ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިރު ދެއްކާ ޖަލަށްލިޔަސް މިނިވަންކަމުގެ ދިފާއުގައި ދިވެހިން ނިކުންނާނެ: ސަލީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ބިރު ދެއްކިޔަސް، ޖަލަށްލިޔަސް، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހިން ކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވައި ދެއްވި ބަޔާނުގައި ސަލީމް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވާ އެއްކަމަކީ އެކި ނަންނަމުގައި އިންޑިއާގެ ސިފައިން މިޤައުމުގައި ތިބުންކަމަށެވެ. އުތުރު ތިލަފަޅާއި ހަނިމާދޫއާއި އައްޑޫ ސިޓީފަދަ ތަންތަނުގައި އިންޑިޔާ ސިފައިން އެބަތިބިކަމަށާއި، ރާއްޖޭގެ ބޮޑެތި ސަރަހައްދުތައް މިވަނީ އިންޑިޔާ ސިފައިންގެ ބާރުގެ ދަށުގައިކަމަށެވެ.

”އުތުރުތިލަފަޅުގެ އެގްރިމެންޓާއި ހައިޑްރޮގްރަފީ އެގްރިމެންޓަކީ އިންތިހާއަށް ދިވެހިންގެ ކަންބޮޑުވުން ހުރި އެއްބަސްވުންތަކެއް. އުތުރުތިލަފަޅު ހިންގުމުގެ ބާރު އޮތީ އިންޑިޔާއަށް. ދިވެހިންނަކަށް ނޫން. ދިވެހިސަރުކާރުން އިންޑިޔާ ސަރުކާރާއެކު ހަދާފައިވާ ގޮތްނޭނގޭ، އެކިއެކި އެގްރިމެންޓްތަކުގެ ދަށުން އެކި ނަންނަމުގައި އިންޑިޔާ ސިފައިން މިޤައުމުގައި ތިބެގެން ދިވެހިރާއްޖެއަކީ ޖާސޫސްކުރުމަށް ބޭނުންކުރާ ހަބަކަށްވުމުގެ ފުރުޞަތު ބޮޑު. މިއީ ޤައުމީ ސަލާމަތަށް އިތުރަށް ނުރައްކާވެދާނެ ކަމެއް.“ ސަލީމް ވިދާޅުވިއެވެ.

ދިވެހި ކަނޑުތަކުގެ ހުރިހާ މަޢުލޫމާތެއް އެއްކުރަން އިންޑިޔާއަށް ދީފައި އެވަނީ ދިވެހި ރައްޔިތުންނަށް އެކަމުގެ ގެއްލުން ލިބޭގޮތަށް ކަމަށް ސަލީމް ވިދާޅުވިއެވެ. ހައިޑްރޮގްރަފީ އެގްރިމެންޓްގެ ދަށުން އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ހުރިހާ ބާރެއް އޮތީ އިންޑިޔާއަށް ކަމަށާއި، ދިވެހިރާއްޖެއިން މިޖެހެނީ ފައިސާ ދީފައި އެ މަޢުލޫމާތު ގަންނަން ކަމުގައެވެ. ރާއްޖޭގެ ކަނޑުތަކުގެ ޗާޓުތައް ވިއްކައިގެން ލިބޭ ފައިދާގެ 75 އިންސައްތަ ލިބެނީ ރާއްޖެއަކަށް ނޫންކަމަށް ސަލީމް ވިދާޅުވިއެވެ. އެގްރިމަންޓްތަކުގައި ރާއްޖޭގެ މަސްލަހަތަށްވުރެބޮޑަށް އިންޑިއާގެ މަސްލަހަތު ޙިމާޔަތްކޮށްފައިވާއިރު، ސަރުކާރާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އެކަން ދިފާޢު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

”އެފަދަ ޢަމަލުތަކަކީ ޤައުމުގެ ޚާއިނުންނާއި ޤައުމުގެ ޢަދުއްވުން ކުރާނެ ކަންކަން. ދިވެހިރާއްޖޭގެ މުއްސަނދިކަން ބޭރުގެ ޤައުމަކުން ދަމައިގަންނަން ފުރުޞަތު ދިނުމަކީ މިއަދު ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން. ރާއްޖޭގެ މިނިވަންކަމުގެ އަގަކީ ކޮބައިކަމެއް މިސަރުކާރަކަށް ނޭނގޭ. މިއީ، ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް.” ސަލީމް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ހަރުއަޑުން މިއަދު ގޮވަމުންދަނީ އިންޑިޔާގެ މިލިޓަރީ ސިފައިން މިޤައުމުން ބޭރުކުރުމަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއްނެތި، ރައްޔިތުންގެ ހުއްދައެއްނެތި ޑިފެންސް މިނިސްޓަރަކަށްވެސް، ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް، މިފަދަ ކަމެއްކުރުމުގެ ބާރެއް ޤާނޫނުއަސާސީއިން ލިބިދީފައެއް ނުވާކަމަށެވެ.

”އިންޑިޔާ މިލިޓަރީ އައުޓް ގޮވުމެއް ނުހުއްޓުވޭނެ. އަދި އިންޑިޔާ މިލިޓަރީ އައުޓް ގޮވުން ހުއްޓުވުމުގެ ނަމުގައި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށްގެން، ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ނިގުޅައިގަނެގެން، ޑިމޮކްރެސީގެ ހަމަތައް ފުނޑާލައިގެން ހަދާ ޤާނޫނަކުން މިކަމެއް ނުހުއްޓުވޭނެ. ބިރު ދެއްކިޔަސް، ޖަލަށްލިޔަސް، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހިން ކުރާނެ! ވީމާ، ހުރިހާ އެގްރީމެންޓްތައް ރައްޔިތުންނަށް ސާފުކޮށްދީ، އިންޑިއާގެ ހުރިހާ ސިފައިން މިޤައުމުން ބޭރުކުރުމަށް ސަރުކާރަށް ގޮވާލަން!” ސަލީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: