ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުމޫދުގެ މަރު: ސާލިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ، ވާރިސުންގެ ބަސް ނެގުން އަންނަ މަހު!

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލީ ޝާ އަލޮމް މިއާ (ސާލިމް) ކަން ޝަރީއަތަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވައިފިއެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ސާލިމް ވަނީ އޭނާއަށް ކުރެވުނީ ކުށެއްކަމަށް ބުނެ، އެކަމަށް މައާފަށް އެދިފަ އެވެ. މިއަދުގެ ޝަރީއަތް ފައްޓަވައިދެއްވަމުން އެ މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ އިއުތިރާފު ދަމަހައްޓަންތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ސާލިމް ބުނީ އެއްވެސް މަޖުބޫރުކަމެއް ނެތި އޭނާގެ އިއުތިރާފު ދަމަހައްޓާކަމަށާއި، މަހުމޫދަށް ހަމަލާ ދެވުނީ ޝައިތާނާ ބޮލަށް ވަދެގެން ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި ސާލިމަށް މަހުމޫދުގެ ފޮޓޯ ދެއްކުމުން އޭނާ ބުނީ، އެއީ އޭނާ ހަމަލާދިން މީހާކަމަށާއި ނަމަވެސް ސީދާ ނަމެއް ނޭނގޭ ކަމަށެވެ. ތަރުޖަމާނެއްގެ އެހީގައި ކޯޓުގައި ވާހަކަ ދެއްކި ސާލިމަށް ދެން ދެއްކީ މަހުމޫދު މަރާލާފައިވަނިކޮށް ނަގާފައިވާ ފޮޓޯތަކެކެވެ. ފޮޓޯތަކަށް ބެލުމަށް ފަހު ސާލިމް ބުނީ އޭނާއަށް ހީވާ ގޮތުގައި މަހުމޫދަށް ހަމަލާދިން ރޭ، އޭނާ ލައިގެން ހުރި އަންނައުނަކީ އެއީ އެވެ.

އޭގެ ފަހުން ގާޒީ ވަނީ ސާލިމް އޭނާގެ އިއުތިރާފު ދަމަހައްޓާފައިވާތީ، އެއީ ސައްހަ އިއުތިރާފެއްކަމަށް ނިންމަވައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފަ އެވެ. މި މައްސަލައިގައި ދައުލަތުން އެދުނީ ސާލިމް ކުށަށް އިއުތިރާފު ވިޔަސް ހެކިންގެ ހެކިބަސް ނެގުމަށެވެ. އެއީ މީހަކު މަރާލުމުގެ ކުށުގެ އަދަބަކީ، މަރުގެ އަދަބުކަމަށްވާތީ ގާނޫނުގައި ބަޔާން ކުރާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށެވެ. އަދި ފަހުން ސާލިމް ކުށަށް އިންކާރު ކުރާ ހާލަތެއްގައި ވެސް، ހެކި ބަސް ނަގަން ޖެހިއްޖެ ނަމަ އެ ހެކި ގެއްލުމުގެ ފުރުސަތު އޮތުމުންނެވެ.

ދައުލަތުން ދެއްކެވި ވާހަކައަށް ގާޒީ ވިދާޅުވީ މައްސަލައިގައި އަމިއްލަ އިއުތިރާފެއް އެބައޮތްކަމަށާއި، އަދި ކުށަށް މީހާ އިއުތިރާފުވުމުން ވެސް ހެކި ބަސް ނަގަން ޖެހޭ އެއްވެސް ހާލަތެއް ދައުލަތަށް ނުދެއްކޭކަމަށެވެ. އަދި ކުށަށް މީހާ އިއުތިރާފުވެއެޖެ ނަމަ، ޖިނާއީ އިޖުރާއަތު ބުނާ ގޮތުން ދެން މައްސަލައިގައި ގޮތް ނިންމަން ޖެހެނީ އަވަސް ނިޔާގެ ދަށުންކަމަށް ބުނެފައިވާކަމަށް ގާޒީ ވިދާޅުވި އެވެ. އެހެން ކަމުން ހެކި ބަސް ނަގަން ޖެހޭ އެއްވެސް ހާލަތެއް، ނުވަތަ ސަބަބެއް ނެތްކަމަށް ގާޒީ ވިދާޅުވި އެވެ.

މަހުމޫދުގެ ބައެއް ވާރިސުން ކޮވިޑު-19 ގެ ސަބަބުން ކަރަންޓީނުގައި ތިބެން ޖެހިފައިވާތީ މައްސަލައިގައި މިއަދު ބަސް ނެގޭ ގޮތް ނުވި އެވެ. އެހެންވެ ކަރަންޓީނު ނިމުމާއި އެކު ވާރިސުންގެ ބަސް ނަގައި، މައްސަލަ ނިންމަވާނެކަމަށް ގާޒީ އިއުލާނު ކުރެއްވި އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: