ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު!

ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން މިއަދު ވަނީ އިދިކޮޅު ކޯލިޝަންގެ ބައެއް ކަންބޮޑުވުންތަކާއެކު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފައެވެ. އެއަަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެމުން ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ބައި އިލެކްޝަންގެ ކަންކަން ފެށުމާއެކު ކޮމަންޑޫ ދާއިރާގެ އެކި ރަށްރަށުގައި އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އަދި އެބޭފުޅުންގެ ހިއްސާކުރާ ވާހަކަތަކުން އެމްޑީޕީގެ ޖަގަހަތަކުން ބެކްއަޕް އޮފިޝަލުންގެ ޓީމެއް އުފަންވެގެން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އެކަންބޮޑުވުންތައް އީސީއާއި ހިއްސާކޮށްފައިވާނެ ކަމަށާއި ވޯޓުފޮށިތައް ކައިރި ހަރަކާތްތެރިވާ އޮފިޝަލުންނަކީ ދާއިރާގެ އެއްވެސް ރަށަކަށް ނިސްބަތްނުވާ މިނިވަން އޮފިޝަލުންގެ ޓީމަކަށް ވާންޖެހޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ސަރުކާރުން އަންނަނީ އިންތިހާބާއި ދިމާކޮށް އީސީއަށް ނުފޫޒު ފޯރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންކަމަށްވެސް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

ބެކްއަޕް އޮފިޝަލުންގެ ޓީމަކީ ރަސްމީކޮށް ހަރަކާތްތެރިވާ އޮފިޝަލުންގެ ޓީމުގެ ތެރެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ނުވަތަ ކަރަންޓީނުވާން ޖެހިއްޖެ ހާލަތުގައި ދެން އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރާނެ ބަޔަކު ތައްޔާރަށް ތިބުމަށް އޮންނަ ޓީމެކެވެ. އިންތިހާބުގެ ކަންކަން މާލެ ސަރަހައްދުގެ ތެރެއިން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް މިއޮތް ބައި އިލެކްޝަންއަނަކީ އިންސާފުވެރި އިންތިހާބަކަށްވާ ބޭނުންވާ ކަމަށެވެ. އަދި އިންތިހާބުގެ ފޮށިތައް ކައިރި ތިބޭ މީހުންނަކީ މިނިވަން ބަޔަކަށްވާން ބޭނުންވާކަމަށް މުއިއްޒުވެސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންވެސް މިވާހަކަތައް އަޑުއައްސަވާ އެކަން އެގޮތަށް ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވި ކަމަށާއި އެހެންނަމަވެސް ކޮވިޑާއި ގުޅިގެން ދަތުރުކުރަން ދަތިތައް ހުންނާނެކަން ފާހަގަކުރެއްވިކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ވޯޓުލާ ވަގުތު އިތުރުނުކޮށްދިނުމަށްވެސް އިދިކޮޅުގެ ފަރާތުން މިއަދު އީސީއާއެކު ކުރިއަށްދިޔަ ބައްދަލުުވުމުގައި ވަނީ އެދިފައެވެ. ވޯޓުލާ ވަގުތު އިތުރުކުރުމުގެ ސަބަބުން ވޯޓު އޮޅުވާލުމަށް މަގުފަހިވާ ކަންކަން މީގެކުރިންވެސް ހިނގާފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ހުރިހާ ވޯޓު ފޮށްޓެއް ބަންދުކުރުމަށްފަހު ނޫނީ ވޯޓު ފޮށިތައް ގުނަން ނުފެށުމަށްވެސް އިދިކޮޅުން ވަނީ އެދިފައެވެ. އިދިކޮޅުގެ މިޝަކުވާތަކާއިމެދު އީސީގެ އޮފިޝަލުންނާއެކު ޕޮޒިޓިވް ނޯޓެއްގައި ވާހަކަދެކެވުނުކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

އިދިކޮޅުން މިއަދު އީސީއާއި ހިއްސާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ޕާޓީއިން ފާހަގަކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ޕާޓީތަކަށް ކުއްލިކުއްލިއަަށް މީހުން އިތުރުވަމުން ދިޔުމެވެ. އަދި ޕީއެންސީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތްކުރުމުގެ މަސައްކަތްކުރިއަށް ގެންދިޔައިރު އަމަލުކުރަމުންދިޔަ ހަރުކަށި އުސޫލުތަކަށް މިހާރު އަމަލުކުރަމުން ނުދާކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ނޫންކަމުގައިވެސް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރެޖިސްޓްރީގައި ތިބި މެމްބަރުންނަން ނޭންގި ޕާޓީ ބަދަލުވެފައިވާކަމުގެ ޝަކުވާތައް ފެންމަތިވާކަމަށާއި އެފަދަ މެމްބަރުންނަށް ގުޅައި އެކަން ބަލާއިރު ޕާޓީ ބަދަލުވާކަން އެމީހުންނަށްވެސް ނޭންގޭކަމަށް އިދިކޮޅުން ބުނެއެވެ. އެހެންކަމުން ޕީޕީއެމްއިން ނުކެނޑުނު ނަމަވެސް، އެހެން ޕާޓީތަކުގެ ފޯމްތަކުގައި ނަން އޮތް މެމްބަރުން، އެމެމްބަރުން ބޭނުންވާކަމުގައިވާނަމަ ޕީޕީއެމް، ޕީއެންސީގެ ރަޖިސްޓްރީއަށް ނަން އަނބުރާ ގެނެވޭނެ ގޮތަށް އުސޫލެއް އެކުލަވާލުމަށްވެސް އިދިކޮޅުން ވަނީ ދަންނަވާފައެވެ.

މީގެކުރިން ޕީއެންސީއަށް މެމްބަރުން ހަމަކުރުމަށް ކުރި މަސައްކަތުގައި ޕީއެންސީގެ ހުރިހާ ފޯމެއްގައި ހުރި އިނގިލީގެ ނިޝާން މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ޗެކްކޮށްފައިވާ ކަމަށާއި ފޯމްތައް ވެރިފައިކުރުމަށް ޕީއެންސީގެ ވަކި ވަކި މެމްބަރުންނަށް ގުޅައި ހެދިކަން އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ. އީސީއަށް އަދި އާންމުންނަށްވެސް ފެންނަ ގޮތަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްކުރަނީ ހަމައެކަނި ޕީޕީއެމް ޕިއެންސީއިންކަން އީސީއިންވެސް ގަބޫލުކުރާކަމަށް އިދިކޮޅުން ބުނެއެވެ. އަދި އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއުކުރަަން ތިބި ބައެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: