ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ހައްޔަރު ކުރުމުގެ އިނގިރޭސި ތަރުޖަމާ ހޯދުމަށް މަސައްކަތް އެބަކުރަން: ފުލުހުން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ވަކި ކުރި އަލީ ވަހީދު ހައްޔަރުކޮށް ރާއްޖެއަށް ގެނައުމަށް ބޭނުންވާ އިނގިރޭސި ބަހުން ލިޔެފައިވާ އަމުރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

މިނިސްޓްރީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލައި ޝަރީއަތް ފަށާފައިވަނިިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިޔަތާ އަންނަ މަހަށް އެއް އަހަރު ވާނެ އެވެ. ހަތަރު މަސް ދުވަހަށް ދިން އެ ހުއްދަ ހަމަވީއިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައިނުވާއިރު، އަލީ ވަހީދުގެ މައިބަދައިގެ އޮޕަރޭޝަނަކަށް ބޭރަށް ދިއުމުގެ ހުއްދަ ދިނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް އަައްސަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހު އެވެ.

އެފަހުން މިވީ ދުވަސްތަކުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ގެނައުމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގުމަށް ދައުލަތުން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އަދި އަލީ ވަހީދު ދަނީ އިނގިރޭސިވިލާތުގައި ހުންނަވައި ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވައި ޓްވީޓު ކުރައްވަމުންނެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމަށް މިދިޔަ ނޮވެމްބަރު 28 ގައި ކްރިމިނަލް ކޯޓުން ނެރުނު ތަންފީޒު ނުކުރެވޭ ސަބަބެއްކަމަށް މީގެ ދުވަސްތަކެއް ކުރިން ފުލުހުންގެ ޗީފް ސުޕްރިޓެންޑް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ އެ އަމުރުގެ އިނގިރޭސިި ތަރުޖަމާއެއް ކޯޓުން ނުލިބުމެވެ. މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޔޫނުސް ވިދާޅުވެފައި ވަނީ އަލީ ވަހީދު ހައްޔަރު ކުރެވެން އޮތީ އިނގިރޭސި ބަހުން އަމުރެއް ލިބިގެން ކަމަށެވެ. އަދި އިންޓަޕޯލްއަށް އޭނާގެ މައުލޫމާތު ހުށަހެޅެން އޮތީ ވެސް އެ މަރުހަލާއަށް ފަހުކަމަށް ވިދާޅުވެފައި ވެއެވެ. އެކަމަކު އޭރު ކްރިމިނަލް ކޯޓުން މީޑިއާތަކަށް ބުނީ ފުލުހުން އެފަދަ އަމުރަކަށް އެދިފައި ނުވާކަމަށެވެ.

ފަހުން އަނެއްކާވެސް އަމުރު ހޯދުމުގެ މަސައްކަތް ފަށައި، އެވާހަކަތައް މީޑިއާތަކުގައި ދެކެވުނު ނަމަވެސް އަދިވެސް އެ އަމުރު ނެރެފައި ނުވާތީ “ސަންގު” އިން ސުވާލު ކުރުމުން ފުލުހުންގެ ސްޕޯކްސްޕާސަން ވިދާޅުވީ އަމުރު ހޯދުމަށް ދެ ފަރާތުން ވެސް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެދުނު ގޮތަކަށް އިނގިރޭސި ބަހުން ލިބިފައި އޮތް އަމުރެއް ލިބިފައި ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ ހަސަން ސައީދެވެ. އަޮންލައިންކޮށް ޝަރީއަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، އަލީ ވަހީދަށް އެ ފުރުސަތު ދިނުމުން ދައުލަތުން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށަހެޅި އެވެ. ސުޕްރީމް ކޯޓުން އަލީ ވަހީދު ކޯޓަށް ހާޒިރުވާން އެންގުމުން ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓަށް ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ދެ މަހާއި ބާރަ ދުވަހުގެ ހުކުމެއް ވެސް އިއްވި އެވެ.

އޭގެ ފަހުން ހައިކޯޓަށް ދައުލަތުން ހުށަހެޅި ޕާސްޕޯޓު މައްސަލައިގައި، ނެރުނު ހުކުމުން އެނގުނީ ދައުލަތުން އެދުނީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމަށް ކަމެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދާ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ދައުވާ ލިބޭ މީހާ ރާއްޖެއިން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލަ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެ ހުކުމަށް ފަހު ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ މައްސަލައެއް ބާއްވާފައި ނުވީނަމަވެސް އަޑުބަރޭގެ އަޑުއެހުމެއް ބޭއްވި އެވެ. އެއީ ދައުލަތުން އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން ހުށަހެޅި މައްސަލަ އެވެ. ތިން ދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނެވިއްޖެ ނަމަ ފިޔަވަޅު އަޅާނެކަމަށް އެނގި ނަމަވެސް އަޑުބަރޭއަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ކޯޓަށް އަޑުބަރޭ ހުށަހެޅި ސިޓީއެއްގައި ވަނީ، އޭނާ ޖާމިނުވީ އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުވާނެކަމުގެ ޔަގީންކަން ދީކަމަށެވެ. އެހެން ކަމުން އެކަމުގައި ދެން ޒިންމާވާން ޖެހޭނެކަން ގަބޫލު ނުކުރާކަމަށް ސިޓީގައި ވެއެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓުން މި މައްސަލައިގައި ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެ އަމުރުގައި ބުނެފައި ވަނީ އަލީ ވަހީދުގެ މައްސަލަ ވިޔަސް އަދި އެނޫން ވެސް މައްސަލައެއްގައި ވެސް ދައުވާ ލިބޭ މީހާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލައިގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވީޑިއޯ ކޮންފަރެންސްކޮށް ކުރިން ކުރިއަށް ގެންދިޔަ އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުންތައް ފަހުން ނުބާއްވަ އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: