ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ޕާކިން ސްލޮޓްތަކައް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލް އިން ގެޒެޓުގައި ޝާއިއު ކޮށްފައިވާ ލިއުމުގައި ވަނީ މާލޭ ސިޓީ ކައުންސިލުން ގާއިމްކޮށްފައިވާ ޕާކިން ސްލޮޓްތަކަށް ކުރުމަތިލުމަށް ހުޅުވާލި ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން 16 ފެބުރުއަރީގައި ހުޅުވާލި ޕޯޓަލް ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު ޕާކިންގ ޒޯންތަކަށް ކުރިމަތިލުމަށް އަލުން ޕޯޓަލް ހުޅުވާލާފައިވާކަމަށް ވިދާޅުވިއެވެ.
މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ޕޯޓަލް ހުޅުވާފައި ހުންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިވަގުތުގެ ތެރޭގައި ހުށައަޅާ އެޕްލިކޭޝަންތައް ބަލައި ގަންނާނޭކަމަށް ސިޓީ ކައުންސިލް އިން ވަނީ ބުނެފައެވެ.
އިއްޔެ ހުޅުވާލި ޕޯޓަލް ބަންދުކޮށްފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މޭޔަރ ޑރ މުހައްމަދު މުއިއްޒު ވަނީ އެއީ ސަރުކާރުން ކޮށްފައިވާކަމެއް ކަމަށް ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުން އެފަދަ ކަމެއް ނުކުރާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ވަނީ ބުނެފައެވެ.
މި ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާގޮތަށް ކުއްޔަށް ދޫކުރެވޭ ސްލޮޓްތަކެކެވެ. މިސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ޙާއްސަ ސްލޮޓްތައް ހިމެނޭނެއެވެ. ޤާއިމު ކުރެވިފައިވާ ޕާކިންގ ސްލޮޓުތަކުގެ ތެރެއިން 25 އިންސައްތަ ޚާއްސަކުރެވިފައި ވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށެވެ. ކޮންމެ ފަރުދަކަށްވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެއެވެ. މި ހުޅުވާލެވޭ ފުރުޞަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރެޖިސްޓްރީ ކުރުން ނުހިމެނޭކަމަށް ސިޓީ ކައުންސިލްއިން ބުނެއެވެ.
މި ހިދުމަތުގެ ސަބަބުން 80،000 ރުފިޔާއަށް ބޮޑުއަގުދީ ގަންނަ ގަރާޖު ސިޓީ ގަންނަށް މަޖުބޫރު ކުރުވި ކުރުން ނިމުމަކަށް އަންނާނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

