ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމައި، ބެކްލޮގް ސާފުކުރުމުގެ މަސައްކަތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އަދި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރަން ފަށައިފިއެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ ގޮތެއް ހޯދުމަށް ޖޭއެސްސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންއާއި ޕީޖީ ހުސެން ޝަމީމްގެ އިތުރުން ޑީޖޭއޭގެ އިސް ބޭފުޅުން މިއަދު ވަނީ މާފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ.
މިޒިޔާރަތުގެ މައިގަނޑު މަގިސަދަކީ މާފުށީގައި އޮންލައިންކޮށް ޝަރީޢަޔްޔައް ކުރިޔަށް ގެންދޭނެ ނިޒާމެއް ހުރިތޯ ބަލައި ވަސީލަތްތައް ހުރި ނެތްގޮތް ދެނެގަތުމެވެ. އަދި މާފުށީ ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތައް ބަންދު މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަކީ ވެސް މާފުއްޓަށް ޒިޔާރަތް ކުރުމުގެ އެއް މަގުސަދެވެ.
ކްރިމިނަލް ކޯޓުގައި މަސައްކަތް ފުނިޖެހިފައިވާ އަދަދުތައް މަދުކޮށް މައްސަލަތައް ފުނިޖެހޭ މައްސަލައަށް ހައްލެއް ގެނައުމަ ހިސާން ހުސެއިން ގިނަ ކަންތައްތަކެއް މަޖިލީޙުގެ ޖުޑިޝަރީ ކޮމެޓީއަށް ހުށަހަޅާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި މައްސަލަތަކުގެ ތާވަލާއި އެއްގޮތަށް އަޑުއެހުންތައް ކުރިއަށްނުދާ މައްސަލާގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އާއި ޖުޑިޝަލް ސާވިސް ކޮމިޝަނާއި ވަނީ ބައްދަލުކޮށްފައެވެ. ޖޭއެއެސްސީގެ ރައީސްގެ ހައިސިއްޔަތުން ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހިސާން ވަނީ ކޯޓުތަކުގައި ގިނަ އަދަދެއްގެ ބެކްލޮގް ކޭސްތައް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ޖިނާއީ މައްސަލަތައް ބެލުމުގައި މިހާރު އަމަލުކުރާ އުސޫލުން ބަލާކަމުގައިވާނަމަ ބެގް ލޮގް ކޭސްތައް ސާފުކުރަން 16 އަހަރު ނަގާނެކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން ބްކްލޮގް ކޭސްތައް ސާފުކުރުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލަންޖެހޭކަން ފާހަގަކުރައްވާ ގިނަ ކަންތައްތަކެއް ވަނީ ހުށައަޅުއްވާފައެވެ.
މިވަގުތު ކްރިމިނަލް ކޯޓުގައި ހުރި ބެކްލޮގްކޭސްތަކުގެ ތަފްސީލް ހިއްސާކުރައްވާ ހިސާން ވިދާޅުވީ 2019ވަނަ އަހަރު ކްރިމިނަލް ކޯޓުން ފެށީ 2022 ބެކްލޮގް ކޭސްއާއިއެކު ކަމަށެވެ. އަދި ބެކްލޮގް ކޭސްތަކުގެ އިތުރުން ކޯޓަށް އާ މައްސަލަތަކުގެ ގޮތުގައި އެވްރެޖްކޮށް އަހަރެއްގެ ތެރޭގައި 900 މައްސަލަ ހުށައެޅޭކަން ފާހަގަކުރެއްވިއެވެ.
ހިސާން ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު އެދެވޭ މަސައްކަތެއް ކިރިޔާވެސް ކުރެވެމުން ދަނީ މިހާރުކަމަށެވެ. މީގެ ކުރިން ކްރިމިނަލް ކޯޓުގައި ދެތިން ފަނޑިޔާރުން ނުވަތަ ހައެއްކަ ފަނޑިޔާރުންނާއިއެކު މަސައްކަތްކުރި ދުވަސްތަކެއް ދިޔަ ކަމަށާއި އެހެންނަމަވެސް މިހާރު 10 ފަނޑިޔާރުންނާއެކު މަސައްކަތްކުރެވޭކަމަށް ހިސާން ވިދާޅުވިއެވެ.
މިވަގުތު ހުރި ބެކްލޮގް ކޭސްތައް ކްލިއަރ ނުކޮށް ޖިނާއީ އިޖުރާއަތް ތަސައްވަރުކުރާ ގާނޫނީ ނިޒާމަށް ނުދެވޭނެކަމަށް ހިސާން ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތްކުރަމުންދާ އުސޫލަށް ބަދަލުގެނެސް ބްލޮކްކޮށް ޝަރީއަތްތައް ގެންދަން ރޭވިފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

