ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދަށް ތާވަލު ކުރި މަހުލޫފްގެ ޝަރީއަތް ކެންސަލް، ހުންނެވީ ރައީސުލްޖުމްހޫރިއްޔާއާއި އެކު މ. އަތޮޅުގައި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ދިއްގަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔަނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތަށް ދައުވާ އުފުލާފައިވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދެ ފަހަރެއްގެ މަތީން މި ސަރުކާރުގެ ވަޒީރުކަމުން ސަސްޕެންޑު ކުރި މަހުލޫފްގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލައި ތަހުގީގުކޮށް، ޕްރޮސެކިއުޓާރ ޖެނެރަލްއަށް ހުށަހެޅުމުން އެ އޮފީހުގައި މައްސަލަ އޮންނަތާ ހަ މަސް ފަހުން ކޯޓަށް މައްސަލަ ހުށަހެޅައި އަށް މަސް ދުވަސް ވީ އިރު އަދިވެސް މަހުލޫފް ހުންނެވީ ވަޒީރުކަމުގަ އެވެ.

މިއަދުގެ ހެނދުނުގެ 09:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ އޮންލައިންކޮށެވެ. ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކޯޓުން މީޑިއަތަކާއި ހިއްސާ ނުކުރި ނަމަވެސް، މަހުލޫފް މިވަގުތު ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގަ އެވެ. އަދި މިއަދުގެ ހެނދުނު 09:00 ގައި މ. ވޭވަށް ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އެކު މަހުލޫފް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. މަހުލޫފްގެ ޝަރީއަތް ކެންސަލް ކުރީ އެ ސަބަބަބާއި ހުރެކަމަށް ބެލެވެ އެވެ.

ދައުވާކޮށް ކޯޓަށް ހުށަހެޅި ނަމަވެސް މަހުލޫފް ވަޒީރުކަމުގައި އިންނަވާ ސަބަބާއި މެދު ސުވާލު ކުރުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތަކީ ދައުވާތައް ސާބިތުވެއްޖެ ހާލަތެއްގައި މަގާމުން ވަކި ކުރުން ކަމަށެވެ. އަދި މަހުލޫފްގެ މައްޗަށް ކޯޓުން ހުކުމެއް އިއްވައިފި ނަމަ އޭނާގެ މައްޗަށް ފިޔަވަޅު އަޅާނެކަމަށް ބުންޏެވެ.

މި މައްސަލައިގައި މަހުލޫފް ތަކުރާރުކޮށް ބުނަމުން ދަނީ މިއީ ޒާތީ ތައައްސުބެއްގެ ތެރެއިން ކުރިޔަށް ގެންދާ މައްސަލައެއް ކަމަށެވެ. އަދި އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމްގެ މައްޗަށް ތުހުމަތެއްތަކެއް ކުރައްވައި ވިދާޅުވީ ކޯޓުގައި ދައުލަތް ފަޟީހަތްކޮށް ބޭޒާރުކޮށްލާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

މެލޭޝިއާގައި ހުންނެވުމަށް ފަހު މަހުލޫފް ރާއްޖެ ވަޑައިގަތީ ސީދާ އެ ވޯޓުގައި ބައިވެރިވުމަށް ކަމަށާއި، ވޯޓަށް ފަހު އާއި އޭގެ ކުރީގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ބަދަލު ކުރެވިފައިވާ މެސެޖުތަކުގައި ވާ ތާރީހުތަކާއި އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކުރި ތާރީހާއި ދިމާވާކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން ތުހުމަތު ކުރާ ގޮތުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއެވެ.

މި މައްސަލައިގައި މަހުލޫފް އޭނާގެ ދިފާއަށް ބުނީ، ޕީޕީއެމްގެ މުގާބިލުގައި ދެމި ހުރުމަށް އޭނާއަށް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބިލަށް ވޯޓުދޭން ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތްކަމަށް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 03 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: