މިނިސްޓްރީ ދެމެދު ބަދަލުކުރި ސިޓީތަކެވެ. އަދި ރައީސް ޔާމީންގެ ބޭންކު އެކައުންޓުތަކުގެ ތަފްސީލު ހިމެނޭހެން، އެމަނިކުފާނުގެ މާލީ ބަޔާނާއި، ޓެކްސް ބަޔާން ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

ރައީސް ޔާމީނާއި، ކުރީގެ ނައިބު ރައީސް އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު

ޝަރީއަތް ފެށުމުން ވިދާޅުވީ، އަދިވެސް ބޭނުންވާ ލިޔެކިއުންތައް ނުލިބޭކަމަށް

މިއަދުގެ ޝަރީއަތް ފައްޓަވައިދެއްވަމުން، އިސް ގާޒީ އަހުމަދު ޝަކީލް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލް ދެއްވި އެވެ. ގާޒީ ފާހަގަ ކުރެއްވީ، ރ. ފުއްގިރީގެ މި މައްސަލައަކީ ރައީސް ޔާމީންގެ އިތުރުން އެހެން ބައެއްގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ މައްސަލައެއްކަމާއި، ކޯޓުގައި ކުރިޔަށް ދަނީ ރިޝްވަތު ގަބޫލު ކުރުމާއި، މަނީ ލޯންޑްރިން ކުށުގެ ދައުވާ ކަމެވެ. ނަމަވެސް، އެއަށް ރައީސް ޔާމީން ސުވާލު އުފައްދަވައި، ވަނީ ދައުލަތުން މިހާރު އެމަނިކުފާނުގެ މައްޗަށް ކުރާ މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތު ކޮބައިތޯ އައްސަވާފަ އެވެ.

ޖަވާބުގައި ގާޒީ ވިދާޅުވީ ޝަރީއަތުން ފާހަގަކުރީ، ކޯޓަށް ހުށަހަޅާފައިވާ އަދި ޝަރީއަތުން މިވަގުތު ބަލަމުންދާ ދެ ދައުވާގެ ވާހަކަ ކަމަށެވެ. މި ދެ ދައުވާއަށް ވެސް ރައީސް ޔާމީން މީގެ ކުރީގެ އަޑުއެހުންތަކުގައި އިންކާރު ކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުމުގައި ރައީސް ޔާމީންގެ ވަކީލުންނަށް ދިން ފުރުސަތުގައި އަބްދުﷲ ޝިޔާޒް ވިދާޅުވީ، ބައެއް ލިޔެކިއުންތަކެއް ބޭނުންވާތީ ޖޫން މަހުގެ 30 ގައި ސިޓީއަކުން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. މިއީ ސައްހަ މުއާމަލާތެއްގެ މައްޗަށް، އެއްވެސް ހަރުދަނާ ހެއްކެއް ނެތި އުފުލައިގެން އުޅޭ ދައުވާއެއްގެ ގޮތުގައި ޝިޔާޒް ސިފަ ކުރެއްވި އެވެ.

ރައީސް ޔާމީންގެ އެންމެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ގާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ކުރިޔަށް ގެންދިއުން ލާޒިމް ކަމަށެވެ.

“ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި މި އޮންނަނީ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް، ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކާ އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތައް ލިބެންވާނޭ. އަދި އެ މީހަކު އިހުތިޔާރު ކުރާ ގާނޫނީ ވަކީލަކާއި މަޝްވަރާ ކުރުމުގެ ފުރުސަތު ދޭންވާނޭ… އިއްޒަތްތެރި އިސް ގާޒީ.. މި މާއްދާގައި ހަގީގަތުގައި ވަސީލަތް މި ބަޔާންކޮށްފައި މިއޮތީ ހަމައެކަނި ހުރެފައި ލިޔެފައި އޮތް މާއްދާއެއްގެ ގޮތުގައި އަޅުގަނޑުމެން އެއްވެސް ބަޔަކު ގަބޫލުކުރާނެކަމަށް އަޅުގަނޑުމެން އެއްވެސް މީހަކު ގަބޫލެއް ނުކުރަން. ވަސީލަތަކީ އެއީ ކޯޓަށް އައުމާއި، ކޯޓުގައި އިޝީންނާނެ ތަނެއް ދެއްކުމެއް ނޫން..” ޑރ. ޖަމީލް

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ޖިނާއި ބޮޑު ތުހުމަތެއް ކުރެވޭ މީހަކަށް އެ ކުށުން ބަރީއަވުމަށްޓަކައި، އޭނާ ބޭނުންވާ ހުރިހާ ވަސީލަތެއް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާ އެކެވެ. މައްސަލަ ބިނާވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގެއްގެ ލިޔެކިންތަކެއްގެ މައްޗަށްކަމަށްވުމުން، އެ ކޮމިޝަންގެ ތަހުގީގުގެ ރިޕޯޓުތައް މައްސަލައިން ދިފާއުވުމަށް ބޭނުންވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ފުއްގިރިއަކީ 2013 ވަނަ އަހަރާއި ހަމައަށް ޓޫރިޒަމް މިނިސްޓްރީއަށް ވާސިލުވެފައިވާ ރަށެއްކަން ލިޔެކިއުންތަކުން ވެސް ދައްކާ ކަމަށެވެ. ލިޔުންތައް މުހިންމުވަނީ އެހެންވެގެން ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ވާހަކަތަކަށް ދައުލަތުން ބުނީ ލިޔެކިއުންތަކާއި ބެހޭ ތަފްސީލަށް އެދި ހުށަހެޅި ސިޓީ އިއްޔެގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ. އަދި ސިޓީގައި ބޭނުންވާ ލިޔެކިއުންތަކުގެ ތެރޭގައި، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ދައުލަތުން ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވެފައިވާ ލިޔެކިއުންތަކެއް ހިމެނޭ ކަމަށެވެ. އަދި 2013 ނޮވެމްބަރު 17 އިން ފެށިގެން، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި ދެމެދު ރައީސް އޮފީހާއި، ޓޫރިޒަމް މިނިސްޓްރީ އާއި ދެމެދު ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމާއި ގުޅޭގޮތުން ކުރެވުނު މުއާމަލާތްތަކުގެ ތަފްސީލާއި، އެކަމަށް ޖަވާބުދާރީވެފައިވާނެކަމަށް ދައުލަތުން ވިދާޅުވި އެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީ އާއި ރައީސް އޮފީހާއި ދެމެދު ބަދަލުކުރެވުނު ސިޓީތަކުގެ ތަފްސީލާއި މެދު ވާހަކަ ދެކެވި، ޝަރީއަތުން ގޮތެއް ވެސް ނިންމަވާފައިވާކަމަށް ދައުލަތުގެ ފަރާތުން ފާހަގަ ކުރި އެވެ.

ބޭނުންވާ ތިންވަނަ ލިޔެކިއުމުގެ ގޮތުގައި ހުށަހަޅާފައިވަނީ، މައްސަލައިގައި ފުލުހުންނާއި ތަހުގީގީ އިދާރާތްތަކުގެ، ލޮގްތަކާއި ލިޔުންތައްކަން ފާހަގަކޮށް ދައުލަތުން ވިދާޅުވީ އޭގެ ތަފްސީލު ވެސް މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ޝަރީއަތުގައި ދީފައިވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ، ލިޔެކިއުންތަކާއި ގުޅޭގޮތުން ދެފަރާތުން ވެސް ވާހަކަ ދައްކައި، ދައުވާ ވެސް ސާފުކޮށްދީ އަދި އެކަން ޝަރީއަތުން ވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދެވިފައިވާކަމަށް ދައުލަތުން ބުންޏެވެ.

ދެ ފަރާތުގެ ވެސް ވާހަކަތަކަށް ފަހު ގާޒީ ޝަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެފަދަ ލިޔުންތައް ހޯދުމަށް އަމުރެއް ހޯދުމަށް އެދުމުގެ ވަކި އުސޫލެއް ކަނޑައެޅިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހާއްސަކޮށްފައިވާ ފޯމްގައި، ހޯދަން ބޭނުންވާ ލިޔުންތައް ހިމަނައި އެ ހުށަހެޅުމަށް ގާޒީ އެންގެވި އެވެ.

ގާޒީ ވިދާޅުވީ އެއީ ކޮންމެހެން ވެސް ރައީސް ޔާމީނަށް ލިބެންޖެހޭ ލިޔުންތަކެއްގެ ގޮތުގައި ޝަރީއަތަށް ގަބޫލު ކުރެވޭނަމަ، އެކަމަށް އަމުރު ނެރެދެއްވާނެ ކަމަށެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ، އަނެއް މަރުހަލާ ފެށުމުން ކުރިން ހުށަހަޅާ ލިޔެކިއުންތަކަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު އެވެ. ދެ ފަރާތުން ވެސް ވަނީ، ހުށަހަޅަން ބޭނުންވާ ލިޔުންތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް

ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިތަކުގެ ތެރޭ މިފަހަރު ވެސް އަދީބާއި ޒިޔަތު

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ، ރައީސް ޔާމީނާއި ދެކޮޅަށް 88 ހެއްކެއް ހުށަހަޅާފަ އެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ދިފާއަށް 30 ހެއްކެއް ވަނީ ހުށަހަޅާފަ އެވެ. އެއީ 05 ޝަފަވީ ހެއްކާއި، 25 ކިތާބީ ހެއްކެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހެޅި ހެކީގެ ތަފްސީލުތައް ވެސް ވަނީ ދެއްވާފަ އެވެ. އަބްދުﷲ ރަޝީދު، ގ. އަގުނީގެ ނަން ހެއްކެއްގެ ގޮތުގައި ހުށަހަޅާ އާދަމް ޝަމީމް ވިދާޅުވީ އަހުމަދު ޝިޔާމްގެ އަތުން ރައީސް ޔާމީން 1.18 މިލިއަން ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ އޭނާއާއި ހަވާލުކުރުމަށް 17 މިލިއަން ރުފިޔާ އަބްދުﷲ ރަޝީދާއި ހަވާލު ކުރިކަމަށެވެ. އަދި އެ ހަވާލުކޮށްފައިވަނީ އަހުމަދު ނަރީޝް އާއި، ގއ. ކޮލަމާފުށި ސައީދުގެ ހާޒިރުގައި ކަމަށެވެ. އެ ފައިސާ ހަވާލުކޮށްފައިވަނިކޮށް، ޝިޔާމް އެ ފައިސާ ބަލައި ފޮނުވި ލަންކާ މީހެއްގެ ނަން ވެސް ދިފާއީ ހެކީންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ. އެއީ ތަންގްރާޖް ނަމަކަށް ކިޔާ މީހެކެވެ.

ރައީސް ޔާމީންގެ ފަރާތުން ދިފާއަށް ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި، މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ނަން ހިމެނެ އެވެ. ތިންވަނަ ހެއްކަކީ އަބްދުﷲ ސައީދެވެ. މި ހެކިން ހުށަހަޅާފައި ވަނީ، ބޭންކު ރޭޓުން ގަތް ފައިސާގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއްކަން ސާބިތުކުރުމަކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

Sun Group maintains innocence amid money laundering charges
ރައީސް ޔާމީނާއި، އަދީބު އަދި ސިޔާމް

ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި ދެ ދައުވާ އާ ގުޅިގެން މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިންލައްކަ ސާޅީސް ނުވަހާސް އަށްސަތޭކަ އަށްޑިހަ ފަހެއް) ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250  (ދެ މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ދުއިސައްތަ ފަންސާސް) ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ ފަންސަވީސް) ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެއެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާގައި މީގެ ކުރިން ބޭއްވި އަޑު އެހުމެއްގައި ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. މީގެ ކުރިން ވެސް އަޑުއެހުންތައް ކުރިޔަށް ގެންގޮސްފައިވާ މި ދެ ދައުވާއަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެންމެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ހިނގާފައި ނެތް ކުށެއް ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށް ކުރާ ދައުވާތަކެއް ކަމަށާއި، މިއީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީނާއި މެދު ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: