ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ހުއްޓުވީ ރައީސް ސާލިހު، މިއީ ރާވައިގެން ހިންގި ބޮޑު ޖަރީމާއެއް: ސަލީމް

އިދިކޮޅުން މަޖިލީހުގައި ނޫސްވެރިންނާއި ބައްދަލުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް ހުއްޓުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މި ސަރުކާރުންކަމަށާއި، މިއީ ރާވައިގެން ހިންގި ބޮޑު ޖަރީމާއެއްކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދުު ސަލީމް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޕާލިމަންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މަޖިލީސް މިހާ ހިސާބަށް ގެނެސް ހުއްޓުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުކަމަށާއި، ރައީސް ސާލިހު ވިދާޅުވާ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބާރު އެ ބޭނުންކުރެއްވީ މިވަގުތުކަމަށެވެ. މި ހާލަތު މީގެ ކުރިންވެސް ކުރިމަތިވެފައި އެބަހުރިކަމަށާއި، އެއްފަހަރާ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ސާފުކަމަށް ފާހަގަކޮށް ސަލީމް ވިދާޅުވީ މިދިޔަ ތިން ދައުރުގެ ތެރޭގައި މިކަން ފެނިގެން ހިނގައްޖެކަމަށެވެ.

ރައީސް ސާލިހަކީ  މަޖިލީހުގައި އެންމެ ގިނަސް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެއްކަމުން މިކަންކަން ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށް ސަލީމް ވިދާޅުވިއެވެ. ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދު ހެދިއިރުވެސް ރައީސް ސާލިހު މަޖިލީހުގައި ހުންނެވިކަމަށާއި، އެހެންކަމުން މަޖިލީހުގެ ކަންކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލިސް ހުއްޓުވުމަކަށް ގެނައިސް މިއޮތީ ރައީސް ސާލިހު ގަސްތުގައިކަމަށް ސަލީމް ވިދާޅުވިއެވެ.

މިއަދުވެސް އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ މަޖިލީސް ކުރިއަށްގެންދެވޭނެ މަގެއް ފެނޭތޯކަމަށް ސަލީމް ވިދާޅުވިއެވެ. ނޫންނަމަ ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރި ހުރިހާ ދޮރެއް ބަންދުވީކަމަށް ވިދާޅުވެ ސަލީމް ކަންބޮޑުވުންފާޅުކުރެއްވިއެވެ.

އަލުގަނޑުމެންގެ ރައީސް، ރައީސް ޔާމީންއަށް އިންސާފު ހޯދުމަށް އަޅުގަނޑުމެން ކުރަމުންދާ މި މަސައްކަތް މަޖިލީހުގެ ތެރެއިން ކުރަންވެސް ފުރުސަތު ގެއްލިގެން މިދިޔައީ، އެހެންވީމަ އެހުރިހާ ފުރުސަތެއް ގެއްލުވާލުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގި ވަރަށް ބޮޑު ޖަރީމާއެއް މިއީ.

ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ މަޖިލީސް ބަންދުކުރުމުގެ މަގްސަދަކީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ހުޅުވިފައި ހުރި ހުރިޙާ ދޮރެއް ބަންދުކުރުންކަމަށެވެ.  މިއީ ރާވައިގެން ހިންގި ޖަރީމާއެއްގެ ގޮތުގައި ސަލީމް ވަނީ ސިފަކުރައްވާފައެވެ. މިކަންކުރުމަށްޓަކައި މެންބަރުންނަށް ބިރުދައްކާފައިވާކަމަށާއި، ސަރުކާރު ގެންދަވަނީ އާރާއި ބާރުގެ ބޭނުންކުރައްވަމުންކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިކަން ހުއްޓުވުމަކަށް ގެނައިސް، އިސްލާހުގެ މަގަށް އެޅުވުމަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެކަމަށެވެ.

މަޖިލީހުގެ ރައިސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށައެޅުމުން އިދިކޮޅުން ފަރާތްތަކުން ގަބޫލުކުރައްވަނީ ދެން މަޖިލީސް ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި ކޮންމެވެސް އެއް މައްސަލައެއް އަލުން އަނބުރާ ގެންގޮސްގެން ނޫނީ ކުރިއަށް ނުގެންދެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.  ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވެނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށައަޅާފައިވާތީ، މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާތީކަމަށް އިދިކޮޅާއި، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ހިމެނޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކުރިއެވެ.

ރައީސް ނަޝީދުވެސް ވަނީ މި ވާހަކަތަކަށް ތާއިދުކުރައްވާ ވާހަކަދައްކަވާފައެވެ. އަދި ރައީސް ސާލިހުުގެ އަރިހުން އެދިވަޑައިގަތީ ނައިބު ރައީސްގެ މައްސަލަ އަނބުރާ ގެންދެވުމަށްފަހު، އެމަނިކުފާނުގެ މައްސަލަ ކުރިއަށް ގެންދެވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: