ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފުގެ މައްސަލަ: މަހުލޫފްއާއި ދެކޮޅަށް ހުށަހެޅި ޗެޓްލޮގް ތަކަށް ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް/ ފޮޓޯ: އަަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ވައިބަ ޗެޓްލޮގް ތަކާއި ބެހޭގޮތުން ހައި ކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް ދައުލަތަށް އަމާޒުވެއްޖެ އެވެ.

މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުން މަހުލޫފްގެ މައްސަލަ ބޭރުކޮށްލާފައި ވަނީ، އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާކަމަށް ބުނެ އެވެ. ރިޝްވަތުގެ ފައިސާ މަހުލޫފް ނެންގެވިކަމަށް، އަދީބު ދައުލަތަށް ދީފައިވާ ބަޔާނުގައި ވެސް ބުނާއިރު އެ ވާހަކަތަކަށް ބާރު ލިބޭނެ އިތުރު ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާކަމަށް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވެފައި ވެއެވެ.

މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލާފައި ވަނިކޮށް، މިއަދު އެ ކޯޓުގައި އަޑުއެހުމެއް ތާވަލްކުރީ ފަނޑިޔާރުންނަށް މައްސަލައިގައި ފާހަގަވި ބައެއް ކަންކަން ސާފުކުރުމަށްޓަކަ އެވެ. އެގޮތުން ފަނޑިޔާރުން ދައުލަތާއި ސުވާލު ކޮށްފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ވައިބަރ ޗެޓްލޮގް ތަކަކާއި ބެހޭ ގޮތުންނެވެ. އެގޮތުން ވައިބަ ޗެޓް ލޮގެއް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި އޮތީ ކޮން ކަމެއް ސާބިތުކުރަން ތޯ އާއި އެ ހެކި ދަށު ކޯޓަށް ހުށަހެޅިންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ ވައިބަ ޗެޓް ލޮގަކީ އެ މައްސަލައިގައި ހުށަހެޅި މޮބައިލް ފޮރެންސިކް ރިޕޯޓުގެ ބައެއް ކަމަށެވެ. އަދި  އެ ވައިބަ މެސެޖްތަކުން ސާބިތުކޮށްދޭން ބޭނުންވަނީ މަހްލޫފް އޭރު ޕީޕީއެމްގެ މެމްބަރަކަށް ހުންނެވިޔަސް އެސްއީޒެޑްގެ ބިލަށް ވޯޓު ދޭން ރިޝްވަތު ނެންގެވި ކަން ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުގެ ވާހަކަތަކަށް ރަށްދު ދެއްވަމުން މަހުލޫފުގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ އެ ހެއްކާއި، މަހުލޫފަށް ކުރާ ދައުވާއާ ގުޅުވާނުލެވޭ ކަމަށް ދަށު ކޯޓުގެ ގާޒީ ނިންމާފައި ވަނީ ދައުލަތުން ޝަރީއަތުގައި ފާހަގަކުރި ހަތަރު އެސްއެމްއެސްއިން ސާބިތުކުރަން ބޭނުވާ އުންސުރުތަކަށް ބާރު ނުލިބޭތީ ކަމަށެވެ. އަދި މަހްލޫފް ރިޝްވަތު ނެންގެވީ އެސްއީޒެޑް ބިލްގެ ވޯޓުގެ މުގާބިލްގައި ކަން ސާބިތުކުރަން ދައުލަތުން ދެއްކީ މޮބައިލް ފޮރެންސިކް ރިޕޯޓެއްގެ ވާހަކައަށް އެކަނި ކަމަށް ނޫރު ވިދާޅުވި އެވެ. މިހާތަނަށް ދައުލަތުން ދައްކަމުން ދިޔައީ އެސްއެމްއެސް މެސެޖްތަކެއްގެ ވާހަކަތަކެއް ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފުގެ ވަކީލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުން ވިދާޅުވީ އިބްތިދާއީ މަރުހަލާގައި ހެކިތަކުން ސާބިތުކުރަން ޖެހޭ އުންސުރުތައް ތަފްސީލުކޮށްދެން ނުޖެހޭ ކަމަށާއި، ފައިލްތައް ދިރާސާކުރުމަކީ ދިފާއުގެ ޒިންމާއެއް ކަމަށެވެ. އަދި އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭ ވަރަށް ތަފްސީލުކޮށްދީފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ އެ ޖަވާބާއި ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ފައިލްތަކެއް ހުށަހެޅުމަށްފަހު، އެ ލިޔުންތަކުން ސާބިތުކުރަން ބޭނުންވާ އުންސުރުތައް ފާހަގަނުކޮށް، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމަށް ފަނޑިޔާރު ބަލާނީ ކޮން ކަމަކަށްތޯ ސުވާލުކޮށްފަ އެވެ. ދައުލަތުން ބުނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމަށް ބާރު ލިބޭ ވަރަށް އިބްތިދާއީ މަރުހަލާގައި ތަފްސީލުކޮށްފައިވާ ކަމުގައި ގަބޫލުކުރާ ކަމަށާއި، އިތުރު ތަފްސީލު ދޭން ޖެހޭނީ ހެކިތަކާ ބެހޭ ގޮތުން ވާހަކަދައްކާ މަރުހަލާގަ އާއި، ހުލާސާ ބަޔާން އިއްވާއިރު ކަމަށެވެ.

ސުވާލުތަކަށް ފަހު އެ މައްސަލައިގެ އަޑުއެހުންތައް އަނެއްކާވެސް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.  މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އޭގެ ފަހުން މަހްލޫފަށް ދައުވާ ކުރުމާއި މެދު ޕީޖީއަށް ގޮތް ނިންމުނީ އޭގެ ފަސް މަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: