ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ ތިން އަހަރުތެރޭ އެއްވެސް ދިވެއްސަކު ހަނގުރާމައަކަށް ނުދޭ: މާރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ތިން އަހަރުގެ ތެރޭގައި، އެއްވެސް ދިވެއްސަކު ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ސަރަޙައްދަކަށް ގޮސްފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފަސް ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، މިސަރަޙައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، މިސަރަޙައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން މިނިސްޓަރ މާރިޔާވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއާ އެންމެ ފަހުން ގުޅުނު މޮރިޝަސްއަށް މަރުޙަބާ ވިދާޅުވެފައެވެ. މޮރިޝަސްއާއެކު، މިކޮންކްލޭވްގައި ހިމެނޭ ޤައުމުތަކުގެ ޢަދަދުވަނީ 4 އަށް އިތުރުވެފައެވެ.

ރާއްޖެ ހިމެނޭ ސަރަޙައްދަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނީ ވަގުފާރިއާއި، ކަނޑުފޭރުމާއި، ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވަމުން، މިނިސްޓަރ މާރިޔާވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައިނުވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން މެއި 6 ގެ ޓެރަރިސްޓް ޙަމަލާއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ޤައުމު ހޭލައްވައިލި ހާދިސާއެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންކްލޭވްގައި އިންޑިޔާ، ސްރީލަންކާ، ރާއްޖެ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވަރކެކެވެ. މިފްރޭމްވަރކް ބިނާވެފައިވަނީ މައިގަނޑު 4 ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފްދުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: