ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމް އެމްޑީޕީއަށް: “ކޮމަންޑޫ އިންތިހާބުގައި ވެސް ވަޒީފާގެ ބިރު ދެއްކި، އޭރު ތިބީ ހަނު!”

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް އެތަކެއް ނުފޫޒެއް ފޯރުވައި، ވަޒީފާގެ ބިރު ދައްކައި ވަޒީފާތައް ބަހަމުން ދިޔައިރު ވެސް އެމްޑީޕީ މެމްބަރުން ތިއްބެވީ ހަނުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއި ދިމާކޮށް ނުފޫޒުތަކެއް ފޯރުވައި، މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާކަމަށް ބުނެ އިމްތިޔާޒް ފަހުމީގެ ތަރުޖަމާނު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. ވައްޑެ ހުށަހެޅީ އިންތިހާބުގައި ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދު ނުކުރާނަމަ ވަޒީފާގައި ދެމި ނުހުރުވޭނެކަމަށް ބުނެ ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހުންނެވި އާމިރު އަހުމަދު ވަކި ކުރި މައްސަލައެކެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަން ހުޅުވާލުމާއި އެކު އެމްޑީޕީގެ އެތެތޭގައި ދެބައެއް އުފެދި އެކަމަށް ބަހުސް ކުރި އެވެ. އަދި ޕާޓީއަށް އޮތް އިހުލާސްތެރިކަމާއި މެދު ސުވާލުތަކެއް އުފެއްދިއިރު، ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން ވަނީ އެމްޑީޕީއަކީ ވަޒީފާގެ ބިރު ދައްކާ ޕާޓީއެއް ނޫންކަމަށާއި ޕާޓީގެ އުސޫލުތައް ފުނޑާނުލުމަށް ގޮވާލާފަ އެވެ. އަދި ދެފަރާތުގެ ދެމެދުގައި ހޫނު ހަމަލާތަކެއް ރައްދު ކުރި އެވެ.

މެމްބަރުންގެ ވާހަކައަށް ފަހު، ޝިޔާމް ޖަލްސާގައި ވިދާޅުވީ އިންތިހާބާއި ދިމާކޮށް ސަރުކާރުން ކުރަމުންދާ ނޭއްގާނީ އަމަލުތަކުގެ ވާހަކަ މިއަދު މަޖިލީހުގައި ދައްކަނީ އެމްޑީޕީ ކަމަށެވެ. އެތެރޭގެ މައްސަލަތަކެއް ގޯސްވެ، މިކަން ތަޅުމާއި ހަމައަށް އައިއިރު ވަޒީފާއިން ވަކި ކުރުން ހުށަހެޅި ހަމައެކަނި ސަބަބަކީ އެ ބޭފުޅުންނާއި ގުޅުން ހުރިކަމަކަށް ވުންކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ޕާޓީއެއްގެ އެތެރޭގައި އޮތް މައްސަލަތައް ބަލަން ބޭނުން ނުވާކަމަށާއި މި މައްސަލައަށް ވުރެ ސަރުކާރުން ޖުޑިޝަރީގެ ތެރެއަށް ފޯރުވަމުންދާ ނުފޫޒުގެ ވާހަކަތަކާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެތެރޭގެ މައްސަލަތައް އަދި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ކުރި ކަންކަމުގެ ވާހަކަ ބަލައި ބަހުސް ކުރުން މާ ރަނގަޅު ކަމަށެވެ.

“ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ސިޔާސީ ފިކުރު ތަފާތު ވެގެން އެއްވެސް މީހަކު އެމްޑީޕީގެ ސަރުކާރެއްގައި ވަޒީފާއިން ވަކި ނުކުރާނެ ކަމަށް… ނަމަވެސް މިއަދު ފެންނަނީ އަމިއްލަ ޕާޓީގެ މީހަކު ވެސް ހިތްހަމަނުޖެހިގެން އެއްޗެއް ބުނުމުން ވަޒީފާއިން ވަކިކުރާ ތަން” ޝިޔާމް

މިއަދު އެމްޑީޕީގެ ދެ ފެކްޝަން ދެމެދު ދިޔަ ޒުވާބުތަކަށް އިދިކޮޅުން މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އެބޭފުޅުން ވެސް ފާހަގަ ކުރެއްވި ނުކުތާއަކީ ކޮމަންޑޫ އިންތިހާބުގައި ވަޒީފާގެ ބިރު ދެއްކި މައްސަލަ އިދިކޮޅުން ފާހަގަކުރުމުން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ތިމާގެ މަސްލަހަތާއި ހަމައިން އެކަސް ގޯސްވުމެވެ.

މިއަދުގެ ޖަލްސާގައި ޝިޔާމް ވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކު އިންތިހާބުގައި ވޯޓުލާން ޖެހޭނީ ވަކި ގޮތަކަށްކަމަށް ބުނެ ވާހަކަތައް ދައްކާ އޯޑިއޯގެ މައްސަލަ ފާހަގަ ކުރައްވާފަ އެވެ. ތަނުގެ އިސްވެރިއެއްގެ ފަރާތުން އެކަން ފާހަގަވުމުން ހުށަހެޅި މައްސަލައިގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދިފާއު ކުރީ އޭނާކަމަށް ޝިޔާމް ވިދާޅުވި އެވެ.

“ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ގާނޫނު އަސާސީއާ ހިލާފަށް، ހިންގަވާ ވާހަކަ މިތާގައި މިދައްކަވަނީ، އިއްޒަތްތެރި ރައީސް.. މި މައްސަލަ އައުމުގެ ކުރިން އަންނަން ޖެހޭނެ ނޫންތޯ އިހަށް ދުވަހު ކޮމަންޑޫ ދާއިރާގައި ހަމަ މިވަރަށް ނުފޫޒު ފޯރުވި ވާހަކަ.” ޝިޔާމް

އެ ބަހުސަށް އިދިކޮޅުގެ ޝައުގު ނެތް ކަމުގައި ވީނަމަވެސް، އެމީހުންގެ ކަންބޮޑުވުމަކަށްވީ، ވަޒީފާގެ ބިރުވެރިކަން، ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި މައްސަލައަކަށް ނުވުމެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ބޭނުން ނަހަމަގޮތުގައި ހިފާ ވާހަކަތައް އެމްޑީޕީގެ މެމްބަރުން ދައްކަވާއިރު، މީގެ ކުރިން މަޖިލީހުގައި އިދިކޮޅުން އެ ވާހަކަތައް ދެއްކުމުން މައިކުގެ އަޑު ވެސް ކަނޑާލީކަމަށް ޝިޔާމް ވިދާޅުވި އެވެ.

އިންތިހާބާއި ގާތްވެފައި ވަނިކޮށް، ރ. ދުވާފަރުގެ ސިއްހީ މަރުކަޒުގައި ސީނިއާ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި ހުންނެވި އާމިރު އަހުމަދު ވަޒީފާއިން ވަކި ކުރި މައްސަލަ އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު މިއަދުގެ މަޖިލީހުގައި އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަވި އެވެ.

މިދިޔަ މަހު ބޭއްވި ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒުތަކެއް ފޯރުވި މައްސަލަ އިދިކޮޅުން މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރި އެވެ. އަދި އެކަން މީޑިއާތަކުން ފާހަގަ ކުރުމުން އެމްޑީޕީން ބުނީ އެއީ ނުފޫޒު ފޯރުވުން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: