ރާއްޖޭގައި ހިންގަމުން ދާ އަމިއްލަ ކުންފުންޏަކުން މާލީ މަސްލަހަތަށް ބުރޫ އަރާ ގޮތަށް، ޕޮންޒީ ސްކީމާއި އެއްގޮތް މުއާމަލާތްތަކެއް ހިންގަމުންދާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާތީ އެކަން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ފައިސާ ނަގައިގެން، ސްކޭމެއް ހިންގާކަމަށް ބުނެ އެކަމަށް ސަމާލުވުމަށް މީގެ ދުވަސްތަކެއް ކުރީން މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ބަޔާނެއް އާއްމު ކުރި އެވެ. ސީދާ ވަކި ބައެއްގެ ނަން ނުހިމަނައި ނެރުނު އެ ބަޔާނުގައި ވަނީ ސޯޝަލް މީޑިއާގެ ފޭސްބުކާއި، ޓެލެގްރާމް ޗެނަލްތައް ބޭނުންކޮށްގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެކަމަށް ބުނެ އިންވެސްޓު ކުރުވައި ސްކީމްގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުން ކުރާ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ ސްކީމުގެ ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ ފަހުން އަންނަ ގްރޫޕުތަކަށް ނަމަވެސް މިއީ ދެމެހެއްޓޭނެ ސްކީމުތަކެއް ނޫން ކަމަށެވެ. އަދި ސްކީމް ހުއްޓޭއިރު ގިނަ ބަޔަކަށް ފައިސާ ނުލިބޭނެކަމަށް ވެއެވެ. ބަޔާން ނިންމާލިއިރު ވެސް އެއީ ކޮން ބައެއްކަން އޭގައި ހިމަނާފައި ނެތެވެ.
ފުލުހުންގެ ބަޔާނުގައި ވެސް ވަކި ކުންފުންޏެއް ނުވަތަ ބައެއްގެ ނަން ހާމަ ނުކުކޮށް ބުނީ ކަމާއި ބެހޭ އިދާރާތްތަކުން ދިން މައުލޫމާތުތަކަށް ފަހު، ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަ ކަމެއް ފާހަގަ ކުރެވިފައި ވާތީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
މި ތުހުމަަތުތައް ކުރެވިފައި ވަނީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ ”ކިންގްސް ކެޕިޓަލް ހޯލްޑިން“ ކުންފުންޏަށެވެ.
އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑްސް އާއި، ސްކީމްތަކުގައި އިންވެސްޓު ކުރުމުގައި، މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް އެދޭކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށްވެސް ދަންނަަވަމެވެ. އެހެންނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގަައި ފުލުހުން ބުންޏެވެ.
ފުލުހުންގެ ވެބްސައިޓުގައި ޝާއިއު ކުރި ހަބަރާއި ގުޅިގެން އަލްހާން ވިދާޅުވީ ޖިނާއީ އެއްވެސް ކަމެއް ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން ކޮށްފައި ނުވާނެ ކަމަށެވެ.
މައްސަލައިގެ ތަހުގީގު ކުރިޔަށް ދާތީ، އިތުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރި އެވެ. އަދި ތަހުގީގު ކުރަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ބައެއްގެ މައްސަލައެއްކަން ވެސް ހާމައެއް ނުކުރި އެވެ.

