ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުން ވެސް ނިންމީ މެމްބަރު ޣަނީގެ ދަރަނީގެ މައްސަލަ ސާބިތުވާކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމްގެ މައްޗަށް ހަތަރު ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވާކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓަައިފި އެވެ.

މިއީ މެމްބަރު ޣަނީ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ލޮގް މޯލްޑިވްސް އަދި އެލިއާ އިންވެސްޓްމަންޓް ދެމެދު ސޮއިކުރި ވިޔަފާރީގެ އެއްބަސްވުމެއްގައި ގެންރެންޓާއެއްގެ ގޮތުގައި އޭނާ ސޮއިކޮށްފައި އޮތުމުން ސާބިތުވި ދަރަންޏެކެވެ. މައްސަލައިގައި ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށާއި ޣަނީގެ މައްޗަށް އެ މައްސަލައިގައި ދަރަންޏެއް ސާބިތުވާ ކަމަށެވެ.

މި އެއްބަސްވުމަކީ އެލިއާ އިންވެސްޓްމަންޓްސް އާއި ލޮގް ވޫޑް މޯލްޑްވިސް އާއި ދެމެދުގައި ދަރަނި އަދާކުރުމާ ބެހޭގޮތުން ވެވުނު އެއްބަސްވުމެއްކަމާއި، އެ އެއްބަސްވުމުގައި ލޮގް ވޫޑް މޯލްޑިވްސްގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސޮއިކޮށްވިޔަސް އެއީ އަމިއްލަ ޝަޚްސީ އަދި ޒާތީ ހައިސިއްޔަތަކުން ނޫންކަމަށެވެ. އަދި އެއީ ކުންފުނި ތަމްސްލީކުރުމުގެ ގޮތުންކަމަށް ބުންޏެވެ. އެހެންކަމުން ގާނޫނީ ގޮތުން އެ އެއްބަސްވުމަކީ ދެ ކުންފުނީގެ ދެމެދު ވެފައިވާ އެއްބަސްވުމެއްކަމުން އެ އެއްބަސްވުމުގައި ކުންފުނި ތަމްސީލުކުރުމުގެ ގޮތުން ޣަނީގެ މައްޗަށް ޝަޚްސީ ގޮތުން ފައިސާ ދެއްކުމުގެ ޒިންމާ އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އުފަންވެގެން ނުދާނެކަމަށެވެ.

މީގެ އިތުރުން ޝަހުސީ ގޮތުން ޒިންމާ އުފުލަން އެއްބަސްވެ ސޮއިކުރާ ޕާސަނަލް ގެރެންޓީ އެއްބަސްވުންތަކުގައި ޒިންމާ އުފުލަން ނުވަތަ ގެރެންޓީ ދޭ ފަރާތުން ފަރުދީގޮތުން އެ ޒިންމާ އުފުލާ، ފައިސާ ދޭންވާނެކަމަށް ބަޔާންކުރެވޭ ކަމާއި، މި ބަޔާންކުރުން ދޭހަކޮށް ދިނުމުގެ ގޮތުން އިނގިރޭސި ބަހުން އޮތް އެއްބަސްވުމެއް ނަމަ، (Personal gurantee) (personally liable to pay) މިފަދަ އިބާރާތްތައް ބޭނުންކޮށްފައި ހުންނަ ކަމަށް އިސްތިއުނާފީ ނުކުތާގައި ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް މައްސަލައިގައި ބުނެފައި ވަނީ އެއްބަސްވުމުގައި އެފަދަ އެއްވެސް އިބާރާތެއް ލިޔެފައި ނުވާކަމަށެވެ. އަދި ޣަނީ މި ފައިސާ ދައްކަން ފަރުދީ ގޮތުން އެއްބަސްވާކަން ދަލީލުކޮށްދޭ އެއްވެސް އިބާރާތެއް ވެސް ނެތްކަމަށެވެ.

މި ނުކުތާގެ ރައްދަށް އެލިއާ އިންވެސްޓުމަންޓުން ބުނީ އެއްބެސްވުމާއި ގުޅުންހުރި ފަރާތްތައް މާނަކޮށްފައި ވަނީ އެލިއާ އިންވެސްޓްމަންޓްސް އަކީ “އަރަނިވެރިޔާ” (Creditor) ގެ ގޮތުގައި ކަމާއި ލޮގް ވޫޑް މޯލްޑިވްސް މާނަކޮށްފައިވަނީ “ދަރަނިވެރިޔާ” (Debtor) ގެ ގޮތުގައި ކަމާއި ޣަނީ ނުވަތަ އިސްތުއިއުނާފު ކުރާ ފަރާތް މާނަ މާނަކޮށްފައި ވަނީ “ގެރެންޓަރ” (Guarantor) ގެ ގޮތުގައި ކަމަށެވެ.

ދެ ފަރާތުން ވެސް ދެއްކި ވާހަކައަށް ފަހު ހައިކޯޓުން ކުރި ހުކުމުގައި ބުނީ އާންމު އުސޫލެއްގެ ދަށުން ކުންފުންޏަކީ އެ ކުންފުންޏެއްގެ މެމްބަރުންނާއި ވަކިން ގާނޫނީ ގޮތުން ވަކި ޝަހްސެއް ކަމަށެވެ. އެހެންކަމުން ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ކުންފުނީގެ ޑިރެކްޓަރުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. މައްސަލަައިގައި ހުށަހެޅި ލިޔުންތަކުގެ އަލީގައި ޣަނީ ގެރެންޓާއެއްގެ ގޮތުގައި އެލިއާ އިންވެސްޓްމަންޓާއި ލޮގް ވުޑް މޯލްޑިވސް ދެމެދު ސޮއިކުރި އެއްބަސްވުމުގައި ބައިވެރިވެފައި ވަނީ ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ނޫންކަން އެނގެން އެބައޮތްކަން ހައިކޯޓުން ފާހަގަކުރި އެވެ.

“އާންމު އުސޫލުން ކުންފުންޏަކީ، އެ ކުންފުނީގެ މެންބަރުންނާއި ވަކިން އުފެދިފައިވާ ގާނޫނީ ޝަހުސެކެވެ. އެހެންކަމުން ކުންފުންޏެއްގެ ޑިރެކްޓަރުންނަކީ އޭނާގެ ކުންފުނީގެ ދަރަންޏަށް ފަރުދީ ގޮތުން ޒިންމާވާންޖެހޭ ފަރާތެއް ނޫނެވެ. އެހެންނަމަވެސް މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ހުސޫމާތު އުފެދިގެން އުޅޭ އެއްބަސްވުމުގައި އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމުގައި ބައިވެރިވެފައިވަނީ ކުންފުނީގެ ޑިރެކްޓަރެއްގެ ހައިސިއްޔަތަކުން ނޫންކަން ވަރަށް ވެސް ސާފުކޮށް އެނގެއެވެ. އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާއަށް ގެރެންޓީ ދީފައި ވަނީ ފަރުދީ ގޮތުން އެ ފައިސާއަށް ޒިންމާވާނޭކަމަށް ޔަގީންކަން ދީ އެފަދައިން އެއްބަސްވެގެންކަން އެނގެންއޮވެއެވެ.” ހުކުމް

ޝަރީއަތާއި ގާނޫނުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދެ ފަރާތް ބަނދެވޭ ގޮތަށް ވާ އެއްބަސްވުންތަކަކީ އޭގައި ދެ ފަރާތުންވެސް އެއްބަސްވުމުގެ ދަށުން އުފުލަންޖެހޭ އެންމެހައި އިލްތިޒާމްތައް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އުފުލުން ޝަރީއަތާއި ގާނޫނުން އެ ފަރާތުގެ މައްޗަށް ކުރުން ލާޒިމްކަމަކަށް ވާއިރު ލާމައްސަލައިގައި އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަން ޣަނީގެ މައްޗަށް ލާޒިމް ވެގެންވާކަމަށް ހައިކޯޓުން ހުކުމް ކުރި އެވެ.

ލޮގް ވުޑްގެ ފަރާތުން ދައްކަން ޖެހޭ ދަރަންޏެއް އޮތް ކަމަށް އިގުރާރުވެ އެ ދަރަނި ބަހާލައިގެން ދެއްކުމަށް ވި އެއްބަސްވުމާއި “އެގްރިމެންޓް ފޯ ސެޓަލްމެންޓް އޮފް ޑެބްޓް” ގެ ނަމުގައި ދެ ކުންފުނީގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުން ހުކުމުގައި ފާހަގަކޮށްފައި ވެއެވެ.

ޣަނީ އިސްތިއުނާފަށް ހުށަހެޅި މައްސަލައިގައި އެ އެއްބަސްވުންތަކުގެ ސައްހަކަމާއި ދޭތެރޭ ޝައްކެއް ނެތް ހިނދު، އެ އެއްބަސްވުންތަކަށް އިގުރާރުވެފައިވާކަން އެނގޭކަމަށް ހުކުމުގައި ވެއެވެ. އަދި ބަހުސް އަކީ ޣަނީ ނަގަން ޖެހޭ ޒިންމާއާއި މެދުކަމަށް ވާއިރު ލޮގް ވުޑް މޯލްޑިވްސް އާއި އެލިއާއާ ދެމެދު ސޮއިކުރި ދެވަނަ އެއްބަސްވުމުގައި ޣަނީ އަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގައިވީ ނަމަވެސް، ކުންފުނިން ދައްކަން ޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމުގައި މެމްބަރު އަމިއްލަ ގޮތުން ހުރިހާ ޒިންމާއެއް ނަގާކަމަށް ބުނާ މާއްދާ ހުކުމުގައި ހިމަނާފައި ވެއެވެ.

ދައްކަން ޖެހޭ ފައިސާ އާއި ގުޅޭގޮތުން ޣަނީ ބުނާ ގޮތުގައި އެއްބަސްވުމުގައި އޭނާ ސޮއި ކުރީ އަމިއްލަ ހައިސިއްޔަތުން ނޫނެވެ. ނަމަވެސް ކޯޓުން ނިންމީ އެ މައްސަލައިގައި ހިމެނޭ އެއްބަސްވުންތަކަށް ބަލައި އެއީ ޣަނީ ޒިންމާވާން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައިފަ އެވެ.

ހައިކޯޓުން ޣަނީގެ މައްޗަށް މިގޮތަށް ހުކުމް އައި ނަމަމެސް އޭނާގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ އެވެ. އެއީ މަދަނީ މައްސަލައެއްގެ ތެރެއިން ސާބިތު ދަރަންޏެއް ސާބިތުވުމަކީ މެމްބަރުކަމުން ވަކި ވާ ސަބަބަކަށް ނުވާތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: