ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާފަރު އެމްޑީޕީ މެމްބަރަށް މީކާއިލް: “މާބޮޑު މީހަކަށް ވެގެން ހުންނައިރު މަޖިލީހަށް އައި ގޮތް އެނގޭތޯ؟”

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެތެރޭގެ އިންތިހާބަކާއި ހުރެ، އެމްޑީޕީގެ އެތެރޭގައި ތިބި ބައެއް ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް އާދެވުނު ގޮތް ހަނދާން ނެތި ތިމާއަކީ މާ ބޮޑު ބާރުގަދަ މީހެއްކަމަށް ދެކެން ފަށާފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް، ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތްކޮށް ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ. ވައްޑެ ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ޗެއާޕާސަނަކަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ޓީމުން އިމްތިޔާޒް ފަހުމީއަށް ތާއީދު ކުރާ މީހުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށް ބުނާ މައްސަލަ އެކެވެ.

އިންތިހާބާއި ގާތްވެފައި ވަނިކޮށް، ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހުންނެވި އާމިރު އަހުމަދު ވަޒީފާއިން ވަކި ކުރި މައްސަލަ އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު މިއަދުގެ މަޖިލީހުގައި ބައެއް މެމްބަރުން ވަނީ ވަޒީފާގެ ބިރު ދައްކައިގެން އިންތިހާބެއް ކާމިޔާބު ކުރަން މަސައްކަތްތައް ކުރާނަމަ 2023 ގެ މަތީން ޖެހޭނީ ހަނދާން ނައްތާލަން ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މިއަދު އެންމެ ބޮޑަށް ކަންބޮޑުވަނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އަދި ބިޔަ ދުވަސްވީ ސިޔާސީ ޕާޓީއާއި މެދު ބަޔަކު ކަންތައް ކުރަމުންދާ ގޮތާއި މެދު ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޮތް މަގާމުތަކުން ވަކި ކުރުމުގެ ސަގާފަތަށް އިޝާރާތްކޮށް މީކާއިލް ވިދާޅުވީ އޭރު ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލައެއްގެ ތެރެއިން ސިޔާސީ މަގާމެއްގައި ހުންނެވި އާތިފާ ޝަކޫރާއި، ޒަހާ ވަހީދު މަގާމުން ވަކި ކުރި ކަމަށެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރުމުގެ ސަބަބުން ހިންގި ބޭއިންސާފު އެ އަމަލު، މި ސަރުކާރުގެ ތެރެއިން ފެނުމަކީ ބޮޑު މައްސަލައެއްކަން މީކާއިލް ފާހަގަ ކުރެއްވި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި އަދާލަތު ޕާޓީގެ މެމްބަރު އަލީ ޒާހިރުގެ ސޮޔާއި އެކު އެމްޑީޕީގެ މެމްބަރެއް މަގާމުން ވަކި ކުރިއިރު ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ބައެއް ބޭފުޅުންނަށް ތިމާއަކީ ހައިބަތު މާބޮޑު މީހެއްކަމަށް ހީކުރެވުނަސް އެ ގޮނޑިއަށް އާދެވުނު ގޮތް އެބޭފުޅުން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެގެން، ގޮނޑިއެއްގައި ހުންނައިރު އެބޭފުޅުން އިންތިހާބުވީ ގޮތް ކުޑަކޮށް ވެސް ވިސްނާލާތޯ ހިތަށް އަރާކަމަށް މީކާއިލް ވިދާޅުވި އެވެ.

“މިއަދު ދުވާފަރުގެ އާމިރު އެހާ ފަސޭހަ ގޮތަކަށް އަދާލަތު ޕާޓީގެ މެމްބަރެއްގެ ސޮޔާއި އެކު ވަޒީފާއިން ވަކި ކުރެވިގެން ދާއިރު އަޅުގަނޑުގެ ހިތަށް އަރަނީ މިތާނގައި ތިމަންނާއަކީ މާ ބޮޑު…. މާބޮޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވެފައި ގޮނޑިކޮޅުގައި މާބޮޑު މީހަކަށްވެފައި މިއަދު އިންނައިރު ހިތަށް ކުޑަކޮށް ވެސް އަރާތޯ ތިމަންނާއަށް މި ގޮނޑި ލިބުނީ ކިހިނެއްތޯ… ބާރުގެ އެންމެ އުހުގައި ޖެހޭއިރު ވެސް މިހާ ހިސާބަށް ދެވުނީ ކިހިނެއްތޯ” މީކާއިލް

މީކާއިލްގެ ވާހަކަ ކުރިޔަށް ގެންދަވަނިކޮށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހުމަދު ވަނީ ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހު އޭނާ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް ވިދާޅުވެފަ އެވެ. އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއްކަމަށް ވިދާޅުވުމުން، މީކާއިލް ވިދާޅުވީ އޭނާ ދައްކަވަނީ ބައެއް ބޭފުޅުން މަޖިލީހަށް އައި ގޮތް ހަނދާން ނެތިގެން އުޅޭ ވާހަކަތައް ކަމަށެވެ.

“އަޅުގަނޑު މިދައްކަނީ ދުވާފަރު ދާއިރާގެ މެމްބަރަށް ވެސް ގޮނޑި ހޯދައިދޭން، ދުވާފަރު އާމިރު ތަބަކަށްލާފައި އެހެން ސިޔާސީ ޕާޓީތަކަށް އެމްޑީޕީގެ ޓިކެޓު ބަހާ ނުލާށޭ ކިޔާފައި ކުރި ކެމްޕެއިނާއި ހުރެއޭ އަޅުގަނޑުމެންނަށް މިއަދު މިތަނަށް އާދެވުނީ… އެމްޑީޕީ ސަރުކާރުން ނިންމާފައި އޮތީ އެމްޑީޕީ އެންމެ 40 ގޮނޑިއަށް ވާދަކުރަން… އެގޮތަށް ހެދިނަމަ މިއަދު މިތާ ތިބޭނީ 15 ވަރަކަށް އެމްޑީޕީ މެމްބަރުން.. ތިބެން ޖެހޭނީ ކުޑަކަކޫ ޖަހައިގެން… އެ ގުރުބާނީ ބަލައި ނުގަތް.. އެމްޑީޕީ މެމްބަރުން ކުރި މަސައްކަތް ބަލައި ނުގަތް” މީކާއިލް

މީކާއިލް ވަނީ އެތެރޭގެ ކެމްޕެއިނަކާއި ހުރެ ބާރެއްގެ ބޭނުންކޮށްގެން ބައެއް ބޭފުޅުން އުޅެމުންދާ ގޮތަކީ ހަޑި ހުތުރު ގޮތްތަކެއްކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެކެއްގެ ފަހަތުން ވަށައި ދުވި ގޮތަށް މިއަދު ތާރީހު އިޔާދަވަމުންދާކަމަށް މީކާއިލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: