ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޕާޓްމެންޓް މައްސަލަ؛ ނިހާން ވިދާޅުވީ ނޫސްވެރިން ހަބަރު ކަވަރ ކުރީ ގޯސްކޮށްކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕާޓްމެންޓުގެ މައްސަލަަ އާއި ގުޅުވައި ނޫސްވެރިން ހަބަރު ކަވަރކޮށްފައި ވަނީ ނުބައިކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ބޭންކް މެދުވެރިކޮށް ގަނެފައިވާ އެޕާޓްމަންޓަކަށް ފައިސާ ދެއްކުމަށް ނިހާންއަށް ވަކި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެތަން ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ދީފައެވެ.

މިކަމާާއި ގުޅޭ ގޮތުން “ސަންގުން” ނިހާން އާއި ސުވާލުކުރުމުން އެންމެ ފުރަތަމަ ފާހަގަކުރެއްވީ ހަބަރު ގެނެސް ދިނުމުގައި ދެ ފަރާތުގެ ބަސް ގެނައުމުގެ މުހިންކަމެވެ. އަދި ވިދާޅުވީ މީޑިއާތަކުން މި ވާހަކަތައް ގެނެސްފައިވަނީ “އިވޭހާ” ގޮތަކަށްކަމަށެވެ.

ނިހާން ވިދާޅުވީ އަހަރުގެ ކުރީކޮޅު އޭނާ ހަތަރު މިލިއަން ދީ އެޕާޓްމަންޓެއް ގަނެފައިވާކަމަށް ބުނެ މީޑިއާތަކުން ހަބަރުތައް ގެނައި އިރު މިއަދާއި ހަމައަށް ވެސް އެކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފު ނުވާކަމަށެވެ. ނިހާން ވިދާޅުވީ އެ ގެއަކީ އޭނާގެ ބޮޑަށް ހުންނަ ބޭބެ މުހައްމަދު އިނާން ހުސެއިން މަނިކު 2016 ގައި އިސްލާމިކް ބޭންކުން ނެގި ފެސިލިޓީއެއްގެ ދަށުން ނަގާފައިވާ ތަނެއްކަމަށެވެ. އަދި އޭނާއަކީ މި އެއްބަސްވުމުގެ ލޯން ގެރެންޓަރކަމަށެވެ.

ކޯ އެޕްލިކަންޓެއްގެ ގޮތުގައި އަޅުގަނޑު ސޮއިކޮށްދިނީ އެ ލޯނުގައި، ހަމައެކަނި އަޅުގަނޑު ކުރިހާވެސް ކަމަކީ އެއީ. އެތަނަކީވެސް އަޅުގަނޑުގެ ތަނެއް ނޫން. އެތަން ރަޖިސްޓްރީވެސް އޮތީ އޭނަގެ ނަމުގައި. އެއީ އެތާ މޯގޭޖު ރައިޓަކީ، އޮތް އެއްޗަކީ އެއީ.

ނިހާން ވިދާޅުވިއެވެ.

އެޕާޓްމަންޓަށް ފައިސާ ދައްކައިގެން، ތަނުގައި ދިރިއުޅެނީ އިނާންކަމަށާއި، އޭގެ ކުރިން އެތަން ކުއްޔަށް ދީގެން ވެސް އުޅުނީ އޭނާކަމަށް ނިހާން ވިދާޅުވި އެވެ. އެހެންކަމުން އެ އެޕާޓްމަންޓާއި ގުޅުން ހުރި އެއްވެސް ކަމެއްގައި އިތުރު ބައިވެރިވުމެއް ނޯންނާނެކަމަށާއި، ތަނަށް ގޮސް އެތަން ބަލައި ނޫޅޭކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭގެ އިތުރުން ނިހާން ވިދާޅުވީ ގޭގެ މުއާމާލާތާއި ގުޅުން ހުރި އެއްވެސް ކަމެއްގައި ވެސް ބައިވެރިވެފައި ނުވާނެކަމަށެވެ.

އެހެންވެ ނިހާން ކަންބޮޑުވުންފާޅު ކުރެއްވޯ އޭނާއާއި އެއްވެސް ގުޅުމެއް ނެތްކަމެއްގައި އަސްލެއް ނެތް ހަގީގަތައި ހިލާފު ވާހަކަތަކެއް ފެތުރިފައިވާތީ އެވެ. އަދި ވިދާޅުވީ ހަބަރުތައް ގެނައުމުގައި މީޑިއާތަކުން އޭނާ މެދުވެރިކޮށް މައުލޫމާތުތައް ސާފު ކުރުމަށް މަސައްކަތްކޮށްފައި ނުވާއިރު އެގޮތަށް ދިމާވީ އޭނާއަކީ ސިޔާސީ ދާއިރާގައި އުޅޭ މީހަކަށް ވާތީ ކަމަށެވެ.

އެއްބަޑު އެއްބަފާ ބޭބެ ވީމާ، އޭނައަށް ދަތިކަމެއް ދިމާވާ ގަޑީގައި އެހީތެރިކަން ދޭން ހުންނާނީ އޭނަގެ އެއްބަޑު އެއްބަފާ ކޮށްކޮ އަކަށް ހުރި މީހާތާ. އެމީހާ އަކީ ސިޔާސީ މީހަކަށްވާތީ ހަބަރުތައް މި ފެތުރެނީ. މީގަ ވެގެން މިއުޅޭ ގޮތަކީ އަޅުގަނޑަކީ ސިޔާސީ ގޮތުން 10 ވަރަކަށް އަހަރު ރައްޔިތުންގެ މަޖިލީހުގައި އުޅުނު މީހަކަށްވާތީވެ، އަދި ދެކެ ފަރިތަ މީހަކަށްވާތީވެ، އެ ހަބަރު ހަދައިގެން ހަބަރު ކޮންމެސް ބަޔަކު ކިޔާލާނެކަމުގެ އުއްމީދުގައި އެ ލިޔަނީ ނޫސްތަކުން.

ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ބޭންކުން ނޯޓިސް އައި ނަމަވެސް، އިނާން ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި މައްސަލައިގައި ކުރި ހުކުމާއި ގުޅުން ހުރި އެއްވެސް ތަފްސީލެއް ނޭނގޭކަމަށާއި، ބޭންކުން ގުޅުމުން ވެސް އެ އެޕާޓްމަންޓާއި ގުޅުމެއް ނެތްކަމަށް ބުނެފައިވާނެކަމަށް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވީ އޭނާ ބޭންކުގައި ވެސް ސުވާލު ކުރުމުން އެދުނީ، ކަން އޮންނަ އުސޫލުގެ ތެރެއިން ކުރިޔަށް ދިއުމަށް ކަމަށެވެ.

މި ހުކުމާއި އަދި މިކަންކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އޭނާއަށް ނޭގޭކަމަށާއި، މިކަމާއި ގުޅިގެން ބޭންކުން އޭނާއާއި ގުޅުމުންވެސް، މިއީ އޭނާއާއި ބެހޭ މައްސަލަ އެއްނޫންކަމަށާއި، އެކަން ކުރަން ޖެހޭ އުސޫލުގެ ތެރެއިން ކުރުމަށް ދަންނަވާފައިވާނެކަމަށް ނިހާން ވިދާޅުވިއެވެ.

ތަކުރާރުކޮށް ނިހާން ވިދާޅުވީ ކޯ އެޕްލިކެންޓެއްގެ ގޮތުގައި އޭނާ ސޮއިކުރިކަން ދޮގު ނުކުރައްވާކަމަށާއި، އޭގެ ސަބަބުން ގާނޫނީ ގޮތުން އޭނާގެ ނަން މައްސަލައިގައި ހިމެނޭނެ ކަމަށެވެ. އެކަމަކު މީޑިއާތަކުން އެ ހަބަރު ގެނެސްފައިވަނީ ގޯސްކޮށްކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މާލެ ސިވިލް ކޯޓަށް ބޭންކުން މި މައްސަލަ ހުށައެޅުމުން، ފައިސާ ދައްކާނެ ގޮތުގެ ރިޝެޑިއުލްއަކަށް ވެސް އެއްބަސްވިކަމަށާއި، ކޯޓުން އެ މައްސަލަ ހުޅުމާލެ ކޯޓަށް ވެސް ބަދަލުކުރިކަމަށެވެ. ބަދަލުކުރިއިރު، ގަޒިއްޔާގައި އޮތީ ފައިސާ ދައްކާ ނިންމާފައިވާކަމަށްކަން ފާހަގަކޮށް ނިހާން ވިދާޅުވީ އެންމެ ފުރަތަމަ ގޯސް ހެއްދެވީ ނޫސްވެރިން ނޫންކަމަށާއި، ސިވިލް ކޯޓުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: