ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައަށް ދެ އަހަރު، ނިހާންގެ ޝަރީއަތް މިއަދު ވެސް ކުރިޔަށް ގެންދެވޭ ގޮތެއް ނުވި!

ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް އާދީއްތަ ދުވަހަށް ތާވަލު ކުރި އަޑުއެހުން ވެސް ކުރިޔަށް ނުގެންދެވި ނިންމާލައިފި އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް، ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލާފަ އެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ލިބިގަތުމުގެ ކުށުގެ ދެ ދައުވާ އަދި ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާ އެވެ. މި ދައުވާތައް އިއްވުމުން އޭނާ ވަނީ އެ ކުށަށް އިންކާރުކޮށްފަ އެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވާ ގޮތުން އެމްއެމްޕީއާރުސީގެ ތެރޭގައި ހިނގަމުން ދިޔަ ކޮރަޕްޝަންތަކެއްގެ މައްސަލައިގައި އޮޑިޓު ރިޕޯޓު ރައްްޔިތުންގެ މާލިއްޔަތު ކޮމިޓީއަށް އެޖެންޑާކޮށްފައި ނުވަނީ ކުރީގެ ނައިބް ރައީސް، އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު އޭނާއަށް އެގޮތަށް އަންގައިގެންނެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނިހާން އަދާކުރަން ޖެހޭ ޒިންމާތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ޑޮލަރު (ހަ ލައްކަ ފަންސާސް) ދީފައިވާ ކަމަށެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ތާވަލު ކުރި ނަމަވެސް އެކި ސަބަބުތަކާއި ހުރެ އަދިވެސް ވަނީ ފެށޭ ގޮތް ނުވެފަ އެވެ. މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ކުރިޔަށް ގެންދެވުނީ މީގެ ދެ އަހަރު ކުރިން ފެބްރުއަރީ 11، 2021 ގަ އެވެ. އެފަހުން ތާވަލު ކުރި އަޑުއެހުންތައް ވަނީ ކެންސަލްކޮށްފަ އެވެ. ނުވަތަ އަޑުއެހުމަށް ހާޒިރުވުމަށް ފަހު ވެސް ކުރިޔަށް ނުގެންދެވި ވަނީ ނިންމާލާފަ އެވެ.

މައްސަލައިގައި ނިމިފައި ވަނީ އިބްތިދާއީ މަރުހަލާ އެވެ. އެއީ ޝަރީއަތް ފެށުމުގެ ކުރިން ކުރިޔަށް ގެންދާ މަރުހަލާ އެކެވެ. އަދި އެ މަރުހަލާގައި ކުރިޔަށް ގެންދާނީ، ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުން އަދި ހެކި ހާމަކުރުމާއި ޝަރީއަތުގެ ކުރިން ހުށަހެޅުމެއް އޮތް ނަމަ އެބައެވެ.

އާދީއްތަ ދުވަހު ތާވަލު ކުރީ އިފްތިތާހީ ބަޔާން އިއްވުމުގެ އަޑުއެހުމެކެވެ. ނަމަވެސް އަޑުއެހުން ކުރިޔަށް ނުގެންދެވުނީ އައު ހެއްކާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފަށާފައިވާތީ އެ ގާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭ މާއްދާތަކެއް ހިމެނޭތީ، ނިހާންގެ ވަކީލު ހުށަހެޅުއްވީ ދައުލަތާއި ދިފާއުގެ ހެކި ލިސްޓު މުރާޖައާ ކުރުމުގެ ފުރުސަތެއް ދިނުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އެ ފުރުސަތު ނުދެއްވަ އެވެ. ގާޒީ އަލީ އާދަމް ވިދާޅިވީ އާ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ކްރިމިނަލް ކޯޓުގައި އަމަލު ކުރާ އިޖުރާއަތަކީ މައްސަލައެއް އޮތް ހިސާބުން ކުރިޔަށް ގޮސް ފަހުން ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ބައި ކުރިޔަށް ގެންދާއިރު އެ ގާނޫނަށް ރިއާޔަތްކޮށް ވާހަކަ ދައްކަން ކޮންމެ ހަސްމަކަށް ވެސް ފުރުސަތު ދިނުން ކަމަށެވެ.

ގާޒީގެ ވާހަކައަށް ފަހު ނިހާންގެ ވަކީލު ވިދާޅުވީ، އެހެންކަމުން އިފްތިތާހީ ބަޔާނަށް ތައްޔާރުވުމަށް ފުރުސަތު ދިނުމަށެވެ. ދައުލަތުން ވެސް އެ ހުށަހެޅުމަށް އިއުތިރާޒު ނުކުރާތީ ގާޒީ ނިންމެވީ ނިހާންގެ ވަކީލު ހުށަހެޅުއްވި ގޮތަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

މައްސަލައިގައި ނިހާންގެ ގާނޫނީ ވަކީލު ހުސްނީ މުބާރިކް ވިދާޅުވީ ހަމައެކަނި އެންމެ މެމްބަރެއް މެދުވެރިކޮށް އަދީބަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާވައިގެން، ނުވަތަ ނުބާއްވައިގެން ވެސް އަދީބަށް ލިބޭނެ މަންފާއެއް، ގެއްލުމެއް ނޯންނާނެ ކަމަށެވެ. ނިހާންގެ ވަކީލު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނިހާންއަށް މި ދައުވާ އުފުލަންޖެހޭ ސަބަބެއް ކަމަށެވެ. އަދި ދައުލަތުން ބުނީ ނިހާން ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑުގެ ގަޑިއަކަށް އެދުމާއި، ޕްލެޓިނަމް އެޕާޓްމެންޓު ގަތުން ފަދަ ކަންކަމަކީ އަދީބުގެ އެންގުމަށް ކުރި މަސައްކަތްތަކަށް ލިބުނު މަންފާ ކަމަށެވެ.

އަދީބު ނިހާނަށް ދެމުން ދިޔަ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ، ނުވަތަ ޝައްކު ކުރެވޭ ހާލުގައި ވެސް އޭނާގެ އަތުން 150،000 ޑޮލަރު (އެއްލަކަ ފަންސާސް ހާސް) ގެ ޗެކަކާއި އޭނާ ހަވާލުވީކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

މީގެ އިތުރުން 2014 ގައި ނިހާން ވިލިމާލެ ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އައްޔަނު ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާކަމަށް ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ވެއެވެ.

ހިޔާނާތާކުގެ ފައިސާއިން 1.9 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ޕްލެޓިނަމް އެޕާޓްމެންޓެއް ގަތުމަށް އެސްއޯއެފްގެ އެކައުންޓަކުން އެންމެ ފުރަތަމަ އެ ފައިސާ ޖަމާކޮށްފައި ވަނީ ނިހާންގެ އާއިލީ ބޭފުޅެއްކަމަށް ވާ އޭނާގެ ބޭބެ މުހައްމަދު އިނާންގެ އެކައުންޓަށް ކަމަށް ވެއެވެ. އެއަށް ފަހު އެނާގެ އެކައުންޓުން އެ ފައިސާ ޖަމާކުރީ ހަބީބް ބޭންކުގައި ޖޭ ހޮޓެލްސްގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. ޕްލެޓިނަމް އެޕާޓްމެންޓު މުއާމަލާތް ކުރީ އެ އެކައުންޓުންނެވެ. އެހެންވެ މިއީ ފައިސާގެ އަސްލު އޮޅުވާލުންކަމަށް ތުހުމަތުކޮށް، ނިހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: