ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގައި މަހުލޫފްގެ މައްސަލަ އިސްތިއުނާފު ކުރުމުން އަޑުއެހުމެއް މާދަމާ!

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާ ބޭރުކޮށްލުމުން، ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާގެ މެންދުރު 14:00 ގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

މެލޭޝިއާގައި ހުންނެވުމަށް ފަހު މަހުލޫފް ރާއްޖެ ވަޑައިގަތީ ސީދާ އެ ވޯޓުގައި ބައިވެރިވުމަށް ކަމަށާއި، ވޯޓަށް ފަހު އާއި އޭގެ ކުރީގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ބަދަލު ކުރެވިފައިވާ މެސެޖުތަކުގައި ވާ ތާރީހުތަކާއި އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކުރި ތާރީހާއި ދިމާވާކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން ތުހުމަތު ކުރާ ގޮތުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއެވެ.

މި މައްސަލައިގައި މަހުލޫފް އޭނާގެ ދިފާއަށް ބުނީ، ޕީޕީއެމްގެ މުގާބިލުގައި ދެމި ހުރުމަށް އޭނާއަށް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބިލަށް ވޯޓުދޭން ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތްކަމަށް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން މަހުލޫފްގެ މައްސަލަ ބޭރުކޮށްލާފައި ވަނީ، އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާކަމަށް ބުނެ އެވެ. ރިޝްވަތުގެ ފައިސާ މަހުލޫފް ނެންގެވިކަމަށް، އަދީބު ދައުލަތަށް ދީފައިވާ ބަޔާނުގައި ވެސް ބުނާއިރު އެ ވާހަކަތަކަށް ބާރު ލިބޭނެ އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާކަމަށް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެފައި ވެއެވެ.

އަދީބުގެ ބަޔާނުގައިވާ ގޮތުން އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގައި ދެމިހުރުމަށް މަހުލޫފަށް ފައިސާ ފޮނުވާފައި ވަނީ އައްލާމް ލަތީފް މެދުވެރިކޮށެވެ. ގާޒީ މިސްބާހު ވިދާޅުވީ އައްލާމް މަހުލޫފަށް ދިންކަމަށް ބުނާ ފައިސާ ދައުރުކުރި ގޮތާއި އެ މުއާމަލާތް ހިންގި ގޮތުގެ ތަފްސީލެއް އަދީބުގެ ބަޔާނުން އެނގެން ނެތް ކަމަށެވެ.

އެހެންވެ އެ ވާހަކަތަކަށް ބާރު ލިބިދޭ އިތުރު ހެއްކާއި ގަރީނާނެތި އަދީބުގެ ބަހަށް ބުރަދަނެއް ނެތްކަމަށާއި އެކަން ސާބިތު ކުރަން ދައުލަތުން ވެސް އިތުރުކަމެއް ހުށަހަޅާފައި ނެތްކަމަށް ގާޒީ ވިދާޅުވި އެވެ. މީގެ އިތުރުން މަޖިލީހުގެ ބިލަކާއި ގުޅުވައި ނެގި ރިޝްވަތުގެ ވާހަކަ ދައްކާއިރު ފޮނުވިކަމަށް ބުނާ މެސެޖު ފޮނުވާފައި ވަނީ އޭގެ ފަހުންކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ.

ގާޒީ ވިދާޅުވީ މައްސަލަ މަދަނީ މިންގަނޑަކުން ބަލައިގަނެ، ހެއްކާއި ބެހޭ މަރުހަލާއަށް ދިޔަސް މަހުލޫފް ރިޝްވަތުގައި ހިފިކަން ސާބިތު ކުރެވޭ މިންވަރުގެއް ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި ތަހުގީގު ވެސް އަމާޒުކޮށްފައި ވަނީ މަހްލޫފްގެ މައްޗަށް ހެކި ހޯދުމަށް ވުރެ ދިފާއީ ހެކި ނަފީ ކުރުމަށް އިސްކަން ދީގެން ކަމަށް މައްސަލަ ބޭރުކޮށްލައި ގާޒީ ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އޭގެ ފަހުން މަހްލޫފަށް ދައުވާ ކުރުމާއި މެދު ޕީޖީއަށް ގޮތް ނިންމުނީ އޭގެ ފަސް މަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: