ސަރުކާރަށް ގައުމުގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމަށް އެކަށިގެންވާ މަަސައްކަތްތަކެއް ނުކުރެވުމުގެ ސަބަބުން ގައުމު ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާކަމަށާއި، ހިން ދެމިލައި އަދި ތިބެވެނީ ވެރިއެއްގެ ގޮތުގައި މާ މޮޅު ކައްޕިތާނެއް ހުރުމުން ނޫންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތަށް އެއްވެސް ސަމާލުކަމެއް ސަރުކާރުން ނުދެއްވާކަމުގެ ތުހުމަތާއި އެކު ޝިޔާމް ވިދާޅުވީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި ރާއްޖޭގެ ހާލަތު ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ހިމެނެނީ ކަންބޮޑުވާ ކަންތަކެއްކަމުގައި ފާހަގަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒު ކުރައްވައި ޝިޔާމް ވިދާޅުވީ ރައީސަކީ މާ މޮޅު ކައްޕިތާނެއް ނޫން ކަމަށެވެ. ހާލަތު ގޯސްވަމުން ގޮސް ރާއްޖެ ބަނގުރޫޓު ވާ ހާލަތަށް ގޮސްފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވުމަކީ ސަރުކާރުގެ ބޮޑު ފެއިލިއާއެއްގެ ގޮތުގައި ޝިޔާމް ސިފަ ކުރެއްވި އެވެ.
ރައީސް ސޯލިހު ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުތަކަށް ފާޑުވިދާޅުވެ، ޝިޔާމް ވަނީ ދެން ނިއުޔޯކް ފަދަ ގައުމުތަކަށް ވެސް ދަތުރު ނުކުރެވޭނެ ކަމަށެވެ. ސަރުކާރުން ކުރާ ބޭކާރު ހަރަދާއި ގުޅޭގޮތުން ދެއްކެވި ވާހަކަ ކުރިޔަށް ގެންދަން މަސައްކަތް ކުރުމުން އެކަމަށް ނިޒާމީ ނުކުތާއެއް ނަންގަވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި އެފަދަ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.
ރިޕޯޓުގައިވާ ނުކުތާތަކާއި މެދު ހިޔާލުތައް ތަފާތުވާން ފެށުމުން ރިޔާސަތުގައި ހުންނަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޕޯޓުގެ ތަރުޖަމާ މަޖިލީހުގެ ތަޅުމަށް ހުށަހެޅޭތޯ މަސައްކަތް ކުރާނެކަމަށެވެ.
އަނެއްކާވެސް ވާހަކަ ފައްޓަވައި ޝިޔާމް ވިދާޅުވީ، ބައެއް ބޭފުޅުންނަށް ރައީސް ސޯލިހަކީ ވަރަށް މޮޅު ކައްޕިއެއްގެ ގޮތުގައި ސިފަ ކުރެވިދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ކޮންމެ ފަދަ އިބާރާތަކުން ނަމަވެސް ”ކެޔޮޅާ މީ އަހަރެމެން ބުނި ގޮތެއް ނޫނޭ“ ބުނާނެ ހިތްވަރު މަޖިލީހުގެ މެންބަރުންގެ ގައިގައި ހުންނަޖެހޭކަމަށް ޝިޔާމް ވިދާޅުވި އެވެ.
”ކެޔޮޅާއޭ ވައްކަން ތިޔާގި ވެއްޖެއޭ، ކެޔޮޅާއޭ ވަކި ވައްތަރެއްގެ ޖިންސީ ގޯނާ ކުރީމަ އެމައްސަލައެއް ނުބެލެޔޭ، ކެޔޮޅާއޭ ދަރަނި އެބަ އިތުރުވެޔޭ، ކެޔޮޅާއޭ އަޅުގަނޑުމެން އައީ ދަރަނި ނަގާކަން ނޫނޭ ދަރަނި އިންތިހާއަށް ބޯވެއްޖެއޭ، ކެޔޮޅާއޭ މަހަކަށް ހަމަ އަގެއް ނުލިބެޔޭ، ކެޔޮޅާއޭ އެސްޓީއޯއިން ތިން ފަހަރަށް ތެލުގެ އަގު ބޮޑު ކޮށްފިއޭ“
ޝިޔާމް ވިދާޅުވީ ސަރުކާރު ހިންގުމުގައި ހުރި ބޮޑެތި ގޯސްތަކާއި، އޮޅުވާލުންތައް ރައީސަށް ވެސް އިހުސާސް ވާން ޖެހޭ ކަމަށެވެ. ކޮރަޕްޝަންގެ މައްސަލަތައް ނުބެލި ދޫވާކަމާއި، ވަކި މީހަކަށް ވީތީ އެ މީހެއްގެ މައްސަލަ ނުބެލުން، ނުވަތަ ޖިންސީ ގޯނާގެ މައްސަލަތައް ނުބެލުމާއި އަދި ދަރަނިތައް އިތުރުވާއިރު އެކަން ރައީސަށް އަމާޒުކޮށް ގޮވަން ޖެހޭކަމަށް ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ލޯނުތައް ރީސްޓްރަކްޗާކޮށް 2026 ގައި ދައްކަން ޖެހޭ ލޯނުގެ އަދަދަކީ ބޮޑު އަދަދެއްކަމުގައި ވޯލްޑް ބޭންކްގެ ރިޕޯޓުގައި ވާކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވީ ދިވެހި ރާއްޖެއަށް އެ ލޯނުތައް ދެއްކޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. މި ރިޕޯޓުގައި ރާއްޖޭގައި ރިޒާވް ނެތްކަމަށާއި ހުރީ ކުރިއަށް އޮތް ދެމަސްދުވަހުގެ ކާއެތިކޮޅުކަމުގައި ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރަށް އޭނާ ވިދާޅުވީ ޓޫރިޒަމް ދާއިރާއަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލުގެ ސަބަބުން ރާއްޖެއަށް އިތުރަށް އިގްތިސާދީ ގޮތުން ގެއްލުން ވާނެކަމަށެވެ. އަދި ދަރަނިތައް ދެއްކުމުގައި މި އިސްލާހާއިއެކު އިތުރަށް ދަތިވާނެކަމުގައި ދޭހަވާފަދަ މޭރުމަކުން އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ. ޓޫރިސްޓް ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ނުދައްކާވައި ފައިސާގެ އަދަދު 17 ބިލިއަން ރުފިޔާއަށް އަރާކަމަށާއި މި ހާލަތުގައި އަނެއްކާވެސް މި ފައިސާ ކުޑަކޮށްލުމަށް މަސައްކަތް ކުރަނީކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ކޮވިޑްގެ ތެރޭގައި ދިވެހި ރާއްޖޭގެ އިގްތިސާދު މެނޭޖްނުކުރެވުނުކަމުގައި ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ”ކައްޕިތާނު“ ކައިރީ ހަގީގަތަށް ވާހަކަތައް ބުނަންޖެހޭކަމުގައެވެ. އަދި އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔައީ އޮޑި ނުފެތި އޮތީ ”ކައްޕިތާނު“ ގެ މޮޅުކަމުން ނޫންކަމަށާއި ފަރުގާ އޮތީތީކަމަށެވެ.

