ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެެ ބޮޑު ނިންމުން: ރޭޕްގެ ކުށް ސާބިތު ކުރުމުގެ ވަރުގަދަ އުސޫލުތަކެއް!

ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަމުން ދިޔަ، ބިދޭސީ އަންހެނެއް ރޭޕްކުރި މައްސަލައިގައި ކުށް ސާބިތުވެ، 15 އަހަރުގެ ހުކުމެއް އިއްވާފައިވާ މީހެއްގެ މައްޗަށް އިއްވި ހުކުމް ދަމަހައްޓައި ރޭޕްގެ ކުށްތައް ސާބިތު ކުރުމުގެ ވަރުގަދަ އުސޫލުތަކެއް އެ ކޯޓުން ކަނޑައަޅައިފި އެވެ.

މިއީ 2015، ފެބްރުއަރީގައި ކޮރެއާގެ އަންހެނަކު އޭނާ މަސައްކަތް ކުރަމުން ދިޔަ ރިސޯޓުގެ ކޮޓަރީގައި ނިދާފައި އޮއްވައި ކޮޓަރިއަށް ވަދެ ބިރު ދެއްކުމަށް ފަހު އޭނާ ބަނދެ ރޭޕްް ކުރި މައްސަލަ އެކެވެ. މި މައްސަލައިގައި ދައުލަަތުން ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ހައިކޯޓުގައި ކުށް ސާބިވީ އެކެއްގެ މައްޗަށެވެ. އަނެއް ދެ މީހުން މައްސަލައިން ދޫވި އެވެ.

މިދިޔަ އަހަރު އިއްވި އެ ހުކުމް ކުށް ސާބިތުވި މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމުގައި ވަނީ އަންހެން މީހާގެ ކުރިމަތި ފަރާތުން ނެގި ޑީއެންއޭ އާއި ފިރިހެން މީހަގެ ސްޕާމް ހެޑް ޑީއެންއޭ ދިމާވާ ކަމަށެވެ.

އެގޮތުން ކޮޓަރިން ފެނުނު ބާލީސް އުރަތަކުން އެ މައްސަލާގައި ތުހުމަތު ކުރެވުނު އެހެން މީހުންގެ ޑީއެންއޭ ފެނިފައިވެ އެވެ. އަދި އެ މީހުން އެ އަމަލު ހިންގުމަށް ފަހު ތަޅުންގަނޑު މައްޗަށް ފެން އެޅި ކަމަށް އަންހެން މީހާ ބުނާއިރު ތުހުމަތު ކުރެވުނު އެހެން މީހެއްގެ ފިންގަޕްރިންޓް އެ ކޮޓަރިން ފެނުނު ފެންތަށްޓަކުން ފެނިފައިވާތީ އެއީ ތަޅުންގަނޑު މައްޗަށް ފެން އަޅަން އެ މީހުން ގެންގުޅުނު ތަށި ކަމަށް ބެލެވޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ކޮރެއާގެ އަންހެން މީހާ އަކީ ދުބާއީގައި ހުންނަ ޖުމައިރާ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރެއްގެ މަގާމު އަދާ ކުރަމުން ދިޔަ މީހެކެވެ. އަދި 2015 ގައި އޭނާ ރާއްޖެއައީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ޖުމައިރާ ދެވަނަ ފުށި މޯލްވްސްގެ މާކެޓިން މަސައްކަތަކަށެވެ.

މައްސަލައިގައި ހިމެނޭ ނިޔާޒް ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ، އެ އަންހެން މީހާގެ ކޮޓަރީގައި ހައުސް ކީޕަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އަދި އެރޭ އަންހެން މީހާ އާއި މެދު ކަންތައް ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ހުކުމުގައި ލިޔެފައި ވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާގު މައްސަލައިގައި ފިރިހެން މީހާ ބުނީ، އޭނާގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ “އެކަށީގެންވާ ޝައްކެއް ނެތް” މިންވަރަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތި ކަމަށެވެ. އަދި އޭނގެ މައްޗަށް ރޭޕް ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުންކަމަށާއި މި ކުށް އެ ގާނޫނުގެ 06 ވަނަ މާއްދާގައި މާނަކޮށްދީފައިވާއިރު، އޭގައި ބުނާ ހާލަތްތައް ފުރިހަމަ ނުވާކަމަށް ނުވަތަ އެގޮތަށް ކަން ހިނގިކަން ސާބިތު ނުކުރެވޭކަމަށް ހުކުމުގައި ވެއެވެ.

ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެނީ، ޑީއެންއޭ ތަހުލީލު ރިޕޯޓާއި، އަނިޔާ ލިބުނު ފަރާތުގެ ހެކި ބަސް، އަދި އަނިޔާ ލިބުނު ފަރާތުގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފާރާތް އަދި އަނިޔާ ލިބުނު ފަރާތުން ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިން ފަރާތެއްގެ ހެކި ބަސް އަދި ހާދިސާއަށް ފަހު އަންހެން މީހާގެ ނަފްސާނީ ހާލަތު އަންގައިދޭ ރިޕޯޓެކެވެ.

މި ހެކިތަކަށް އަމާޒުކޮށް އިސްތިއުނާފީ މައްސަލައިގައި ވަނީ، އަންހެން މީހާގެ ހެކި ބަހުގައި ރޭޕް ކުރި މީހުންގެ ތެރޭގައި އޭނާ ހިމެނޭކަމަށް ބުނެފައި ނެތްކަމަށާއި ނުވަތަ މެޑީކޯ ލީގަލް ކޭސް ރިޕޯޓުގައި އަނިޔާ ލިބުނު ފަރާތަށް އަނިޔާއެއް ލިބުނީ އޭނާގެ ފުރުންކަމަށް ދޭހަކުރެވޭ ވާހަކައެއް ބުނި ބުންޏެއްގެ ސިފައިގައި ވެސް ނެތް ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތުން ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދިން ފަރާތެއްގެ ހެކި ބަހުގައި، ވެސް އަނިޔާ ލިބުނު ފަރާތް ރޭޕްކުރިކަމަށް ގަބޫލު ކުރެވޭ އެއްވެސް ފަރާތެއްގެ ނަމެއް ބަޔާންކޮށްފައި ނެތް ކަމަށެވެ.

މީގެ އިތުރުން އެނާއާއި މައްސަލަ ގުޅޭ ގޮތެއް ބަޔާން ކުރުމަށް ދައުލަތުން ހުށަހެޅި ހަމައެކަނި ހެއްކަކީ އަނިޔާ ލިބުނު ފަރާތުގެ ގައިން އޭނާގެ ޑީއެންއޭ ލިބުނުކަމަށް ބުނާ ބުނުން އެކަނިކަމަށް މައްސަލައިގައި އެނާ ބުނެ އެވެ. ނަމަވެސް ގާނޫނުގައި ބުނާ އެއްވެސް ގޮތަކަށް އަންހެން މީހާގެ ނުރުހުގައި ކަމެއް ހިނގިތޯ ސާބިތު ނުކުރެވޭކަމަށް އިސްތިއުނާފުގައި ވެއެވެ. އަދި އެ ނޫން ގޮތަކަށް ރޭޕްގެ ކުށް ސާބިތު ނުކުރެވޭނެކަމަށް އިސްތިއުނާފުގައި ވެއެވެ.

މައްސަލައިގައި ތުހުމަތު ކުރެވުނު އެހެން މީހުންގެ މައްސަލަ ސާބިތު ނުވީއިރު ނިޔާޒަށް އޭނާގެ ޑީއެންއޭ އަންހެން މީހާގެ ކުރިމަތި ފަރާތުން ފެންނަން ޖެހޭ އެއްވެސް ސަބަބެއް ބުނެދެވިފައި ނުވެ އެވެ.

ހުކުމް

“އަންހެނުންނާއި ދެކޮޅަށް ހިންގޭ މިފަދަ ކުށްތަކަކީ ސިއްރިއްޔާތުގައި ހިންގޭ ކުށްތަކެއްކަމުގައި ވާތީވެ، މިފަދަ މައްސަލަތަކުގައި ހާދިސާ ހިނގައިދިޔަތަން ލޮލަށް ފެނުނު ހެކިން ގިނަ ފަހަރު ނުތިބެ އެވެ. އަދި ބައެއް ފަހަރު ކުށް ކުރަނީ އަނދިރީގައި ނުވަތަ އެ ނޫން ވެސް ގޮތަކަށް ކުށް ކުރާ މީހާގެ ސިފަ ވަންހަނާ ވާނެ ގޮތަކަށް ތިބެންގެންނެވެ. އެ ސަބަބަށްޓަކައި މިފަދަ މައްސަލައް ސާބިތު ކުރުމަށް، އޮންނަ ހެކީގެ މިންގަނޑު ޖިންސީ ކުށުގެ ގާނޫނުން ލުއިކޮށްފައި ވެއެވެ.” ހުކުމުގައި ވެއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިއްވައި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދު ކުރި ހުކުމުގައި ވަނީ ހާދިސާ ހިނގައިދިތަން ލޮލަށް ފެނުނު މީހަކު ނެތް ނަމަވެސް އަނިޔާ ލިބުނު ފަރާތާއި މެދު ކަންވީގޮތްކަމަށް އޭނާ ކިޔައިދޭ ކިޔައިދިނުން ނުވަތަ އެ އަންހެން މީހާގެ ހެކި ބަހަކީ އެއީ މައިގަނޑު އެއް އަސާސަކަށް ބަލައިގެން އަދި އިތުރު ހެއްކާއި ގަރީނާއިން އެ ހެކިބަހަށް ބާރު ލިބިދޭނަމަ މިފަދަ މައްސަލަތައް އެ މިންވަރުން ސާބިތު ކުރެވޭނެ ކަމަށެވެ.

“ޖިންސީ ކުށުގެ ޝިކާރައަކަށް ވެ އަނިޔާ ލިބިފައިވާ އަންހެން މީހާގެ ހެކި ބަހަކީ އެންމެ ބުރަދަން ހުރި ހެއްކެވެ ޖިންސީ ކުށުގެ ޝިކާރައަކަށްވެ އަނިޔާ ލިބިފައިވާ އަންހެން މީހާގެ ހެކި ބަހުގެ މައްޗަށް ބުރަވެ އެފަދަ މައްސަލައެއްގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެ ނަމަ ނުވަތަ އެ ހެއްކަށް ބާރުދޭ އެހެނިހެން ގަރީނާ ހުރެއްޖެ ނަމަ، ރޭޕްގެ ކުށް ސާބިތު ކުރަން ފުދެ އެވެ.” ހުކުމްގައި ވެއެވެ.

ސަލާމާއި ސަލަވާތްލެއްވި މާތް ނަބިއްޔާގެ ހަދީޘްތަކުގެ މައްޗަށް ރައުޔު ބިނާކޮށް، ކީރިތި ރަސޫލާގެ ދުވަސްވަރު އަންހެނަކު ނަމާދަށް ދަނިކޮށް އަނދިރިކަމުގެ ތެރޭގައި ފިރިހެނަކު އޭނާއާއި މެދު ގަދަކަމުން ޒިނޭ ކުރި މައްސަލަ ފާހަގަ ކުރި އެވެ. އަދި ރޭޕްގެ ކުށުގެ އަނިޔާ ލިބޭ މީހުންގެ ހެކި ބަހަށް އިސްލާމީ ޝަރީއަތުގައި ދެވިފައިވާ ބުރަދަން ފާހަގަ ކުރި އެވެ.

“ތެދެކެވެ. ޑީއެންއޭ ހެއްކަކީ އެ ހެކި އެކަނި އޮވެގެން ރޭޕްގެ ކުށް ސާބިތުވާނެ ހެއްކެއް ނޫނެވެ. ރޭޕްގެ ކުށް ސާބިތުވުމަށް ޑީއެންއޭ ހެއްކަކަށް ބާރު ދެނވި އެހެން ހެއްކެއް ނުވަތަ ގަރީނާ އޮންނަން ވާނެ އެވެ.” ހުކުމް

އަންހެން މީހާ ވަނީ، ފިރިހެން މީހާގެ ޝަކުވާތަކެއް ރިސޯޓުގެ ވެރިންނަށް ކުރިން ހުށަހަޅާފަ އެވެ. ކޮޓަރި ސާފު ކުރުމުގައި ފަރުވާ ކުޑަވުމުގެ އަމަލުތަކެއް ހިންގާތީ އެކަން ހުށަހަޅާފައިވާނެކަން ފާހަގަކޮށް ފަނޑިޔާރު ސުއޫދު ވިދާޅުވީ، އެއީ އޭނާގެ ކުށުގެ ނިޔަތް އޮތްކަމަށް ބާރު ލިބޭ ގަރީނާއެއް ކަމަށެވެ. އަދި އޭނާ ހާދިސާ ހިނގި ސަރަހައްދުގައި އޭނާ އެރޭ އުޅެފައިވުމަކީ ކުށް ކުރަން ފުރުސަތު ލިބުނު ގަރީނާއެއްކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: