2021ވަނަ އަހަރުން ފެށިގެން މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މެޑިކަލް އިންޝުއަރަންސްގެ ހަރަދަށް 240،000 ރުފިޔާ ހޭދަކޮށްފައިވާކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިޅިހުގެ މެމްބަރުންގެ މެޑިކަލް ހަރަދަށް ކޮށްފައިވާ ހޭދަތައް ދައްކުވާ ތަފާސްހިސާބުތަކެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެކަމަށް އެދުމުން ހިއްސާކޮށްފައެވެ. މިލިސްޓުގައިވާ ގޮތުން އެންމެ ބޮޑު ހަރަދެއް މެޑިކަލް އިންޝުއަަރަންސްއަށް ކޮށްފައިވަނީ މެމްބަރު ގާސިމް އިބްރާހިމެވެ. ގާސިމް ވަނީ މެޑިކަލް އިންޝުއަރަންސްގެ ހަރަދަށް 240،000 ރުފިޔާ ހޭދަކޮށްފައެވެ.
މެޑިކަލް އިންޝުއަރަންސްއަށް ދެން އެންމެ ބޮޑު ހަރަދެއްކޮށްފައިވާ މެމްބަރުން ހޭދަކޮށްފައިވަނީ 144،000 ރުފިޔާއެވެ. މެޑިކަލް އިންޝުއަރަންސް ހަރަދަށް 144،000 ރުފިޔާ ހޭދަކޮށްފައިވާ މެމްބަރުންގެ ގޮތުގައި ލިސްޓުގައި ފާހަގަކޮށްފައިވަނީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު، ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު ހިމެނެއެވެ.
މެމްބަރު ގާސިމްގެ މެޑިކަލް އިންޝުއަރަންސްއަށް 240،000 ރުފިޔާ ހޭދަކޮށްފައިވާއިރު ފާއިތުވި އަހަރު އެންމެ މަދުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ ތެރޭގައި ގާސިމް ހިމެނިވަޑައިގަންނަވައެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ހައި ރިސްކް ބޭފުޅަކަށްވާތީ އަހަރުގެ ބޮޑުބައެއް މެމްބަރު ގާސިމް ހޭދަކުރެއްވީ މާލެއިން ބޭރުގައެވެ. އެހެންނަމަވެސް މިވަގުތު ގާސިމް ހުންނެވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަށް އެމްޑީޕީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް އެދާއިރާގައެވެ. ގާސިމްމެމްބަރު ގާސިމް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެ، އެމްޑީޕީގެ ކެމްޕެއިން ޖަލްސާތަކަށް ވަޑައިގަންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ ގޮތުގައި އަސާސީ މުސާރަ، ލިވިން އެލަވަންސް އަދި އެހެނިހެން އެލަވަންސްތައް ހިމަނައިގެން 82،000އަށްވުރެ ބޮޑު މުސާރައެއް މެމްބަރުންނަށް ލިބިވަޑައިގަންނަވައެވެ. މެޑިކަލް އިންޝުއަރަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ މެމްބަރުންނަށާއި މެމްބަރުންގެ އަނބިދަރިންނަށް ކޮންމެ މީހަކަށް 24،000 ރުފިޔާއެވެ. މިއިންޝުއަރަންސްގެ ދަށުން ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގެ ހޮސްޕިޓަލުތަކުން ހޯދާ ހުރިހާ ޚިދުމަތެއް ކަވަރުކުރާނެއެވެ.

