ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ގަރާރު: “އިންޑިއާ އައުޓް ހަރަކާތުގެ ބޭނުމަކީ ނަފްރަތާއި ރުޅިކަން އުފެއްދުން”!

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން ހަރަކާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސިފައިން ތިބޭ ތިބުމާ ދެކޮޅަށް ހިންގާ “އިންޑިއާ” އައުޓް” ހަރަކާތުގެ ބޭނުންކީ ރާއްޖޭގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށް އެކަން ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް އަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވައިފި އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ވަދެ، ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ދަނީ ދުވަހުން ދުވަހަށް ފުޅާ ކުރަމުންނެވެ. އަދި އެ ހަރަކާތުގައި އެންމެ އިސޮކޮށް އުޅުއްވާ ކުރީގެ ރައީސް، އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންދަވަނީ އަތޮޅުތަކަށް ދަތުރު ކުރައްވައި ހަރަކާތަތައް ހިންގަމުންނެވެ. އެ މައްސަލައިގައި އެމްޑީޕީ އާއި ސަރުކާރުގެ މެމްބަރުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށް އަންގާރަ ދުވަހު ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅާއި، ޕާޓީގެ އޮފީސް އިމަރާތުގައި “އިންޑިއާ އައުޓް” ޖެހި ބޮޑު ބެނާއެއް ހަރު ކުރި އެވެ.

އިދިކޮޅުން ބެނާތައް ހަރު ކުރުމާއި އެކު މާލޭގެ ބައެއް އެހެން ބޮޑެތި އިމާރާތްތަކާއި އެގަތަކުގައި ވެސް ބެނާތައް ދެމި އެވެ. އެހެންވެ އިއްޔެގެ މަޖިލީސް ޖަލްސާ ފައްޓަވަމުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުން ފޮނުވައިގެން ވިޔަސް އެ ބެނާތައް ނަގަން ގޮވާލި އެވެ. ރައީސް ނަޝީދަށް އެފަދަ އެންގުމެއް ނޭންގޭނެކަމަށް ބުނެ އިދިކޮޅުން ނޫސްވެރިންނާއި ބައްދަލު ވެސް ކުރި އެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް މަޖިލީހުގެ ކޮމިޓީތަކުގައި ވެސް މަސައްކަތްކޮށް، ތަޅުމުގައި ބަހުސްތަކެއް ކުރިޔަށް ގެންދިޔަ އެވެ. އަދި މިއަދު ހަރަކާތްތައް ހުއްޓުވަން އަންގައި ތަންފީޒީ އިދާރާތްތަކުގެ  މައްޗަށް ރައީސުލްޖުމްހޫރިއްޔާ މި ގަރާރު ނެރުއްވާފައި ވަނީ، އިންޑިއާ އައުޓްގެ ހަރަކާތްތަކަކ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމާފައިވާތީ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ހިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ ހަރަކާތްތައް ހިންގުމަށް ގާނޫނު އަސާސީން ދެވެނެ އެންމެ ފުޅާ މިނުގައި ދީފައިވާއިރު ޑިމޮކްރެޓިކް ވެއްޓެއް ނުވަތަ ވެރިކަމެއްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އެ އަސާސްތައް ދެމެހެއްޓުންކަން ގަރާރުގައި ފާހަގަ ކުރި އެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތަކީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ގަރާރުގައި ބުނީ މިއީ ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދެ ގައުމުގެ ދެމެދުގައި ވާ ގުޅުމަށް ގެއްލުންދީ މި ސަރަހައްދުގެ ސަލާމާތާއި ހަމަޖެހުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގެންދާ ހަރަކާތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ޑިޕްލޮމެޓިކް މިޝަންތަކާއި، އެ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ރާއްޖޭގެ ޒިންމާއެއްގެ ގޮތުގައި ފާހަގަކޮށް ރައީސްގެ ގަރާރުގައި ވަނީ ވަކި ގައުމަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވީތީ އެއްވެސް ތަފާތު ކުރުންތަކެއް ނުގެންގުޅެވޭނެ ކަމަށެވެ. އަދި އެފަދަ ވިސްނުމާއި ހިޔާލުތައް ހުއްޓުވުމަކީ ގައުމުތަކުގެ މައްޗަށް އޮތް ޒިންމާއެއްކަމަށާއި މިއީ އދ. އިން ފާސްކޮށްފައިވާ އެކި ގަރާރުތަކާއި ވެސް ހިލާފު އަމަލުތަކެއްގެ ގޮތުގައި ވެއެވެ.

އިންޑިއާ އައުޓްގެ ހަރަކާތަކީ ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ހަރަކާތަކަށް ބަދަލުވެ ގައުމީ ސަލަމަށް ނުރައްކާވާ ހިސާބަށް ގޮސްފައިވުމުގެ ސަބަބުން މިއީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ސަބަބެއްކަމަށް ގަރާރުގައި ވެއެވެ. އަދި ހާއްސަކޮށް މި ހަރަކާތުން ރާއްޖެ ބައިނަލްއަގުވާމީ މައިދާނުން އެކަހެރިވެ އިތުބާރު ގެއްލުމާއި އެކު ޒަމާނުއްސުރެން ފެށިގެން ދިވެހި ދައުލަތް ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅުމުގެ ފުރުސަތު އެބައޮތްކަމަށް ބުންޏެވެ.

މިއީ ވަރަށް ނުރައްކާތެރި ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ރައީސްގެ ގަރާރުގައި ވަނީ މީގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ އެކި ގޮތްގޮތުން ދިވެހި ރައްޔިތުން ފޫނުބެއްދޭވަރުގެ ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންމެ ހަރަކާތަކީ ވެސް ދިވެހި ސަރުކާރުން އެކަން ހުއްޓުވަން ޖެހޭނެ ކަމެއްގެ ގޮތުގައި ގަރާރުގައި ވެއެވެ. އަދި ރާއްޖޭގައި ހިންގާ މިފަދަ ކެމްޕެއިންތައް ހުއްޓުވުމަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތްތަކުގެ ޒިންމާއެއްކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.

ގަރާރުގައި ބުނީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަމްބަރާއި 615 ވަނަ މާއްދާގެ (ހ) ގެ 06 ވަނަ ނަމްބަރުގެ ދަށުން މިފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: