ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތް ދަނީ ސްކްރީން ޕްލޭއެއް ހެން، ސަރުކާރު އުޅެނީ ޔާމީން ފްރޭމް ކުރަން: ވަކީލުން

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔަނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ވަކި ގޮތަކަށް ހެކި ބަސް ދީފި ނަމަ އެ މީހުންގެ މައްޗަށް ދައުވާ ނުކުރާނެކަމަށް އަންގަމުންދާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި، ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ކުރެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއިން މަންފާ ނަންގަވައި، ނުފޫޒު ބޭނުން ކުރެއްވިކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ނިމުނު ނަމަވެސް ފުއްގިރީގެ މައްސަލަ އަދިވެސް ދަނީ ކުރިޔަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިތުރު އައު ތުހުމަތުތަކެއް ވެސް ދަނީ ކުރަމުންނެވެ.

އާރަށުގެ އަޑުއެހުންތައް ނިމި، ހުކުމް އިއްވުމާއި ކައިރިވެފައިވަނިކޮށް ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ޕްރެސްގައި އަލީ ޝާހު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި ދައުވާ އުފުލާފައިވާ އެހެން މީހުން ރައީސް ޔާމީނާއި އެއްކޮޅަށް ހެކި ބަސް ނުދޭން އަންގަމުންދާ ކަމަށެވެ. އަދި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކި ބަސް ދޭ ބަޔަކަށް ދައުވާ ނުކުރާނެކަމުގެ ޔަގީންކަން އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ދެއްވިކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

މައްސަލައިގެ ތަހުގީގާއި، އަދި ޝަރީއަތް ކުރިޔަށް ދިޔައީ އިންސާފުން ބޭރުން ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށްކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ބައެއް ހަސްމުންނަށް ވެސް ވަކި ގޮތަކަށް ބަޔާން ދިނުމަށް ފުލުހުންގެ މުވައްސަސާގެ ވެރިން އަންގަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް އަންގާ އޯޑިއޯ ރެކޯޑިން އެބަހުރިިކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު މައްސަލަތަކެއް ވެސް އުފެއްދުމަށް ކަމަށެވެ.

“ދައުލަތުގެ ނިޔަތް، އެ ފަރާތްތަކުގެ ނިޔަތް ރަނގަޅު ނޫންކަން އެނގޭ މިންވަރަށް މިކަންކަން އެބައޮތް..”

އެމްއެމްޕީއާރުސީގެ މައްސަލައިގެ ޝަރީއަތްތައް ކުރިޔަށް ގެންދިއުމުގައި ދައުލަތުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދައި ޝާހު ވަނީ ރިޝްވަތު ނެންގެވިކަމުގެ ތުހުމަތު ކުރެވޭ މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތް ކުރިޔަށް ނުދަނީ ކީއްވެގެން ތޯ ސުވާލު ކުރައްވާފަ އެވެ. އަދި ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމަށް އެތައް ބައެއްގެ މައްޗަށް ތުހުމަތު ކުރާއިރު އެފަދަ އެއްވެސް މައްސަލައެއް ކުރިޔަށް ނުގެންދަނީ އެގޮތް ބޭނުން ނުވާތީކަމަށް ޝާހު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދަނީ، ފިލްމެއްގެ ސިފައިގައިކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި އަޑުއެހުންތައް ކުރިޔަށް ގެންގޮސް، ހެކި ބަސް ނެގުމުގެ މަރުހަލާ ވެސް ކުރިޔަށް ގެންދަނީ ވެރިން ބޭނުންވާ ގޮތަށް ރާވައިގެންކަމަށް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ވެރިކަމަށް އައުމަށް ފަހު، ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުންގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތުތައް ނުބަލާކަމަށް ވަކީލުން ވިދާޅުވި އެވެ. އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފައިވާ އަމަލުތަކާއި، ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ހިމެނޭކަން ފާހަގަކުރި އެވެ. އެކަމަށް އިޝާރާތްކޮށް ޝާހު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ބަނގުރާ ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯތަކާއި ބަދުއަހުލާގީ އަމަލުތައް ހިނގާ ވީޑިއޯތައް ދައުރުވީ ނަމަވެސް އެޅުނު ފިޔަވަޅެއް ނެތްކަމަށެވެ. މިއީ އަންނަން އޮތް ޖީލުތަކަށް ދޭ ނުބައި ގޯސް މެސެޖެއްކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ، މިފަދަ މައްސަލަތައް ވެސް ބަލަނީ ހިތް ނުރުހޭ މީހާއާއި ދެކޮޅަށް ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ކަމަށެވެ.

ޝާހު ވިދާޅުވީ ހިޔާނާތުގެ މައްސަލައިގެ މޭސްތިރިއާގެ ގޮތުގައި ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތުހުމަތުތަކެއް ކުރުމަށް ފަހު އެންމެ ފަހު ވަގުތު އޭނާއަށް އިއްވީ ލުއި ހުކުމެއް ކަމަށެވެ. އަދި ގޭގައި ހުކުމް ތަންފީޒު ކުރަން ޖެހެނީ، ކޮން އުސޫލެއް ނުވަތަ ދައުލަތާއި އެކީ ހަދާފައިވާ ކޮން ޑީލެއްގެ ދަށުންތޯ ސުވާލު އުފެއްދި އެވެ. ދައުލަތާއި އަދީބާއި ދެމެދު ހަދާފައިވާ އެއްބަސްވުން ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލައި ޝާހު ވިދާޅުވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރި އަބްދުﷲ ޒިޔަތަށް ވެސް ޑީލެއްގެ ދަށުން ލުއިތަކެއް ދީފައިވާ ކަމަށެވެ.

އަދީބާއި ޒިޔަތަކީ ކުށުގެ ހުކުމް ތަންފީޒު ކުރާ މީހުން ނަމަވެސް، އެ މީހުންގެ ހާލަތު މިހާރު ހުރި ގޮތުން އެއީ ކުށް ކުރި ބައެއްކަމާއި ސުވާލު އުފެދޭކަމަށް ޝާހު ވިދާޅުވި އެވެ. އޭނާ އެ ފާހަގަކުރެއްވީ އަދީބާއި ޒިޔަތަށް ބޮޑެތި ހުކުމްތަކެއް އަންނާނެކަމަށް ބުނެ ޕްރޮސެކިއުޓާރ ޖެނެރަލް ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފަހު މައްސަލައިގެ ހުކުމާއި ހަމައިން ދެ މީހުންނަށް ވެސް 15 އަހަރުން ދަށުގެ ހުކުމެއް އައިސްފައި ވުމެވެ. ދައުލަތުން ވަނީ އަދީބާއި ޒިޔަތާއި އެކު “އަންޑަސްޓޭންޑިން” އެއް ނުވަތަ އިއުތިރާފު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ކުރިޔަށް އޮތް މަސް ދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ ހުކުމް އިއްވާނެކަމަށް ބެލެވެ އެވެ. އަދި ވަކީލުން ވިދާޅުވީ އުންމީދަކީ އިންސާފުވެރި ހުކުމެއް އިއްވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: