ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ މިހާރު ވަދެ އެއޮތީ ގޭގެ ސިޓިން ރޫމް ތެރޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާ އެކު މި ސަރުކާރުން ސޮއި ކުރަން ޖެހުނު އެއްބަސްވުންތަކުގެ މަޗްވަރާތައް ފެއްޓެވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް ބުނެ ސަރުކާރުގެ މެމްބަރުން ދައްކަވާ ވާހަކަތައް ދޮގު ކުރައްވައި އެމަނިކުފާނު އުތުރުތިލަފަޅުގެ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލީސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވުމާއި އެކު ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ގެ ހަރަކާތަކީ އިންޑިއާގެ ސިފައިން ހަތިޔާރާއިއެކު ރާއްޖޭގައި ތިބެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ފަދައިން ހަރަކާތްތެރި ވަމުންދާކަމާއި އިންޑިއާގެ ނުފޫޒު ރާއްޖޭގެ ސަރުކާރަށް ވަދެފައިވާ ކަމަށް ބުނެ އެކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ ރައީސް ޔާމީން ގައުމުގެ މިނިވަންކަމަށް ކުރާ ޖިހާދެއްގެ ގޮތުގައި އިދިކޮޅުން ސިފަ ކުރާއިރު ސަރުކާރާއި އެމްޑީޕީގެ މެމްބަރުން ބުނާ ގޮތުގައި މިއީ ސިޔާސީ ގޮތުން ހަމަނުޖެހުން އުފެއްދުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކެކެވެ.

ރައީސް ޔާމީން މި ހަރަކާތް ގެންދަވަމުންދާތީ ހާރިޖީ ގުޅުންތަކަށް ބުރޫ އަރާކަމުގައި ބުނެ މަޖިލީހަށް ވަނީ އެތަށް ފަހަރެއްގެ މަތިން ކުއްލި މައްސަލަތައްވެސް ހުށައަޅާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީގެ ސަރުކާރު އިންތިހާއަށް އިންޑިއާގެ ނުފޫޒުގައި ޖެހިފައިވާކަމަށާއި، މިއަދު އެ މީހުން ބުނާ ގޮތަށް ހެދުން ނޫން ގޮތެއް ވެސް ސަރުކާރަށް ނެތްކަމަށް އިދިކޮޅުން ބުނެ އެވެ. އެއީ ރިޔާސީ އިންތިހާބާއި އަދި އިދިކޮޅުގައި އޮވެ އެމްޑީޕީން ހެދި ބައެއް ޑީލްތަކެއްކަމަށް ރައީސް ޔާމީން ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

މި ސަރުކާރާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވަނީ އުތުރުތިލަފަޅު އެއްބަސްވުމާއި، ޑޯނިއާ އަދި ހެލިކަޕްޓަރު އެއްބަސްވުމުގެ އިތުރުން ހައިޑްރޯގްރަފީ އެއްބަސްވުމަށެވެ. މިއީ މުޅިން ވެސް ރައީސް ޔާމީން ފެއްޓެވި މަޝްވަރާތަކެއްގެ ގޮތުގައި ބައެއް އެމްޑީޕީ މެމްބަރުން ވިދާޅުވީ ނަމަވެސް އިދިކޮޅުން ރައްދުގައި ބުނަމުން އައީ އެފަދަ ނުފޫޒު ވެއްދުމަށް އިންޑިއާއިން ކުރި އެއްވެސް މަސައްކަތަކަށް ރައީސް ޔާމީން އެއްބަސްވެފައި ނުވާނެ ކަމަށެވެ.

މި ހަރަކާތަށް ރައްދެއްގެ ގޮތުގައި ސަރުކާރާއި ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން އަންނަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއި ދެމެދު އޮތް ގާތްގުޅުން ފާހަގަކޮށް އެކަމަށް ފާޑު ކިޔަމުންނެވެ. އެ ވާހަކަތަކަށް ރައްދު ދެއްވާ ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެގުޅުން އޮތީ ހުދޫދެއްގެ ތެރޭގައި ކަމަށާއި ނަމަވެސް އިންޑިއާއިން ވަނީ ގޭގެ ސިޓިން ރޫމްގެ ތެރެއަށް ކަމަށެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރި ވަނީ ސާޗް އެންޑް ރެސްކިއުގެ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންނަށް އެހީތެރިވެދިނުމަށްކަމުގައި ޑިފެންސް މިނިސްޓާ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވުމުން އެކަމަށް ރައްދުދީ ޝިޔާމް ވިދާޅުވީ ޗައިނާއާއިއެކުވެސް އެތައް ބޮޑެތި މަޝްރޫއުތަކެއް ގެންދެވުނު ކަމަށާއި ނަމަވެސް ޗައިނާގެ އެއްވެސް ފަރާތެއް ރާއްޖޭގައި ނެތްކަމަށެވެ.

ރައީސް ޔާމީން ވިދާޅުވާ ގޮތުންނަމަ އުތުރު ތިލަފަޅުގެ އެއްބަސް ވުމުގެ ސަބަބުން އިންޑިއާގެ ސިފައިންނަށް ސަރުކާރަށް އެންގުމަކާއި ނުލައިވެސް އުތުރުތިލަފަޅަށް އެތެރެވެ ބޭނުންވާ އެއްޗެހިވެސް ވެއްދޭނެކަމުގައެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ބުނުންތައް ދޮގުކޮށްފައެވެ.

ޝިޔާމް ވިދާޅުވީ އުތުރުތިލަފަޅަށް ރާއްޖޭގެ ބާރެއް ނެތްކަމަށާއި އެއީ އިންޑިއާގެ މިލިޓްރީ ބޭސްއެއް ކަމަށް ބޭރުގެ ނޫސްތަކުއި ރިޕޯޓް ކުރެވިފައިވާކަމަށެވެ. އަދި ރައީސް ޔާމީނާއިއެކު އިންޑިއާއިން އެއްބަސްވުމެއް ވެވިފައިވާނަމަ އެ އެއްބަސްވުމެއް މި ސަރުކާރަށްވެސް ފެނިލައްވާނެ ގޮތަށް މޭޒުމަތީގައި އޮންނާނެކަމަށާއި ނަމަވެސް މިއާއި ހިލާފަށް މި ސަރުކާރުން އުޅުއްވަނީ އުތުރު ތިލަަޅުގެ އެއްބަސްވުން ސިއްރުކޮށްގެން ކަމުގައި ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ މައްސަލް އުފެދޭ ހިސާބަކީ އެއީ ކަމުގައެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މިއީ ރައީސް ޔާމީންގެ ސަރުކާރުގައި މިކަމަށް ވެވިފައިވާ އެކްޗަން ޕްލޭންތަކުގެ މަސައްކަތްތަށް ކަމުގައެވެ. މިކަމަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވީ އެކްޗަން ޕްލޭންގައި އިނ ްޑިއާގެ ސިފައިން ދިގު މުއްދަތަކަށް ރާއްޖޭގައި ބޭއްވުމަށް ނޯންނާނެ ކަމުގައެވެ.

މި އެއްބަސްވުންތަކުގެ ފެށުމަކީވެސް ރައީސް ޔާމީން ކަމުގައި ބުނަމުން އައީ ޑިފެންސް މިނިސްޓަރެވެ. މީގެ އިތުރަށް އެކަމަނާ ވިދާޅުވެފައިވަނީ އިންޑިއާ އައުޓް މިހަރަކާތަކީ ފަހުގެ ތާރީހެއްގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށެވެ. މިނިސްތާ ވިދާޅުވީ ގޮތުގައި އިންޑިއާ އައުޓް ގެ ސަބަބުން ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާއި އޮތް ގާތްގުޅުމަތާ އޮތް ގުޅުން ހީނަރުވުމުގެ އިތުރުން ދިވެހިރާއްޖޭގެ ސަލާމަތާއި ދިފާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށްކަށްވެސް ހުރަސްއެޅިގެންދާނެއެވެ.

މީގެ އިތުރުން ފަހަކަށް އައިސް ރައީސް މުހައްމަދު ނަޝީދުގެ ފާޑު ކިޔުންވެސް ދަނީ މި ހަރަކާތަށް ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދިޔައީ މި ހަރަކާތަކީ ސިޔާސީ އުކުޅެއްގެ ގޮތުގައި ރައީސް ޔާމީން ހިޮންގަވާ ހަރަކާތެއް ކަމަށެވެ. އަދި ގައުމަށްޓަކައި މިހަރަކާތުގައި ބައިވެރިނުވުމަށްވެސް ނަޝީދުވަނީ ގޮވާލާފައެވެ.ނަމަވެސް ޝިޔާމް ފާހަގަ ކުރެއްވީ މިހާރު މިހަރަކާތުގައި ރައީށް ޔާމީންއަށް ތާއީދު ކުރައްވާ ބޭފުޅުންގެ އިތުރުން އެހެން ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް ބައިވެރިވަމުން ގެންދަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: